ދުނިޔެ

އައިފޯނަށް ޓައިޕްސީ ކޭބަލެއް މުހިންމެއް ނުވާނެ

ޔޫރަޕުން ބުންޏަސް އެ ބުނާ ގޮތެއް ހެދުން އެޕަލްއަށް މުހިންމެއް ނުވާނެ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް ޔޫރަޕުން ދީފައި އޮތް އިންޒާރަކީ މާކެޓަށް ނެރޭ ކޮންމެ ފޯނަކަށް ޗާޖަރެއް އުފެއްދުން ގަބޫލު ނުކުރާނެ ކަމެވެ. ސްމާޓް އިލެކްޓްރޯނިކްސްއަށް ދަރަޖަ ކުރެވޭ ޑިވައިސްތަކުގެ މެދުގައި ބޭނުން ކުރުމަށް އުފައްދާ ވާގަނޑު އެއްގޮތް ކުރުމަށް ވެސް ޔޫރަޕުން އޮތީ ގޮވާލާފަ އެވެ.

ސްމާޓްފޯން މާކެޓްގައި މައިގަނޑު ގޮތެއްގައި ވާދަވެރިންނަކީ އެންޑްރޮއިޑާއި އައިއޯއެސް އެވެ. އެންޑްރޮއިޑް ސްމާޓްފޯން އުފައްދާ ކުންފުނިތައް ގިނަ އެވެ. އެޕަލް ނޫން ބަޔަކު ފޯނުތަކުގައި އައިއޯއެސް ބޭނުމެއް ނުކުރެ އެވެ.

އެންޑްރޮއިޑް ފޯނުތަކަށް ބޭނުންވާ ހާޑްވެއާގައި ހުންނަން ޖެހޭ ފެންވަރު ކަނޑައަޅަނީ ގޫގުލުންނެވެ. އެހެނެއް ކަމަކު އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުން ފެންވަރު ނެތް ހާޑްވެއާ ވެސް ބޭނުންކުރެ އެވެ.

އައިއޯއެސް ފޯނުތަކަށް ޚާއްސަކޮށް އައިފޯނަށާއި އައިޕެޑަށް ހާޑްވެއާ ފެންވަރު ކަނޑައަޅަނީ އެޕަލުންނެވެ. އެޕަލުން ކަނޑައަޅާ ފެންވަރު ނެތް ހާޑްވެއާތައް އައިފޯނާއި އައިޕެޑްގައި ބޭނުންކުރަން ދަތިވާ ފަހަރު ގިނަ އެވެ.

އެންޑްރޮއިޑް ފޯނުތަކަށް ޗާޖިން ކޭބަލް އެއްގޮތް ކުރުން ފަސޭހަ ކަމަކަށް ވެދާނެ އެވެ. ޔޫރަޕުން ބުންޏަސް އެބުނާ ގޮތެެއް ހެދުން އެޕަލްއަށް މުހިންމެއް ނުވާނެ އެވެ. އައިފޯން ބޭނުންކުރާ މީހުންނަށް ފެންވަރު ރަނގަޅު އައިފޯނެއް ބޭނުންކުރެވޭނީ އެޕަލުން އުފައްދާ ހާޑްވެއާއަށް ރުހުން ދީގެންނެވެ.

ޔޫރަޕުން ބުނަނީ ކޮންމެ ފޯނަކަށް ޗާޖަރެއް، ކޮންމެ ފޯކަށް ވާގަނޑެއް އުފެއްދުމުން އުކާލަން ޖެހޭ އިލެކްޓްރޯނިކް ކުނި އިންތިހާއަށް ގިނަވާ ކަމަށެވެ. އިލެކްޓްރޯނިކް ކުނި ނައްތާލަން ނުވަތަ އަލުން ބޭނުންކުރެވޭ ގޮތް ހަދަ ކުރާހާ މަސައްކަތެއް ތިމާވެއްޓަށް ކަމުނުދާ ކަމަށެވެ.

އައިފޯނާއި އައިޕެޑްގައި މިހާރު ވެސް އެއްކޮޅު ޓައިޕްސީ ކޭބަލް ބޭނުންކުރެވެ އެވެ. އެޕަލުން ކަނޑައަޅާ އިންޖިނޭރިން ފެންވަރު ނެތް ނަމަ އެޕަލުން ބޭނުންވާ ފެންވަރު ފޯނުތަކުން ނުފެނުން އެކަށީގެންވެ އެވެ.

އެޕަލުން މިހާރު ދޫކުރާ އެއްކޮޅު ޓައިޕްސީ އަދީ އަނެއްކޮޅު ލައިޓްނިން ކޭބަލަކީ އެޕަލް ނޫން މަރުކާގެ ޗާޖަރުތަކާ އެކު އައިފޯނާއި އައިޕެޑް ބޭނުންކުރެވޭނެ ގޮތެކެވެ. އެހެންކަމުން ޔޫރަޕުން އެބުނާ މިންގަނޑަށް އައިފޯނާއި އައިޕެޑް މިހާރު ވެސް ފެތެ އެވެ.