(21 ސެޕްޓެމްބަރ 2021އާ ގުޅޭ)
"އެކަމު؟" ޝަހުރަށް ލިބިފައިވާ ދެރައާ އެކުގައި އޭނާގެ ދޫ ހަރަކާތްކޮށްލީ ޑޮކްޓަރުގެ ވާހަކައަށް ޝައްކު އުފައްދާ ފަދަ މޭރުމަކުންނެވެ. ޔޫހާ ޖެހި ބުދެއްހެން އިނީ ޑޮކްޓަރުގެ ޖުމުލައިން ލިބުނު ކުއްލި ޝޮކުންނެވެ.
"ގޭގަ ހަދާ ކޮންމެ ޓެސްޓަކީ އެންމެ އެކިޔުރޭޓު ޓެސްޓަކަށް ނުވެދާނެ. ސްކޭނުން ވެސް ޕްރެގު ކަމަކަށް ނުދައްކާ! ދެން ޤަބޫލު ނުކުރެވެންޏާ އަޅުގަނޑަށް އޯކޭ ލޭގެ ޓެސްޓެއް ހަދާލިޔަސް." ޑޮކްޓަރު ހިނިތުންވެލަމުން ވާހަކަދެއްކިއެވެ.
"އަޅުގަނޑު އިންނާނެ ޓެސްޓު ތަކެއް ހަދާލަން ލިޔެލާފާ! އެއީ ބޮލުގެ ތަދު އިތުރަށް ދެނެގަންނަން." ޑޮކްޓަރުގެ ރެކުއިޒިޝަން ޝަހުރުގެ އަތަށް ދިއްކޮށްލިއެވެ. ދައްކާނެ ވާހަކަ ޝަހުރަށް ހުސްވެއްޖެއެވެ. އޭނާ އާއި ޔޫހާގެ ދޫ ވަނީ މުޅީން ހިމޭން ވެފައެވެ. އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހިންގައިލީ މާޔޫސް ކަމުން ފުރިގެންވާ ޙާލުގައެވެ.
އިރުގެ އަލިކަން ދުނިޔެއާ ވަކިވެގެން ދިޔައިރު، ލިވިޔާ އިނީ އޭނާގެ ގޭގައެވެ. ލިވިޔާގެ ގާތުގައި އޭނާގެ މައިންބަފައިންނާއި ޒަކްވާން ވެސް ތިއްބެވެ. ލިވިޔާގެ މައިންބަފައިންގެ ލޯބި ކިތަންމެހާ ވެސް ބޮޑަށް ޒަކްވާން ވަނީ ހޯދާފައެވެ.
"މަންމަ ވަރަށް އުފާވޭ! ޒަކްވާން އަބަދުވެސް ލިވިޔާގެ ފަހަތުގަ ހުންނާތީ. ތިކަހަލަ ފިރިހެނުން މަދުވާނެ މިހާރު." ހާލިދާ ފިރުމައިލީ ޒަކްވާންގެ ބޮލުގައެވެ. ނިކަން ފޮނި ވެގެން ޒަކްވާނަށް ހިނިތުން ވެވުނީ ލަދުރަކި ކަމާ އެކުގައެވެ. ހާލިދާގެ ވާހަކަތަކަށް މާހިރު ވެސް ހުރީ ނިކަން ތާއީދު ކޮށްގެންނެވެ. ދޭތެރެ ދޭތެރެއިން ހާލިދާ ގެންދަނީ އޭނާގެ ދަރިފުޅުގެ ހިތުގައި ޒަކްވާނާ މެދުގައި އޮންނަނީ ކީކޭތޯ ބަލަން ޓެސްޓު ތަކެއް ވެސް ހަދަމުންނެވެ. ނަމަވެސް އަދި މި ވީހާ ތަނަށް ފެއިލް ވަނީ ވެސް ހަމަ ހާލިދާއެވެ. އެކި ފަހަރު މަތިން ހާލިދާ އެދެމީހުންނަށް ދިމާ ކުރަނީ ވެސް ޓެސްޓުގެ ބައެއްގެ ގޮތުގައި ބަލައިގެންނެވެ. ޒަކްވާންގެ ވާހަކައަކީ ހަމައެކަނި ސިޓިންގރޫމުން ހާލިދާ ނިންމައިލާ ވާހަކައެއް ނޫނެވެ. ޒަކްވާނާ ލިވިޔާގެ ވާހަކަ އޮންނަނީ ހާލިދާ އާއި މަންސޫރުގެ ނިދާ ގަޑީގެ ވާހަކައަކަށް ވެސް ބަދަލު ވެފައެވެ.
***
ރަސްފަންނުގައި ޝަހުރާއި ޔޫހާ އިނީ ވަރަށް ހިމޭން ކަމާ އެކުގައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޔޫހާ އިސްދަށަށް ޖެހި ބޯ ނަގައި ނުލާއިރު، ޝަހުރު އިނީ މުޅިން އެހެން ދުނިޔެއަށްގައެވެ. ދަރިއަކަށްޓަކައި ކުރެވޭ މަސައްކަތުގައި އަބަދުވެސް ކުރިމަތި ވަމުން އަންނަ ހުރަސްތަކުން ޝަހުރުގެ ސިކުނޑިއަށް ވަނީ ބުރަ ވެފައެވެ. ނަމަވެސް އެ ޚިޔާލު ތަކާއި ވިސްނުމުގެ ތެރެއިން ވެސް ޝަހުރަށް ދިރުން ގެނެސްދެނީ އޭނާގެ ހިތުގައި އޮތް އަޒުމެވެ. އުއްމީދެވެ.
"ޔޫހާ!" ޝަހުރު ހިފައިލީ ޔޫހާގެ އަތުގައެވެ.
"އަހަރެމެން މިގޮތަށް މާޔޫސް ވާކަށް އަދި ނުވޭ! ދަރިއަކު ނުލިބެގެން އަހަރެމެން އަދި އުޅޭކަށް ނުވެއެއްނު؟ ދަރިން ދެއްވާނީ އެހެން ފަރާތަކުން. އެކަލާނގެ އެގޮތަށް މިންވަރު ކުރެއްވީމަ، އެންމެ ރަނގަޅު ވަގުތުގައި އަހަރެމެންނަށް ވެސް ދަރިއަކު ދެއްވާނެ." ޝަހުރުގެ އިނގިލިތަކުން އޭނާ ގެންދިޔައީ ޔޫހާގެ އަތް ތިލައިގައި ފިރުމަމުންނެވެ.
"ޑޮކްޓަރު ބުނި ޓެސްޓުތައް ވެސް ނިމުނީއެއްނު؟ މާދަމާ ރިޒަލްޓު ލިބޭނެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް.." ޝަހުރު މަޑުމަޑުން ޔޫހާގެ އަތުގައި ހިފައިލުމަށްފަހު، އޭނާ ކޮޅަށް ނެގިއެވެ. އަދި ދެމީހުން މަޑުމަޑުން ހިނގަން ފެށިއެވެ.
"ނަސީބެއް މަންމަމެން ގާތު ނުބުނެވުނުކަން. އެހެން ނޫން ނަމަ..." ޝަހުރުގެ ކޮނޑުގައި ބޯ އަޅައިލަމުން ޔޫހާ ވެސް ދިޔައީ މަޑުމަޑުން ކުރިއަށް ފިޔަވަޅު ނަގަމުންނެވެ.
***
"މަންމަ އެބަ ގުޅާ!" ހައިރާން ކަންމަތީގައި ހުރެ ޒަކްވާން ބަލައިލީ އޭނާގެ ފޯނަށެވެ. ލިވިޔާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ދުވަސްތަކަކަށް ފަހު ހުސްނާގެ ކޯލެއް ޒަކްވާނަށް އައުމުންނެވެ. ޒަކްވާން ސޯފާއިން ތެދުވެގެން ގޮސް ފޯނަށް ޖަވާބު ދިނެވެ.
"ހަލޯ!" ޒަކްވާން ވާހަކަދައްކަން ފެށީ ހައިރާންވެ ހުރެއެވެ.
"ޒަކްވާން. މީ ހުސްނާ. މަންމަ ކިޔަން ބޭނުން ނުވާ ދަރިއެއް ވީމަ މިހެން މި ބުނެލީ. ވާހަކައެއް ބުނަން.." ހުސްނާގެ އަޑުން ޒަކްވާނަށް ފާހަގަވީ އުފާވެރިކަމެވެ. ހުސްނާ ވާހަކަދައްކަމުން ދިޔައީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ.
"ކޮން ވާހަކައެއް؟" ޒަކްވާން އިތުރަށް ހައިރާން ވިއެވެ.
"ޒަކްވާނަށް މީ އުފާވެރި ޚަބަރަކަށް ނުވެދާނެ! ބޮޑަށް ބެލެވެނީ މީ ޒަކްވާނަށް އަޑު އަހަން އުނދަގޫ ވާހަކައަކަށް ވާނެކަމަށް." ހުސްނާ ވާހަކަ ގެންދަން އުޅުނީ ދުރުދުރުންނެވެ.
"ކޮން ވާހަކައެއްތަ؟" ޒަކްވާން އަހައިލިއެވެ.
"ހާދަ ކެތް ނުލަވައޭ ދޯ؟ ޔޫހާ މަންމައަކަށް ވަނީ.. ޝަހުރު ބައްޕަ އަކަށް ވަނީ... ހެހެ! އެކަމުގެ އުފަލުގައި މިއުޅެނީ ޝަހުރަށް ސަޕްރައިޒެއް ދޭން. އެމީހުން ގެއަށް އަންނަން ވާއިރަށް. ޒަކްވާން ގާތުގަ ވެސް ބުނެލީ.." ހުސްނާ ފޯނު ބޭއްވީ ހެމުންނެވެ.
"ކިހިނެއްވީ؟" ލިވިޔާ ކޮޅަށް ތެދުވެގެން ގޮސް ހިފައިލީ، ޒަކްވާންގެ ކަނާއަތުގައެވެ.
"އެބަ އަންނަން.." ޒަކްވާން ވަރަށް އަވަސްކޮށް ގެއިން ނުކުތެވެ. ލިވިޔާ އާއި ލިވިޔާގެ މައިންބަފައިން ސުވާލު މާރކެއް ޖަހައިގެން ތިބީއެވެ. ޔޫހާ އާއި ޝަހުރަށް ދަރިއަކު ލިބެން އުޅޭ ވާހަކަ ލިވިޔާގެ ޢާއިލާއަށް އަންގަން ޒަކްވާން ބޭނުން ނުވީއެވެ. އެއީ ޒަކްވާން ކުރަން ޖެހޭނެ ކަމެއް ކަމަށް ޒަކްވާން ނުދެކެއެވެ.
"ރަނގަޅު ވާނެ! މަންމަމެން ހަމަ ޖެހޭ!" ލިވިޔާ ބަލައިލީ އޭނާގެ މައިންބަފައިންނަށެވެ.
***
ޒަކްވާން ދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ގެއަށެވެ. މުޅި ގޭތެރެ ހީވަނީ ބޮޑު ޢީދަކަށް ތައްޔާރު ކޮށްފައި އޮތްހެންނެވެ. ޒަކްވާން ފެނުމުން ހުސްނާ އުފަލުން ގޮސް އެންމެ ފުރަތަމަ ވެސް ބައްދައިލީއެވެ.
"އެނގޭ ދަރިފުޅު އަންނާނެކަން. އެއް ލޭ ހިނގާނެތާ! ދަރިފުޅު ވެސް ބޮޑުބެއަކަށް ވަނީ.." ހުސްނާ ހުރީ ޒަކްވާންގެ ގައިގައި ބައްދައި ގަނެގެންނެވެ. ޝީލާ ކުނި މޫނު ހަދައިގެން ބަލަން ހުރީ ޒަކްވާނަށެވެ. ހުސްނާ އުފާވެފައި ހުރި މިންވަރު ފެނިފައި ޒަކްވާނަށް ވެސް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. މަންމަގެ އުނގު ފަޅުފިލުވައިލަން މާމަ ދަރިއެއް ލިބުމަކީ ހުސްނާގެ އަބަދުވެސް ހުވަފެނެއްކަން ޒަކްވާނަށް އެނގޭތީއެވެ. ނަމަވެސް ޒަކްވާން އެތަނުގައި ހުރީ އެންމެ އުފާވެފަ އެއް ނޫނެވެ. ޒަކްވާންގެ ހިތަށް ވަރަށް އުނދަގޫ ވެއެވެ. ވަރަށް ތުރާ ލިބެއެވެ. ކޮންމެ ގޮތެއް ވިޔަސް، ލިވިޔާގެ ބަނޑުގައި ވެސް އެވަނީ މި ޢާއިލާގެ ލެޔެވެ. ހަމަ ހުސްނާގެ މާމަ ދަރިއެކެވެ. އެކަމަށް ނުވި އުފަލެއް މިއަށް ވާންވީ ކީއްވެ ހެއްޔެވެ؟ ޔަޤީނުން ވެސް ލިވިޔާ އިނީ ބަލިވެކަން އެނގޭ ހިސާބުން ހުސްނާ ނިކަން ރުޅި އަންނާނެކަން އެއީ ޒަކްވާން ޔަޤީން ކުރާ ކަމެކެވެ.
"އަހަރެން މިތަނަށް މިއައީ އަހަރެންގެ ދޮންބައަށް މަރުޙަބާ ކިޔަން. ކިތަންމެ ރުޅި އަޔަސް ޢާއިލީ ގުޅުމެއް ނުކެނޑޭނެ. އެހެންވެ. މީ ދޮންބެއަށް ވަރަށް އުފާވެރި ދުވަހަކަށް ވާނެތީ. އަހަރެން ބޭނުން ވަނީ ދޮންބެގެ އުފަލުގައި ބައިވެރިވާން." ޒަކްވާންގެ ޖުމުލައިން ހުސްނާއަށް އުފާވެރިކަން ލިބުނެވެ. އެއީ ޝަހުރާ މެދު ހެޔޮ ބަހެއް އިއްވީތީއެވެ. ޝަހުރުގެ ކަމަކާ ގުޅިގެން ޒަކްވާން އެތަނުގައި ހުރީތީއެވެ.
މަޑުމަޑުން ފަހަރަކު ފިޔަވަޅެއް ސިޑިން ނަގަމުން ގޮސް ޝަހުރާޢި ޔުހާ ގޮސް ހުއްޓުނީ އެމީހުންގެ އެޕާރޓުމެންޓުގެ ދޮރު ކުރިމަތީގައެވެ. އެންމެ ފުރަތަމަ ވެސް އެދެމީހުންނަށް ބަލައިލެވުނީ ދޮރުގެ ބޭރުގައި ތަތް ކޮށްފައިވާ ނޯޓު ކޮޅެވެ. "ވެލްކަމް ޓު ހޯމް" ޖަހާފައިވާ ނޯޓު ކިޔައިލުމަށްފަހުގައި ޝަހުރު ގޭގެ ދޮރަށް ތަޅުދަނޑި ޖަހައިލިއެވެ. ގޭތެރޭގައި ސަޕްރައިޒްގެ ކަންތަކަށް އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.
"މަރުޙަބާ.. ކޮންގްރާޓްސް.." އެކީ އެކައްޗަކަށް އެންމެން ގޮވައިލިއެވެ. ޔޫހާ އާއި ޝަހުރަށް ލިބުނީ ޙަޤީޤަތުގައި ވެސް ބޮޑު ހައިރާން ކަމެކެވެ. ޔޫހާއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ ބިރުންނެވެ. ޝަހުރު ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ. ޒަކްވާން ފެނުމާ އެކުގައި އިތުރަށް ޝަހުރު ހައިރާން ވިއެވެ.
"ދޮންބޭ! ރުޅި އައިސްފަ އަބަދަކު ނުތިބެވޭނެ! އެކަމު، އަހަރެން މިއަދު މިތަނަށް މިއައީ ލިބުނު ޚަބަރުން އުފާވެގެން. އެއީ ދޮންބެގެ ކަމަކަށް ވީމަ، ބޮޑު ކަމަކަށް ވީމަ. އެ އުފަލުގައި ކޮންމެވެސް ސިފައެެއްގަ ބައިވެރިވާން.." ޒަކްވާން ގޮސް ހުއްޓުނީ ޝަހުރުގެ ކުރިމަތީގައެވެ. ޒަކްވާން ދެއްކި ވާހަކައިން ޝަހުރަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.
"ކިހިނެއް މިތާގަ މިވަނީ؟" ޝަހުރު ވާނުވާ ނޭނގިގެން އަހައިލިއެވެ.
"ބަލަ ދަރިފުޅާ!" ހުސްނާ ކުރިއަށް ފިޔަވަޅެއް ނެގިއެވެ.
"މީ މަންމަމެން ދަރިފުޅަށް ރޭވި ސަޕްރައިޒެއް. ދަރިފުޅު ނޫނީ ނެތް ހަލާލު ގުޅުމަކުން ގުޅިފަ ހުރި މީހެއް މި ޢާއިލާގަ. ދެން ހުރީ ހިލޭ އަންހެނެެއް ގާތުގަ އުޅޭ ދަރިއެއް. އެ ދަރި ވެސް، އެ އަންހެން މީހާ ފަރާތުން މިވަރުގެ ނަސީބެއް ލިބެން ނެތީމަ، މަންމަ މި ޚަބަރު ދިނީމަ އުފަލުން އައިސް އެއައީ.." ހުސްނާ ފައުޅުގައި ޒަކްވާނަށް ކޮށްލީ މަލާމާތެވެ. ހުސްނާގެ ފަރާތުން ފެނުނީ މަކަރުވެރި ކަމާއި، ދެއްކުންތެރިކަން ޒަކްވާނަށް ފަހުމް ވިއެވެ. ޒަކްވާންގެ ހިތުގައި ޖެހުނަސް އެކަން އޭނާ ނުދައްކައެވެ.
"ދަރިފުޅު ބައްޕަ އަކަށް ވަނީކަން މަންމައަށް އެނގެއޭ! މަންމަ އަޑު އެހީމޭ، ދަރިފުޅުމެން ދެއްކި ވާހަކަ.." ހުސްނާ އެހެން ބުނުމާ އެކުގައި، ޝަހުރަށް ވަގުތުން ބަލައިލެވުނީ ޔޫހާގެ މޫނަށެވެ. ޔޫހާގެ ދެލޮލުން ހޯސް ލާފައި ކަރުނަތައް ފައިބައިގަތެވެ. އެންމެންގެ ތެެރޭގައި ޔޫހާއަށް ފެށުނީ ރޯންށެވެ. މޫނުމަތީގައި އަތް އަޅައިގެން ޔޫހާ ދުވެފައި ކޮޓަރިއަށް ވަނީ އެންމެންނާ ކުރިމަތިލާނެ ހިތްވަރު އޭނާގެ ނެތީމައެވެ. ޔޫހާގެ ހަރަކާތްތަކުން އެތަނުގައި ތިބި މީހުންނަށް ވާނުވާ ނޭނގި، އެންމެންގެ ބަސް ހުސްވިއެވެ. (ނުނިމޭ)