ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާގެ ބައެއް ޓަވަރުތަކުގައި ކުނި ޖަމާވެ ތަނުގައި ފުޅަ އަޅައިފި އެވެ.
ފްލެޓަތަކަށް މިމަހުން ފެށިގެން މީހުން ދިރިއުޅުން ބަދަލުކުރަމުން އަންނައިރު އަދިވެސް އެތަނުގައި ކުނި ނަގާނެ އިންތިޒާމްތަކެއް ހަމަޖެހިފައެއް ނެތެވެ.
ހިޔާ ޔޫނިއަން އިން މިއަދު ވަނީ އުކާލާ ކާތަކެތި އަޅާނެ ޑަސްބިނެއް ވެސް ބަހައްޓާފައި ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހިޔާ ޔޫނިއަނުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކޮށްފައިވާ ޓްވީޓުގައި ހިޔާގެ އެޗް3 ޓަވަރުގެ ތިރީގައި ބަހައްޓާފައިވާ ކުނިތަކުގެ ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
މި ފޮޓޯތަކުން ފެންނަ ގޮތުގައި ކުނިތައް އެއްތަނަކަށް ޖަމާކޮށްފައި ހުންނަތާ ގިނަ ދުވަސްވެގެން ކުނި ކޮތަޅުތައް މުޅިތަނަށް ފަޅައިގެން ގޮސް އެތަން ވަނީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ. އަދި ފުޅަ އަޅައި ތަޅުންގަނޑުވެސް ވަނީ ހަޑިވެފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ އެ ޓަވަރުތައް ހެދި އިރު ސާވިސް ލިފްޓެއް ގާއިމްކޮށްފައި ނެތް ކަމަށެވެ. ސާވިސް ލިފްޓެއް ނެތި ކުނި ނެގުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ވެމްކޯއިން ކުނި ނަގަނީ އެންމެ ތިރިން ނަމަވެސް އެ މަސައްކަތް ފެށޭވަރު ވާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.
މީގެ އިތުރުން ވެމްކޯގެ މަސައްކަތް ފެށެން ދެން އެޗްޑީސީން އެ މަސައްކަތް ކޮށްދޭނެ ކަމަށް ވެސް ސުހައިލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވިދާޅުވެފަ އެވެ.