ޓޫރިޒަމް

ރާއްޖެ އިޝްތިހާރު ކުރަން ދެކުނު އެފްރިކާގެ ނޫސްވެރިން އަތުވެއްޖެ

Sep 26, 2021

ގައުމުތަކުގެ ނޫސްވެރިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެކުނު އެފްރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ ދެކުނު އެފްރިކާގެ އިންޑިޕެންޑެންޓް ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސްގެ ނޫސްވެރިންނެވެ.

ދެކުނު އެފްރިކާގައި އެންމެ މަގުބޫލު ދެ ނޫހުގެ ނޫސްވެރިން އިއްޔެ ރާއްޖެ އައިސްފައިވާއިރު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ މީހުން ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.

ނޫސްވެރިން ތިބުމަށް ހަމަޖައްސާފައިވަނީ ދަ ވެސްޓިން މޯލްޑިވްސް، މިރިއަންދޫ ރިސޯޓް، ފުށިފަރު މޯލްޑިވްސް އަދި ހައިޑަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގަ އެވެ. އެ މީހުން ރިސޯޓު ތަކުގައި ތިބޭއިރު އެ ތަންތަނުގެ ސްޕާގެ ޚިދުމަތާއި، ރެސްޓޯރަންޓްތަކުން ލިބޭ ތަފާތު ކެއުންތައް ތަޖުރިބާކޮށް ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.

ރާއްޖޭގައި މިވަގުތު ތިބި ދެކުނު އެފްރިކާގެ ނޫސްވެރިން އަނބުރާ އެ މީހުންގެ ގައުމަށް ގޮސް ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކޮށް ރާއްޖެއިން ކުރެވެން ހުރި ތަފާތު ތަޖުރިބާތަކާ ގުޅޭގޮތުން ލިޔުންތައް ލިޔާނެ އެވެ.

ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ޑަބްލިއުޓީއެމް އެފްރިކާގެ ވާޗުއަލް ހަރަކާތުގައި ރާއްޖެ އިން މި އަހަރު ވަނީ ބައިވެރިވެފަ އެވެ.