ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލް، ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަދަލު ކޮށްފި އެވެ.
ސީއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށާއި މަގާމެއް ހުސްވާނެކަން އެނގޭ ނަމަ އެ މަގާމަކަށް މީހުން ހޯދުމުގައި ދެން އަމަލުކުރަން ޖެހޭ އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިން އަމަލުކުރަން ޖެހޭނީ ޓީޗަރުންގެ އޮނިގަނޑުގެ މަގާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލަށް ކަމަށެވެ.
މި އުސޫލުގެ ދަށުން ޓީޗަރުން މަގާމަށް ހޮވުމުގައި އެ މީހުންނާ އިންޓަވިއު ކުރުމާއި ޕްރެކްޓިކަލް ބަޔަށްދޭ މާކްސްއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އާ އުސޫލުގައި ދެ އިންޓަވިއުއަށް އަދި ޕްރެކްޓިކަލް އަށް މާކްސް ދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މީގެ ކުރިން މި ދެ ބަޔަށް މާގިނަ މާކްސްތަކެއް ނުލިބެ އެވެ.
އާ އުސޫލުގައިވާ ގޮތުން އިންޓަވިއުއަށް 25 ޕޮއިންޓް ލިބެ އެވެ. އަދި ޕްރެކްޓިކަލް އަށް 35 ޕޮއިންޓް ލިބެ އެވެ. މީގެ އިތުރުން ސީއެސް 11 ރޭންކުން ޝަރުތު ފުރިހަމަކޮށްފައިވާނަމަ 25 ޕޮއިންޓް، ސީއެސް 13 ރޭންކުން ޝަރުތު ފުރިހަމަކޮށްފައިވާނަމަ 30 ޕޮއިންޓް އަދި ސީއެސް 15 ރޭންކުން ޝަރުތު ފުރިހަމަކޮށްފައިވާނަމަ 35 ޕޮއިންޓް ލިބެ އެވެ. ވަޒީފާއަށް އެދޭ މީހާއަށް ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ 55 ޕަސެންޓަށް ވުރެ އިތުރުވާން ޖެހޭނެ ކަމަށް ސީއެސްސީގެ އުސޫލުގައިވެ އެވެ.
އާ އުސޫލުގައިވާ ގޮތުން ޓީޗަރުންގެ މަގާމުތަކަށް އިއުލާން ކުރާނީ ހުރިހާ ރޭންކެއްގެ ހުރިހާ ގްރޭޑްތައް ހިމަނައިގެންނެވެ. މަގާމުތަކަށް އިއުލާން ކުރުމުގައި ޝަރުތުގެ ގޮތުގައި ބޭނުން ކުރާނީ ޓީޗަރުންގެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ކަމަށްވެސް ބުނެފައިވެ އެވެ.
މަގާމަށް އެންމެ ގާބިލް ފަރާތެއް ކަނޑައަޅާއިރު ތައުލީމަށް ލިބޭ މާކްސް އާއި މަސައްކަތުގެ ތަޖުރިބާއަށް ލިބޭ މާކްސްއަށް ބަލާނެ އެވެ. ތައުލީމަށް މާކްސް ދޭއިރުގައި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މަގާމުގެ އަސާސީ ޝަރުތު ހަމަވާ ނަމަ، ކްރައިޓީރިއާގައި އަސާސީ ޝަރުތު ހަމަވުމުން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދޭނެ އެވެ. އަދި ތައުލީމީ ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަ ކުރާނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކުގެ އުސޫލު، 2021 ގެ މިންގަނޑުގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.
މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނީ ކުރިމަތިލާ މަގާމާ ގުޅުން ހުރި ދާއިރާއަކުން ލިބިފައިވާ ތަޖުރިބާ އަށެވެ. އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ފަސް ޕޮއިންޓަށް ވުރެ އިތުރު ނުވާނެ ގޮތަށް އެއް ޕޮއިންޓްގެ މަގުން ތަޖުރިބާއަށް ވޯޓު ދޭވޭނެ އެވެ. އާ އުސޫލުގައިވާ ގޮތުން މަގާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާ ނަމަ، އެ މުއްދަތު އުނިކުރުމަށް ފަހު، ކޮންމެ ކެންޑިޑޭޓަކަށް ވެސް ފަސް ޕޮއިންޓަށް ވުރެ އިތުރު ނުވާނޭ ގޮތަށް އަހަރަކަށް އެއް ޕޮއިންޓްގެ މަގުން ތަޖުރިބާ އަށް ޕޮއިންޓް ދޭވޭނެ އެވެ.