އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމިކް ޔުނިވާސިޓީގައި މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރުމަށް ސޮއިކުރެވިގެން ދިޔައީ މެލޭޝިޔާގެ މައްޝޫރު ޔުނިވާސިޓީ ތަކަށްވެސް މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އޯޓޫޔޫ ސޮލިއުޝަންއާ އެކުގަ އެވެ. އަދި މިސިސްޓަމް ގާއިމް ކުރުމަށް ދައުލަތުގެ ބަޖެޓުން 3.3 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސިލަރު އަލީ ރަޝީދު ވިދާޅުވީ މިހާރު ޔުނިވާސިޓީގައި މަނޭޖްމަންޓު ސިސްޓަމެއް ގާއިމްކުރެވިފައި ނުވާ ކަމަށާއި އޭގެ ސަބަބުން އެ ޔުނިވާސިޓީގައި ތަމްރީން އަދާކުރަމުންދާ 2500 ދަރިވަރުންގެ ހުރިހާ މައުލޫމާތުތަކެއް ހަދައި ސްޓޯ ކުރެވިގެން ދަނީ މެނުވަލް ކޮށް އެކްސެލް ޝީޓެއްގައި ކަމަށެވެ.
"މީގެ ސަބަބުން ސްޓާފުންނާއި ދަރުުިވަރުންގެ މައުލޫމާތުތަށް ރަނގަޅަށް ބަލަހައްޓަން ދަތިތަކާއި ދިމާވެ. އެހެން ނަމަވެސް މިހުރިހާ ކަމެއް ހައްލު ކުރުމުގެ މަގްސަދުގައި ފެންވަރު ރަނގަޅު ލުއިފަސޭހަ ހިދުމަތެއް ދިނުމަށް މިފަދަ މެނޭޖްމަންޓް ސިސްޓަމެއް ބޭނުންވެ،" ރަޝީދު ވިދާޅުވި އެވެ.
އޯޓޫޔޫ އިން ފޯރުކޮށްދޭ މެނޭޖްމަންޓް ސިސްޓަމުގެ ބައެއް ހިދުމަތްތަކަށް އަލި އަޅުވާލައި ރަޝީދު ވިދާޅުވީ އެ ސިސްޓަމްގެ ތެރޭގައި ހިމެނޭ އީ ލާނިންގް ގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އިސްލާމިކް ޔުނިވާސިޓީގެ ކޯސްތަށް ހަދަން ބޭނުންވާ މީހުންށް އެފުރުސަތު ލިބިގެން ދާނެ ކަމަށާއި އަދި ކޯހަށް އެދޭ ދަރިވަރުންނަށް އޮންލައިންކޮށް އެޕްލައިކޮށް ކޯހަށް ފީދެއްކޭނެ ކަމަށެވެ.
މީގެ އިތުރުން ޕޭރަންޓް ޕޯޓަލް މެދުވެރިކޮށް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ފެންވަރާއި ތައުލީމް އަދާކުރަމުންދާ ގޮތާއި ހާޒިރުވާ މިންވަރު
ބެލެނިވެރިންނަށް ފެންނަން ހުންނާނެ ކަމަށާއި އަދި ޔުނިވާސިޓީގެ ކިޔެވުން ނިމުމަށް ފަހު އެ ކުދިންނާއި ވަޒީފާ ދޭ ފަރާތްތަކާއި ގުޅުވާދޭނެ ފަދަ ޖޮބް ޕޯޓަލްވެސް ހިމެިގެންދާނެ ކަމަށް ރަޝީދު ފާހަގަ ކުރިއެވެ.
"ކޮންމެއަކަސް އަޅުގަނޑުމެން ދުނިޔެ ފެންވަރުގެ ޔުނިވާސިޓީތަކާއި ފައި ހަމަކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ މި ސިސްޓަމާއި އެކު އަދި އަންނަ މަހު ހަތެއްގައި އޯޓޫޔޫގެ ޓެކްނިކަލް ޓީމެއް އައިސް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ފަށާނެ،" ރަޝީދު ވިދާޅުވި އެވެ.