ރައީސް އަބްދުﷲ ޔާމީނަށް ދިން ހަމަލާ

"ސްނައިޕަރާ" ބެހޭ ގޮތުން ލަންކާއިން ދައްކާ ވާހަކަ ދިމަލެއް ނުވޭ

Nov 29, 2015
1

ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްނައިޕަރާ ބެހޭ ގޮތުން ލަންކާ ސަރުކާރުން ދައްކާ ވާހަކަ އާއި އޭނާގެ އާއިލާއިން ބުނާ އެތި މުޅިން ތަފާތު ވެއްޖެ އެވެ.

ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުުހުމަތުގައި ހައްޔަރުކޮށްފައިވާ ލަންކާގެ 24 އަހަރުގެ ލަހިރު މަދުޝަންކަ އާ ބެހޭ ގޮތުން އެ ގައުމުގެ ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މަދުޝަންކަ އަކީ ހިކިމަހުގެ ވިޔަފާރި ކުރަން ރާއްޖެ އައި މީހެއް ކަމަށެވެ. އަދި އޭނާ ރާއްޖޭގައި ކުރި ކަމަކީ ލަންކާގައި ވިއްކުމަށް ރަނގަޅު ހިކިމަސް ކޮޅެއް ހޯދުން ކަމަށެވެ. މިލިޓްރީ އެއްވެސް ޓްރޭނިންއެއް އޭނާގެ ނެތް ކަމަށް ވެސް ލަންކާ އިން ބުންޏެވެ.

އެހެން ނަމަވެސް ލަންކާގެ ސަންޑޭ ޓައިމްސްއަށް އޭނާގެ މަންމަ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ، ދަރިފުޅު ރާއްޖެ އައީ ވަޒީފާ ދޭ ދިވެހި އެޖެންޓަކާ ގުޅިގެން ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި ދަރިފުޅަށް ވަޒީފާދޭނެ ކަމަށް ބުނެ ރާއްޖެ ގެންދިޔަ ދިވެހި އެޖެންސީގެ ނަން މިހާރު ދިވެހި ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. މަންމަ އެދިފައި ވަނީ ދަރިފުޅާ މެދު ދިވެހި ސަރުކާރުން އިންސާފުވެރި ކަމާއި އިހުސާންތެރިކަމާ އެކު އަމަލު ކުރުމަށެވެ. 

އެ ނޫހުގައިވާ ގޮތުގައި ސްރީލަންކާގެ އެ މީހާޔާ ބައްދަލު ކުރުމަށް އެ ގައުމުގެ ސަރުކާރުން ފޮނުވި ލޯޔަރެއް އައިސް ވަނީ ބައްދަލުކޮށްފަ އެވެ. ލޯޔަރު ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މަދުޝަންކައާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ދިނުމަށް ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމަޔަށް ލިބުނު ކަމަށް ލޯޔަރު ބުނެފައިވެ އެވެ.

ފުލުހުން ބުނެފައި ވަނީ ލަންކާގެ އެ މީހާ ރާއްޖެ ގެނައީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ހަރަދުކޮށްގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕާ ރައިފަލްއެއްގެ ސްކޯޕެއް ހިމެނެ އެވެ.