މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓީޗަރުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު ގެޒެޓްކޮށްފި

ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު ގެޒެޓްކޮށްފި އެވެ.

ޓީޗަރުންނަށް ލައިސަންސް ދޫކުރުމަކީ 2020 ވަނަ އަހަރު ތަސްދީގު ކުރެއްވި ތައުލީމީ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުންނަށް ލައިސަންސް ދޫކުރަންޖެހެ އެވެ. އޭގެފަހުން ލައިސަންސް ނެތި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުން މަނާވާނެ އެވެ.

އެހެންކަމުން ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު ގެޒެޓްކޮށްފައި މިވަނީ ދިރާސީ އާ އަހަރު ކުޑަތަންވެފައި ވަނިކޮށެވެ.

ގަވައިދު ގެޒެޓްކުރުމާ އެކު ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުން ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރަންޖެހެ އެވެ. އަދި އެމަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ގަވައިދުގެ ދަށުން ލައިސަންސާއި ނުލައި ސްކޫލުތަކުގައި މަސަތްކަތްކުރެވޭނީ ޓިއުޓަރުންނާއި، ވަގުތީ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންނާއި، ލެބް އެސިސްޓެންޓުންނާއި އަދި އިދާރީ މުވައްޒަފުންނާއި ޓީޗަރެއްގެ ދަށުން މަސަތްކަތްކުރާ ސަޕޯޓް ސްޓާފުންނަށް އެކަންޏެވެ. މި މުވައްޒަފުން ފިޔަވާ ދެން ސްކޫލެއްގައި މަސަތްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ޓީޗަރެއްގެ ލައިސަންސް ނެގުން މަޖުބޫރުވާނެ އެވެ.

ޓީޗަރުންނަށް ލައިސަންސް ދޫކުރާނީ އެޑިޔުކޭޝަން މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުންނެވެ.