ވިޔަފާރި

ސްރީލަންކާ ޓޫރިޒަމް ވެސް މިދިޔަ މަހު މަޑުޖެހިލައިފި

Nov 29, 2015
1
  • މިދިޔަ މަހު ވެސް ލަންކާ ޓޫރިޒަމް އިތުރުވި
  • ލަންކާއަށް މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން ދިޔައީ އިންޑިޔާއިން

އަވަށްޓެރި ސްރީލަންކާ ޓޫރިޒަމް މި އަހަރު ކުރިއަރަމުން ދިޔަ ނިސްބަތް މިދިޔަ މަހު މަޑުޖެހުމެއް އަތުވެއްޖެ އެވެ.

ސްރީލަންކާ ޓޫރިސްޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) ގެ ހިސާބުތައް ދައްކާ ގޮތުން މެދުފަންތީގެ ޓޫރިސްޓުންގެ ބޮޑު މާކެޓެއް އޮންނަ ސްރީލަންކާގެ ޓޫރިސްޓު އަންނަ ނިސްބަތް މި އަހަރު އެވްރެޖު ގޮތެއްގައި ހުރީ 16 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގައި ހިފެހެއްޓިފަ އެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު މި ވަނީ 8.8 ޕަސެންޓަށް ސޮއްސާވާލާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ މި އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ސްރީލަންކާއަށް ޓޫސްޓުން ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ގައުމަށް 121،576 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި ދިޔަ މަހު ސްރީލަންކާއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިވަނީ 132،280 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 8.8 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މި އަދަދަކީ މި އަހަރުގެ ޖެނުއަރީ މަހާއި އެޕްރީލް މަސް ފިޔަވައި އެންމެ މަދުން އެ ގައުމަށް ޓޫރިސްޓުން ޒިޔާރަތް ކުރި މަހެވެ.

ސްރީލަންކާ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން އެ ގައުމަށް ޓޫރިސްޓުން ގޮސްފައިވަނީ އަވަށްޓެރި އިންޑިޔާއިން ނެވެ. އެ ގައުމުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 196،819 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މި އަހަރުގެ އޮކްޓޫބަރު މަހު 251،481 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 27.8 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން ސްރީލަންކާ އަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 106،888 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މިދިޔަ މަހު ދިޔަ ޓޫރިސްޓުންގެ އަދަދު 182،110 އަށް މިވަނީ އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓު އިތުރުވެފަ އެވެ.