އުމަރު ނަސީރު

"އަޅުގަނޑު ހުއްޓާ އެމްޑީޕީއަށް މި ސަރުކާރު ކުޑަކޮށް ނުލެވޭނެ"

  • މިއީ ހުރިހާ ގޮތަކުން ސާބިތު، ގާބިލް ސަރުކާރެއް
  • މަގުމަތީގައި ދެން އެއްވެސް ކަމެއް ގޯސްކޮށެއް ނުލެވޭނެ
  • ފުލުހުންގެ މުއައްސާ މިހާރު އޮތީ ސޮލިޑްކޮށް

"ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވި މައްސަލަ އާއި ހަތިޔާރުގެ މައްސަލަ އާއި އެމްއެމްޕީއާރްސީގެ މައްސަލަތައް ލަހެއް ނުވެ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށާއި ކޯޓަށް ދިއުމުން ކުރިން އިއްވާ ހުކުމެއް ކުރިން ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ ފިނިފެންމާގައި ބޮންގޮންވި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ފެނުނު ހަތިޔާރުތަކުގެ މައްސަލައިގެ ތަހުގީުތައް އަދިވެސް ކުރިޔަށްދާ ކަަމަށާއި އެ ތިން މައްސަލައަކީ ވެސް ގުޅުން ހުރި ތިން މައްސަލައަށްވާއިރު ތިން މައްސަލައިގެ ތަހުގީގުތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެ މައްސަލަތަކުގެ ތެރެއިން އައި ބައެއް މައްސަލަ މިހާރު ވެސް ޕީޖީއަށް ފޮނުވަން ފަށައިފިން. ކުރިޔަަށް އޮތް މަދު ދުވަސްތަކުގައި ފަހަރަކު މައްސަލައެއް ޕީޖީއަށް ފޮނުވާނެ އަދި ކޯޓްތަކަށް އެ މައްސަލަތައް ގޮސް ސާބިތުވުމުން އިއްވާ ހުކުމްތައް ވެސް ކުރިން އިއްވާ ހުކުމެއް ކުރިން ތަންފީޒު ކުރަމުންދާނަން،" އުމަރު ވިދާޅުވި އެވެ.

މައްސަލަތަކުގެ ތެރެއިން މިހާރު ޕީޖީއަށް ފޮނުވާފައި ވަނީ އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލައިގެ މައްސަލަ އެވެ. އެ މައްސަލާގައި އެނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާއެވެ.

އުމަރު ވިދާޅުވީ "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވާލި ހާދިސާއަށްފަހުން ފެންމަތިވި ކަންކަމުގެ ތެރެއިން އެޅުނު ފިޔަވަޅުތަކާއެކު ފުލުހުންގެ މުއައްސަސާ މިހާރު ވަނީ ވަރަށް ރަނގަޅަށް ސާފުކޮށްލާފައި ކަމަށާއި އޭރުވެސް މުޅި މުއައްސަސާ އޮތީ މުޅިން ހަލާކުވެފައި ނޫން ކަމަށެވެ.

"އެތަގައި ތިބި ވަރަށް މަދު އަދަދެއްގެ ބަޔަކު އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާ ހާއްސަ ގުޅުންތަކެއް ގާއިމު ކުރީ. އެމީހުންގެގެ ތެރެއިން ބަޔަކު މިހާރު ވަނީ ވަކިކޮށްފައި އަދި ބަޔަކު ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައި، އަދި ބައެއްގެ މައްޗަށް ތަހުގީގު ހިގަމުން އެބަދޭ، މުއައްސަސާ މިހާރު އޮތީ ވަރަށް ސޮލިޑްކޮށް މިހާރަކުއެއް އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެ. ފުުލުހުން މިހާރު އަމަލު ކުރަމުންދާނީ ގާނޫނަށް އަދި ގާނޫނު ތެރެއިން ދާ އަމުރުތަކަށް. ރައީސް ކުރައްވާ އަމުރުތައް ވެސް އަޅުގަނޑު ކުރާ އަމުރަށް ވެސް ދާނީ ފުލުހުންގެ ގާނޫނުގެ ތެރެއިން އަދި ޕްރޮފެޝަނަލް ސްޓޭންޑަސް ހިފަހައްޓައިގެން،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރަށް ހަމަލާ އަމާޒު ވަނީ ކީއްވެ؟

އެމްޑީޕީގެ ހަމަލާތައް އަބަދު އުމަރަށް އަމާޒުވާ ސަބަބުތަކުގެ މައްޗަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ ހުރިހާ ދުވަހަކު އެމްޑީޕީ ބޭނުންހާ ގޮތެއް ސަރުކާރަށް ހަދައި ނުލެވޭނެކަން އެމްޑީޕީއަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

"އެމްޑީޕީއަށް ވަރަށް ސާފުކޮށް އެނގޭނެ މިކަން، އަޅުގަނޑު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުރެއްޖެއްޔާ އެމްޑީޕީގެ އެއްވެސް ބެރަކަށް ސަރުކާރު ނުނަށާނެކަން. އަދި އެމްޑީޕީގެ ހުރިހާ ޓެކްޓިކެއް ބްލޮކް ކުރާނެކަން. ހަގީގަތަކީ މަގުމަތީގެ ހަރަކާތް ވަރަށް ރަނގަޅަށް ދަސްކޮށްގެން އަޅުގަނޑުމެން މި ސަރުކާރު އައިސް މަގާމުތަކާ ހަވާލުވީ. އަޅުގަނޑުމެނަށް އެނގޭ މަގުމަތިން ކުރެވޭ ކަންތަކާ ނުކުރެވޭ ކަންކަން،" އުމަރު ވިދާޅުވި އެވެ.

"އެމްޑީޕީން އެހާ ބޮޑަށް އަޅުގަނޑަށް ހަމަލާ ފޮނުވަނީ އަޅުގަނޑގެ މަގުބޫލްކަން މި ސަރުކާރުގައި ކުޑަ ކުރެވޭތޯ އަދި އަޅުގަނޑުގެ ނަފުސު ބަލިކޮށްލެވޭތޯ. އެކަމަކު އެކަމެއް ނުވާނެ. އެމީހުންގެ ސަރުކާރުގައި އެމީހުންގެ އަތުގައި ހަޒާނާ އާއި ބަޑި ގުދަނާއި ހުރިހާ އެއްޗެއް އޮއްވާ މަގުމަތިން ބަލިކޮށްފައި މި ސަރުކާރު އައީ. އަތުގައި ހުރިހާ އެއްޗެއް އޮވެ ދިފާ ނުކުރެވުނު ބަޔަކަށް އަޅުގަނޑުމެންގެ އަތުގައި ހުރިހާ އެއްޗެއް އޮއްވާ އަޅުގަނޑުމެން ބަލި ކޮށްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އަޅުގަނޑުގަނޑު ކަހަލަ މީހުން ދާހިލީ ކަންކަންކަމާ ހަވާލުވެގެން ތިއްބާ އެންމެ އިންޗިއެއް ވެސް މި ސަރުކާރު ފަހަތަކަށް ނުޖެހޭނެ،"

މަގުމައްޗަށް ނުކުމެ އިގްތިސޯދު ހުއްޓުވުން ދެން ނިމުނީ

އުމަރު ވިދާޅުވީ އެމްޑީޕީއަށް އޮތީ ސިޔާސީ ހަރަކާތުގެ ސަގާފަތް ބަދަލު ކުރުން ކަމަށާއި ދެން މަގުމައްޗަށް ނުކުމެ އިގްތިސޯދު ހުއްޓުވަން ފުރުސަތެއް ނުދޭނެ ކަމަށެވެ. ސަރުކާރު އޮތީ ވެސް އެގޮތަށް ނިންމައިގެން ކަމަށެވެ.

"އެމްޑީޕީއަށް ހީވޭ މަގުމަމައްޗަށް ނުކުމެ ހަލަބޮލިކޮށްގެން ކަންކަން ހާސިލް ވެދާނޭ، އަދި 2004 ވަނަ އަހަރުން ފެށިގެން މަގުތަކުގައި މުޒާހަރާ ހިންގާ، ރޯކޮށް ވަޅި ހަރައި ހަދަމުން ދަނީ ދެވަނަ ބައެއް ނޫން އެއީ އެމްޑީޕީއަށް ވާގި ދޭ މީހުން. އެކަމަކު މިސަރުކާރުން ޔަގީންކަން މިދެނީ މަގުމަތިން ދެން ކަންކަން ހާސިލް ނުކުރެވޭނެ ކަން. މަގުމަތީގައި މުލައްދަނޑީގެ ބާރު ދައްކައިގެން ކަންކުރާނެ ކަމަށް ހީވަންޏާ އެއީ ގޯހެއް،"

އުމަރު ވިދާޅުވީ ސިޔާސީ އެއްވުމާއި ސިޔާސީ ހަރަކާތާއި ހިޔާލުފާޅު ކުރުމަށް ހުރަހެއް ނެތް ކަމަށާއި ނަމަވެސް ރަށުތެރެއަށް ނުުމެ ރަށުތެރެ ބްލޮކްކޮށް ތޮއްޖައްސައި އިގްތިސޯދީ ކަންކަމަށް ބުރޫއަރުވައިލަން ޖާގައެއް ނެތް ކަމަށެވެ.
"މިއީ ވަރަށް ސާފުކޮށް ސަރުކާރުން ނިންމައިގެން ތިބި ނިންމުމެއް. މަގުތަކަށް ނުކުމެ ދެން އިގްތިސޯ ނުހުއްޓުވޭނެ މިކަން އެމްޑީޕީން އަލުން ދަސްކުރަންޖޭހޭނެ ކަމެއް. ކުރިން އެމީހުން ގަބޫލް ކުރި ފަލްސަފާ ދެނެއް މި ގައުމަކު ނުހިނގާނެ މަގުމަތީގައި އަލިފާން ބޯޅަ އުކަން ދިމާކޮށްފިއްޔާ އެ ކަލްޗާ ފުނޑުފުނޑު ކޮށްލާނާން،"

އުމަރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދެއަހަރު ނިމުނު އިރު ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުވި ކަމަށާއި އަދި އެކަން ކުރަން އެމްޑީޕީ ނުކުތް އިރު އެމްޑީޕީގެ އަދަދު ގިނަ ކަމަށާއި ނަމަވެސް މިހާރު އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި މޮމެންޓަމް ގެއްލިއްޖެކަން މަގުބޫލުކަން ކުޑަވެއްޖެކަން މިހާރު އެމްޑީޕީއަށް ވެސް ސާފުވާނެ ކަމަށެވެ.

"މި ސަރުކާރު ލޮޅުންއަރުވަން ކުރަން މަސައްކަތަށް ވެސް ކޮންމެ ފަހަރަކު ދަނީ ނާކާމިޔާބުވަމުން. މި ސަރިކާރު ދާނީ ކުރިޔަށް އަދި ގޯހުން ކުރެވޭ ކަންކަން ވެސް ރަނގަޅު ކޮށްލައިގެން ކުރިޔަށް ދިއުމުގެ ގާބިލްކަން ރައީސް ޔާމީންގެ ސަރުކާރަށް ލިބިގެންވޭ،"