ފާރިސް މައުމޫން

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް އެކަނި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން -- ކޮންގްރެސް -- ގައި އިންތިހާބު ކުރާ އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ފާރިސް މައުމޫން ފިޔަވައި އެހެން ބޭފުޅަކު ކުރިމަތިލައްވާފައިނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުން އެ ޕާޓީން މިއަދު ވަނީ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ފައިނަލް ލިސްޓް އާންމުކޮށްފައެވެ.

ޖުމްލަ 12 މަގާމަކަށް ހުޅުވާލިއިރު އެންމެ ފާހަގަކޮށްލެވެނީ "އެމްއާރްއެމްގެ ޒައީމް" ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް މަގާމެއް އުފައްދަވާ ކުރިމަތިލައްވަން ހުޅުވާލާފައި އޮތުމެވެ. އެ މަގާމަށް ކުރިމަތިލެއްވީ އެމްއާރްއެމްގެ ބާނީ ރައީސް މައުމޫނެވެ.

ޕާޓީގެ ރަައީސް ކަމަށް ފާރިސް އެކަންޏެވެ. ނާއިބު ރައީސް ކަމަށް ދެ ބޭފުޅަކު އިންތިހާބު ކުރާނެ އެވެ. ނަަމަވެސް އެއީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. އެމަގާމަށް ކުރިމަތިލެއްވީ ނާދިރާ އާއި ޝަޒައިލް އަދި ޝިމާޒް އެވެ. އެހެން ކަމުން ނާދިރާއާވެސް އިތުރު ބޭފުޅަކު ވާދަ ނުކުރާނެ އެވެ.

މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ.

ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުން އިންތިހާބު ކުރާއިރު އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީއަށް ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެ ކޮމެޓީތަކަށް ކުރިމަތިލާފައިވަނ އިންތިހާބު ކުރާ އަދަދަށެވެ.

އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އެމްއާރްއެމްގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ މެންބަރެއް ނަމަ 30 އަހަރު ފުރިފައި ނުވުމެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުންގެ ތެރެއިން މަގާމަކަށް ކުރިމަތިލައްވާފައިނުވަނީ ޔުމްނާ މައުމޫނާއި ޒަހާ ވަހީދެވެ.