ބާސެލޯނާ

ބާސެލޯނާއަށް އާ ކޯޗެއް ހޯދާފާނެ

މި ސީޒަނުގައި ބާސެލޯނާގެ ފަރާތުން ފެންނަ ދަށް ކުޅުމާއެކު އެ ޓީމުގެ ކޯޗު ކަމުން ރޮނާލްޑް ކޫމަން ވަކި ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ލަލީގާގައި ބާސެލޯނާ ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ ދެ މެޗުންނެވެ. އަނެއް ތިން މެޗުން އެއްވަރު ވެފައި ވާއިރު، ބާސެލޯނާގެ ދަނޑުގައި ގްރަނާޑާ އާއި ބައްދަލުކުރި މެޗުން ވެސް ބަލި ނުވެ އެއްވަރު ކުރެވުނީ ހަމަ ކިރިޔާ އެވެ. އަދި އެންމެ ފަހުން ކާޑިޒް އާއި ރޭ ބައްދަލު ކުރި މެޗުން ވެސް ވީ އެއްވަރެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މި ނަތީޖާ ތަކުގެ އިތުރުން ބާސެލޯނާއިން ކުޅެމުން އައީ ރީތި ޕާސިން ގޭމް މިހާރު ވަނީ އެއްކޮށް ގެއްލިފަ އެވެ. މީގެ ކުރިން ބާސެލޯނާއޭ ބުނެފި ނަމަ ހުރިހާ އެންމެންގެ ހިތަށް އެންމެ ފުރަތަމަ އަންނާނީ އެމީހުންގެ ހާއްސަ ޓިކިޓަކަ ގޭމެވެ. އެކަމަކު މިހާރު އެޒަމާން މާޒީގެ ތެރެއަށް ގަރަގުވެ ބާސެލޯނާގައި މިހާރު އޮތީ ދިގު ބޯޅަ ތަކެއް ލައިގެން ކުޅޭ ގޭމެކެވެ. މިއީ ފުޓްބޯޅަ ހުރިހާ ފޭނުން ކަންބޮޑުވާ ހަގީގަތެވެ.

އަނެއްކޮޅުން ކޫމަން އާއި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި ދެމެދު އޮތީ ވަރުގަދަ ހަނގުރާމައެއް ފެށިފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ބާސެލޯނާގެ ތެރޭގައި މިހާ ބޮޑު މައްސަލަ ގަނޑެއް ފެންމަތިވި ފުރަތަމަ ފަހަރެވެ. ކޫމަންގެ ކޮންޓްރެކްޓް ޑީޓެއިލްތައް ލީކުވި މައްސަލައިގައި ދެފަރާތުން އަންނަނީ ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އަނެއްކޮޅުން ޓީވީ އިންޓަވިއުއެއްގައި ލަޕޯޓާގެ އެޑްވައިޒަރު ވެސް ވަނީ ކޫމަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިމަގުން ކަން ހިނގާފަި އޮތްއިރު، ބާސެލޯނާގެ ކޯޗު ކަމުގައި ކޫމަން އިތުރަށް މަޑު ކުރާނެތޯ ނުވަތަ ބާސެލޯނާއަށް އާކޮޗެއް ހޯދާނެތޯ ނިންމާނީ ރައީސް ލަޕޯޓާ އެވެ. ޔަގީންވާ އެއް ކަމަކީ ކޯޗު ކަމުން ކޫމަން ވަކި ކުރާނަމަ އެމަގާމަށް ދެން ގެންނަން ޖެހޭނީ މިހާރު ބާސެލޯނާގައި މިއޮތް މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެވޭ ވަރުގެ ކޯޗެއް ކަމެވެ.

ކޯޗު ކަމުން ކޫމަން ވަކި ކޮށްފާނެ ކަމުގެ އަޑުތައް ފެތުރެމުން އަންނަ އިރު އެމަގާމަށް ދެން ގެންނާނެ މީހަކާއި މެދު ވެސް އަންނަނީ ގިނަ ވާހަކަ ތަކެއް ދެކެވެމުންނެވެ.

ރޮބާޓޯ މާޓިނޭޒް

ބެލްޖިއަމްގެ ހެޑް ކޯޗެއްގެ މަގާމު އަދާކުރަމުން އަންނަ ކާމިޔާބު ކޯޗިން ހަޔާތެއް އޮތް ރޮބާޓޯ މާޓިނޭޒް ބާސާގެ ކޯޗު ކަމަށް ގެނައުމާއި މެދު މީގެ ކުރިން ވެސް ވަނީ އަޑުތައް ފެތުރިފަ އެވެ. ބެލްޖިއަމްގެ ކޯޗެއްގެ މަގާމުގައި 2022 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓެއް ހަދާފައިވި ނަމަވެސް ބޮޑު ކްލަބަކުން އޭނާއަށް ރަނގަޅު ހުށަހެޅުމެއް އައިސްފިނަމަ ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ ދޫކޮށްލުމަށް ދެކޮޅު ނުހަދާނެ އެވެ. އެނެއްކޮޅުން މާބޮޑު މުސާރައަކަށް މާޓިނޭޒް އެދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މިއީ ވެސް މާލީ ހާލަތު ގޯސްވެފައިވާ ބާސެލޯނާއަށް ލިބޭނެ އިތުރު ހިތްހަމެޖެހުމެކެވެ.

އެކަމަކު މިވަގުތު މާޓިނޭޒްގެ ސަމާލުކަން ހުއްޓިފައި އޮތީ އޮކްޓޫބަރު މަހުގެ މެދު ތެރޭގައި އޮންނަ ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗަށެވެ. އެހެންކަމުން މާޓިނޭޒް ބާސާ އާއި ގުޅޭ ނަމަވެސް ގުޅޭނީ މި މެޗަށް ފަހުގަ އެވެ.

ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އަކީ ވެސް ބާސާގެ އާ ކޯޗުކަމާއި ހަވާލުވެދާނެ އެކަކެވެ. ބާސާގެ ކުރިމަގުގައި ކޯޗު ކަމަށް ޒަވީ ގެނެސްފާނެ ކަމުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވުނެވެ. ގަތަރުގެ އަލް ސާދް ކްލަބަށް މިހާރު ކޯޗުކަން ކޮށްދެމުން އަންނަ ޒަވީ ބާސެލޯނާއަށް އަލް ސާދުން ދޫކުރާނެ ކަމާއި މެދު ޝައްކެވެ.

އެންޓޯނިއޯ ކޮންޓޭ

އިޓަލިއަން ކޯޗު އެންޓޯނިއޯ ކޮންޓޭގެ ސްޓައިލް ބާސެލޯނާގެ ވައްޓަފާޅިއާއި ދިމާ ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ކޮންޓޭ އަކީ ކާމިޔާބު ކޯޗެކެވެ. ބާސެލޯނާއިން މިވަގުތު ފެން ބޮވައިގަނެފައި ހުރީ ކާމިޔާބު ހޯދުމަށެވެ. ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގެ ކުރިން ކޮންޓޭ ވަނީ ތިން ފަހަރެެއްގެ މަތިން ޔުވެންޓަސްއަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި އިޓާލިއަން ލީގުގައި ޔުވެންޓަސްގެ ޑޮމިނެންސް ވައްޓާލައި އިންޓާ މިލާނަށް މުބާރާތް ކާމިޔާބު ކޮށްދިނީ ވެސް ކޮންޓޭ އެވެ. އަނެއްކޮޅުން މިވަގުތު އޭނާ ހުރީ އެއްވެސް ޓީމަކާއި ހަވާލު ނުވެ އެވެ.