ވެމްކޯ

ސިޑިމައްޗަށް ކުޑަކަމުދާ މަންޒަރު ފެންނަ ވީޑިއޯގެ ހަގީގަތް ބުނެދީފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) ގެ މުވައްޒިފަކު ގެއެއްގެ ސިޑިމައްޗަށް ކުޑަކަމުދާ ވީޑިއޯއެއް އާންމުވެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެކަމުގެ ހަގީގަތް ވެމްކޯއިން ސާފުކޮށްދީ ބަޔާނެއް ނެރެފި އެވެ.

ވެމްކޯއިން ބުނެފައިވަނީ މައްސަލަ ދިމާވި ގެއަށް ވެމްކޯގެ މުވައްޒިފުން ޒިޔާރަތްކޮށް މައްސަލަ ހިނގި ގޮތް ބަލާ އެ ގޭގެ މީހުންގެ ކިބައިން މާފަށް އެދިފައިވާ ކަަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ހިދުމަތް ބައްޓަން ކުރަން ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.

އަދި މި މައްސަލާގައި ޝާމިލްވާ އެ ކުންފުނީގެ މުވައްޒިފަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭނާގެ ކިބައިން ކުރީން އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މައްސަލައިގެ ބާވަތުން އެ މުވައްޒިފު ވަނީ ހައުސް ހޯލްޑް އޮޕަރޭޝަނުން އެކަހެރިކޮށްފައިވާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯއިން ކުނި ނަގަން މާފަންނު ގެއަކަށް ވަތް ވެމްކޯގެ މުވައްޒިފަކު ވަނީ ސިޑިމައްޗަށް ކުޑަކަމު ގޮސްފައެވެ. އެ ވީޑިއޯ އާންމުވެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.