ކުޅިވަރު

އެމްއެންޔޫއެސްޔޫ ވޮލީ މުބާރާތް ފަށައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔޫނިއަން (އެމްްއެންޔޫއެސްޔޫ) އިންޓާ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފި އެވެ.

އެމްއެންޔޫގެ ފެކަލްޓީ ތަކުގެ މެދުގައި ބާއްވާ ހަތް ވަނަ ވޮލީ މުބާރާތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. މި މުބަރާތް އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރު އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫ އަދި އެމްއެންޔޫއެސްޔޫގެ އިސް ވެރިން ބައިވެރި ވެފައި ވާއިރު، ވޯލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވެސް ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

އެމްއެންޔޫއެސްޔޫގެ ދެވަނައަށް އެންމެ ބޮޑު ހަރަކާތުގައި މިފަހަރު ވަނީ ލ. ގަން ކޭމްޕަހުން ވެސް ބައިވެރިވެފަ އެވެ. މިއީ މުބާރާތުގެ ތާރީހުގައި އަތޮޅު ތެރޭގެ ކޭމްޕަހަކުން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ކުޅޭ މި މުބާރާތުގައި މިއަހަރު ޖުމްލަ 15 ޓީމަކުން ބައިވެރިވި އެވެ. އެއީ އަންހެން ޑިވިޝަނުގެ އަށް ޓީމަކާއި ފިރިހެން ޑިވިޝަނުގެ ހަތް ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ފިރިހެން ޓީމާއި ފެކަލްޓީ އޮފް އެންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޓީމެވެ. މި މެޗު ތިން ސެޓަށް ގޮސްގެން ކާމިޔާބު ކުރީ ބިޒްނަސް ސްކޫލު ޓީމެވެ. އަދި އަންހެން ޑިވިޝަނުގެ މެޗުގައި ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ބައްދަލުކުރި މެޗުން ބިޒްނަސް ސްކޫލް މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅޭނީ ތިން ސެޓަށެވެ. އަދި ސެމީ ފައިނަލާއި ފައިނަލު މެޗުގައި ކުޅޭނީ ފަސް ސެޓަށެވެ.

މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވޮލީބޯޅައިގެ ގަވާއިދުތަކަށް އަހުލުވެރިކޮށް ވޮލީބޯޅަ ކުޅުމުގެ ފޯރި އިތުރުކުރުމެވެ. 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްދާ މި މުބާރާތަކީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރ/ކެމްޕަސްތަކުގައި ގާއިމު ކުރެވިފައިވާ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.