(23 ސެޕްޓެމްބަރ 2021 އާ ގުޅޭ)
"ނީރާ... މެރީކުރުމަށްފަހު ވަރަށް ބަދަލުވެއްޖެ. އޭނާ ބޭނުމެއްނުވޭ ދޯ އީހާނާއެކު އުޅޭކަށް." ޔަމާނު ޖެހިލުންވިޔަސް ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ.
އީހާނު ހިމޭންވެލި ގޮތުން ހީވީ ބުނާނޭ އެއްޗަކާމެދު ވިސްނަނީ ހެނެވެ. އޭނާގެ ޖަވާބެއް އައުން ލަސްވާން ފެށުމުން ޔަމާނު ވާހަކަދެއްކިއެވެ. ބުނެވުނީ ތެދުވާހަކައަކީތޯ ޔަމާނު އެއްސެވެ. އެކަމަކު އޭނާގެ ވާހަކަ ކުރިއަށް ގެންދާނޭ ފުރުސަތު އީހާނު ނުދިނެވެ. ޔަމާނު މަޑުކުރީ އީހާނު ވާހަކަދައްކަން ފެށީމައެވެ.
"ތިހެން ހީވާންޖެހޭ ސަބަބެއްނެތް. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭ ވެސް މައްސަލަތަކެއް ހުންނާނެ. އަހަންނާއި ނީރާ ވަކިވުމުގެ ވިސްނުމެއްނެތް. ކުއްލިއަކަށް ކުރެވުނު ކައިވެންޏަކަށް ވިޔަސް ނީރާއާއި އަހަރެން ގަބޫލުވެގެން ކުރެވުނު ކައިވެންޏެއްމީ." އީހާނު ބުންޏެވެ.
"ކުއްލިއަކަށް ކުރެވުނަސް ދެފަރާތުގެ ރުހުމާއި ގާތްކަން އޮތުން މުހިންމު. އެ ރުހުމާއި ގާތްކަން ލޯތްބަށް ބަދަލުވާނީ އޭރުން. އެކަކުއަނެކަކަށް އިތުބާރު ކުރެވޭނީ ވެސް އޭރުން."
"ޔާނު، ކީއްވެ ކުއްލިއަކަށް އަހަރެންގެ ކައިވެންޏާމެދު ތި ސުވާލުކުރަނީ. މިބުނީނު ހުރިހާކަމެއް ރަނގަޅޭ. ނީރާ ދެކެ އަހަރެން ލޯބިވާއިރު އޭނާއަށް ދެރައެއް ނުދޭނެއެއްނު. އަހަރެމެން ވަރަށް އަވަހަށް ކުއްޖަކު ހޯދަން ވެސް ޕްލޭންކޮށްފިން. އޭރުން ވެސް ލައިފް ސެޓްލް ވާނެއެއްނު."
އީހާނުގެ ވާހަކަ ހުރި ގޮތުން ޔަމާނަށް ޖެހުނީ އެ މައުޟޫޢު ދޫކޮށްލާށެވެ. ހިތާއި ސިކުނޑީގައިވީ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ނުލިބުނެވެ. އީހާނު ތެދު ބަހުން ކިޔާދީފާނޭކަމާ މެދު ވެސް ޔަމާނަށް ޝައްކެވެ. ރިދާ އޭނާގެ ކައިރީ ދޮގެއް ނުހަދާނެއެވެ. އީހާނުދެކެ ނީރާ ކުޑަކޮށް ވެސް ލޯބިނުވެޔޭ ބުނީ ރިދާގެ ގާތުގައެވެ. ނީރާ ކިޔާދިން ވާހަކަތައް ޔަމާނަށް އެނގުނީ ރިދާ ބުނީމައެވެ. އެކުވެރިކަން ކަނޑާލުމަކީ ޔަމާނުގެ ވިސްނުން ހުރި ގޮތެއް ނޫނެވެ. ބޭނުންވީ އީހާނުގެ ހިޔާލު ހުރި ގޮތެއް ހޯދުމެވެ. އޭނާ ބުނާ އެއްޗެއް ބެލުމެވެ. ސުވާލު ގިނަކުރިޔަސް އީހާނު ބުނިއްޔާ ނޫނީ އޭނާގެ އަނގައިން ކަމެއް ދެނެ ނުގަނެވޭނެއެވެ. އޭނާ އެހުރީ ނީރާއާ ކުރި ކައިވެނީގެ ވާހަކަ ދައްކާ ގޮތަކަށް ނޫނެވެ. އީހާނުގެ ވާހަކަތަކުންނަމަ އެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. ހަމަޖެހެއެވެ. ނީރާދެކެ އޭނާ ނުހަނު ލޯބިވެއެވެ. ނީރާއަށް އޭނާ ދެރައެއް ނުދޭނެއެވެ. އެކަމަކު އެ ވާހަކަތައް ގަބޫލުކުރަން ޔަމާނަށް ވެސް ދަތިވެއްޖެއެވެ. މިހުރިހާކަމެއް އެނގުމުން އޭނާ ދެންވީ ލައިޒަލްގެ ކައިރިއަށް ވާހަކަ ހިފައިގެން ދާން ހެއްޔެވެ. އެކަމަކު އޭނާއަކީ އެކަހަލަ މީހެއް ނޫނެވެ. ލޯބިނުވިޔަސް ނީރާއަކީ އަދިވެސް އީހާނުގެ އަނބިމީހާއެވެ. ހަމައެގޮތަށް ލައިޒަލް އެ ހުރީ އުޝާއާ އިނދެގެންނެވެ. އެ ދެމީހުންގެ ނިންމުގެ ތެރެއަށް ޔަމާނު ވަންނާކަށް ހަގީގަތުގައި ބޭނުމެއްނުވެއެވެ. ކައިވެނިކޮށްގެން އެމީހުން ތިބީމައެވެ. އޭނާ ވެސް ދެކަފިވެފައިވާ ލޯބީގެ މިކޯޅުން ނިމޭން އެދެއެވެ. އެހެންވީމަ ނިމޭގޮތެއް ބަލަން އޭނާ ވެސް ދުރުގައި ހުންނާނީއެވެ.
ލައިޒަލް އެދިފައި އޮތް ކަންތައް މަތީން ޔަމާނު ހަނދާންވީ ދެނެވެ. އީހާނަށް ގޮވާލައި ހުރިހާ އެކުވެރީން ދަތުރެއް ދިއުމުގެ ހިޔާލު ޔަމާނު ހުށަހެޅިއެވެ. "ހަނީމޫން"އަށް ފަހު ދެމަފިރިން އެކުގައި ތަނަކަށް ނުދާކަން ޔަމާނު ހަނދާންކޮށްލަ ދިނެވެ. މާހައުލު ބަދަލުކޮށްލައި ޗުއްޓީއެއް ނަގާލުން ރަނގަޅުކަމަށް ޔަމާނު ބުންޏެވެ. އީހާނަށް އެ ހިޔާލު ނިކަން ކަމުދިޔައެވެ. ދަތުރާ ބެހޭ ގޮތުން އޭނާ އިތުރަށް އޮޅުން ފިލުވަން ފެށިއެވެ.
* * * * *
ގޭޓުކައިރީ ހުއްޓިލިއިރު ނީރާއަށް ބަލާ އައިސް އޮތް ކާރު ފެނުނެވެ. އޭނާ އަޅައެއް ނުލިއެވެ. ކާރު ނައްޓާލީ ގޭޓާ ކައިރިއަށް އައުމަށެވެ. އެވަގުތު އެހިސާބުގައި މަޑުކުރި ޓެކްސީ ފެނުމުން ނީރާ ހިނގައިގަތީ އެ ދިމާއަށެވެ. އެއީ ނީރާ ގުޅައިގެން އައި ޓެކްސީ އެވެ. އޭނާ އެ ނުކުތީ ޓެކްސީ އަންނާނޭ ހީވާ އިރު ބަލާފައެވެ. އީހާނު ކާރު މަޑުކޮށްލުމަށްފަހު ނީރާ އެރި ޓެކްސީގެ ފަހަތުން ދުއްވާލިއެވެ. އީހާނު ހޮސްޕިޓަލުން ދޫކޮށްލި ފަހުން ނީރާ ބަލާ އާދެއެވެ. އެކަމަކު ހަމަ ކޮންމެ ދުވަހަކު ނީރާ ނިމިގެން ގެއަށް އަންނަނީ ޓެކްސީގައެވެ. އޭނާ އީހާނާއެކު ކާރަކަށް ނާރައެވެ. އީހާނު ވާހަކަދެއްކިއްޔާ ނޫނީ އަނގައިންނެއް ނުބުނެއެވެ. ނީރާގެ ހިޔާލަކަށް އެހިޔަސް ބުނަނީ ނޭނގެއެވެ. އީހާނު ޖަވާބަކަށް އެދި ތަކުރާރުކުރަން ފަށައިފިނަމަ ބުނަނީ ވަރުކޮށްދިނުމަށެވެ. ކުރީން ގޭގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް މިހާރު ކޮންމެ ރެއަކުހެން ނީރާ ބޭރަށް ދެއެވެ. ރިދާއާއެކުއެވެ. އީހާނަށް ޝައްކު ކުރާނޭ ފުރުސަތެއް ނުދެއެވެ. އަނެއްކޮޅުން އީހާނަށް އެކުގައި ހޭދަކުރާނޭ ވަގުތެއް ވެސް ނީރާ ނުދެއެވެ.
ނީރާ ގެއަށް އައިސް ވަންއިރު ކާމެޒު ދޮށުގައި ލަމްހާގެ ދެމަފިރިން ތިބީ ސައިބޯށެވެ. އެތެރެއަށް ވަދެގެން ގޮސް ކޮޓަރިއަށް ނީރާ ވަންނަންދެން ލަމްހާ ބަލަން އިނެވެ. އެ މޫނުގައި އިރުކޮޅެއް ކުރީންވީ ހިތްހަމަޖެހުން ފަނޑުވެއްޖެއެވެ. ގެއަށް ވަދެވޭ ގޮތަށް ކާން ހުރީ ކޯއްޗެއްތޯ ނީރާ އަހަންފަށާނެއެވެ. ލަމްހާ ކައިރީގަ ފެންނަން ހުއްޓަސް މަންމާއޭ ކިޔާ ގޮވާލާނީ ނުހަނު ބާރަށެވެ. ގެއަށް އަތުވެއްޖެކަން އެންމެންނަށް އިއުލާން ކުރާ ފަދައަކުންނެވެ. ދަރިފުޅުގެ ޚިދުމަތަށް ލަމްހާ އެނބުރިގަންނަނީ ނުހަނު އަވަހަށެވެ. އޮފީސް ހެދުން ބަދަލުކުރާނީ ވެސް މަންމަގެ އަތުން ކާއެއްޗެއް ލިބުމަށްފަހުއެވެ. ބަނޑުހައިކަމުގެ ވާހަކައާއި ވަރުބަލިކަމުގެ ވާހަކަ ލަމްހާ ކައިރީ ދައްކަން ފަށާނެއެވެ. އީހާނުގެ އުނދަގޫ ފޯރަންފަށާއިރަށް ލަމްހާއަށް ގޮވާ ޝަކުވާކުރަން ފަށާނެއެވެ. ދެބަސްވާންޖެހުނަސް އެހާމެ އަވަހަށް އެކަކުއަނެކަކު ރުއްސަން މަސައްކަތް ފަށާނެއެވެ. އެކަމަކު މިއަދުވެސް ނީރާ ވަދެގެން އެ ދިޔައީ ލަމްހާއާއި ސުޖާއު ތިއްބައެވެ. ގޮވާ ވެސް ނުލައެވެ. ކައިވެންޏަށްފަހު އީހާނާއި ނީރާއާ ދެމެދު އޮތް ގާތްކަން އިތުރުވާނޭ ލަމްހާ ހީކުރި ނަމަވެސް އެ ލޮލަށް ފެންނަމުން މިދަނީ ތަފާތު މަންޒަރެކެވެ. މިހެންވާންޖެހުނީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނެއެވެ. ދެކުދީން ބޭނުންވެގެން ކައިވެނިކުރިއިރު އޭނާ ވެސް ހުރީ އެ ކައިވެނި ވުމަށް ނުހަނު އެދިގެންނެވެ.
"ހާދަ ލަސްވީ." ލަމްހާ އަހާލީ ނީރާ ގެއަށް ވަން ފަހުން އީހާނު އައީމައެވެ. އޭނާ ވެސް ނީރާ ކަންތައް ކުރާ ގޮތުގެ ވާހަކަ މަންމަ ކައިރީ ނުބުނެއެވެ. ކޮންމެ ދުވަހަކު ނީރާ ބަލާ ދާތީ ލަމްހާ ހީކޮށްގެން އެ ހުންނަނީ ނީރާ އަންނަނީ އީހާނާއެކު ކަމަށެވެ.
"ޕާކުކޮށްލާނެ ތަންކޮޅެއް ހޯދަން ޖެހުނީމަ. ކޮބާ ނީރާ." އީހާނު އަހާލިއެވެ.
"ކޮޓަރިއަށް ވަނީ. ނީރާ ގޮވައިގެން ސައިބޯން އާދޭ." ލަމްހާ ބުންޏެވެ.
ނީރާ ސައިބޯން ނުނިކުތް ނަމަވެސް އީހާނު އައިސް މަންމައާއި ދޮންބައްޕައާއެކު ސައިގަ ބައިވެރިވިއެވެ. އެމީހުންނާއެކު ސިޓިންރޫމުގައި އީހާނު ވެސް މަޣްރިބު ނަމާދަށް ގޮވަންދެން އިނެވެ. ލަމްހާ ނަމާދު ކުރަން ދަމުން އީހާނު ކައިރީ ވެސް ސުޖާއުއާއެކު ނަމާދަށް ދާން ބުނެލިއެވެ. އެހެންވިޔަސް ސުޖާއު ނުކުމެގެން ދާންވާއިރަށް އަންނާށޭ ބުނެދާނޭތީވެ އީހާނު އައިސް ވަނީ ކޮޓަރިއަށެވެ. އޭނާއަށް ފެނުނީ ތައްޔާރުވަމުންދިޔަ ނީރާއެވެ. މިރޭ ވެސް އޭނާ އެ އުޅެނީ ދާންކަން އީހާނަށް އެނގުނެވެ. ދެން އެ ދާ މީހާ އެނބުރި ގެއަށް އަންނަނީ ބާރަ ޖެހުމާ ކައިރިވެފައި ހުއްޓައެވެ. އެނބުރި އަންނަ ގޮތަށް ފެންވަރައިގެން އެނދަށް އަރާ ނިދާނީއެވެ. މާޔޫސްކަމުގެ ނޭވާއެއް އީހާން ދޫކޮށްލިއެވެ.
"މިރޭ އަހަންނާއެކު ބޭރަށްދާންވީނު." ނީރާ ފުރުސަތެއް ދޭން ބޭނުމެއް ނޫނޭ ބުނެފައި އޮތްއިރު ވެސް އީހާނު އެއްސެވެ. އެ އަޑު އިވުނު ކަމަށް ނީރާ ނުހެދިއެވެ. ކޮންމެ ގޮތަކުން ވިޔަސް ނީރާ ބޭރަށް ދާ ދިއުން ހުއްޓުވާލުމުގެ ގަސްދު އީހާނުގެ ވިއެވެ.
"ރިދާގެ އަމިއްލަ ލައިފެއް ވެސް ނެތީތަ؟ ކޮންމެ ރެއަކު ތީ ކޮންކަމެއް. ޔާނުއަށް ގުޅާފަ ބުނާވަރު ވެއްޖެ. އެންމެންގެ ކުރިމަތީ ނީރާ ތިއުޅެނީ އަހަރެން ނުބައި ކުރާނަމޭ ހިތާތަ؟. މަންމަ ކައިރީ ބުނެގެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮށްފާނަން. އޭރުން ހުންނާނީ ރައްޓެހިންނާއެކު ބޭރަށް ދެވިފަ. ކޮންކަމެއްގަ ވެސް ހައްދެއް އޮންނަން ޖެހޭނެ. އަހަންނާއެކު ހޭދަކުރާނޭ ވަގުތު ނުވަންޏާ އެހެން މީހުންނާއެކު ވަގުތު ހޭދަކޮށްގެން ނުވާނެ." ހަރުކަށިކަމާއެކު އީހާނު އިއްވާލިއެވެ. ނީރާ އަނގައިން ނުބުނި ނަމަވެސް އެ ކޯތާފަތް ހަރަކާތްކޮށްލި ގޮތުން އޭނާ ހިތްހަމަނުޖެހި ދަތްކުނޑިވިކައިލީކަން އީހާނު ދެނެގަތެވެ. ނީރާ ކޮޓަރިން ނުކުތުމުން އޭނާގެ ފަހަތުން އީހާން ނުކުތެވެ. ހުސްކޮށް އޮތް ބަޔަށް ނީރާ ނުކުމެ އީހާނު އައުމުގެ ކުރީން ދޮރުފަތް ދަމާލިއެވެ. ސޯފާގައި އީހާނު އައިސް އިށީނީއެވެ. އޭނާއަށް ނީރާއެއް ނުފެނެއެވެ. އެހެންވިޔަސް ގަދަކަމުން ދޮރުހުޅުވައިގެން ނުކުންނަން އޭނާ ބޭނުންނުވީއެވެ.
ނީރާ ނުދާނޭ ހީކޮށްގެން އީހާނު އިނެވެ. އެކަމަކު އެ ހީ ބަދަލުވީ ނީރާ ކުއްލިއަކަށް ދޮރުފަތް ކަހާލައި ގޭތެރެއަށް ވަން ގޮތަށް މައި ދޮރާ ދިމާއަށް އައުމުންނެވެ. އޭނާ އަވަސް އަރުވާލާފައި ދޮރުން ނުކުތީއެވެ. ފުންނޭވާއެއް ދޫކޮށްލުން ފިޔަވައި އީހާނު އިތުރު ހަރަކާތެއް ނުކުރިއެވެ. ނީރާގެ އެ ހިމޭންކަން އީހާނަށް މާ އުނދަގޫކުރެއެވެ. ކުރީގަ ހެން އޭނާއާ ޖަދަލުކުރާނެނަމައޭ އީހާނު ހިތަށް އަރައެވެ.
* * * * *
ގެއަށް އައީސުރެ ފިރާގަށް ވިސްނެނީ ރަމްލާއާ މެދުއެވެ. އޭނާ އެ އައީ ލައިޒަލްގެ މަންމައާ ބައްދަލުކޮށްފައެވެ. އެގެއަށް ގޮސް ރަމްލާގެ ހާލު ދެކެފައެވެ. ކެންސަރު ބަލިން ރަމްލާއަށް ކުރިއަށް ނުލިބުނެވެ. އިތުރަށް ދޭނެ ފަރުވާއެއް ނެތްކަން ޑަކްޓަރުން އެވަނީ ނިންމާފައެވެ. ދެން އޮތީ ބަލި އެނދުގައި އޮތް ރަމްލާގެ ހިތްހަމަޖައްސައިދިނުމެވެ. ފުރާވަރުގެ ރަޝާ އޭނާގެ ބޭބެ ހޯދަން އަންނަން ޖެހުނީ އެހެންވެއެވެ. އެކަމަކު ދަރިފުޅުގެ އެ އަމަލަށް ފިރާގު ފެނުމުން ރަމްލާ މައާފަށް އެދުނެވެ. އެމީހުންނަށް އުނދަގޫ ކުރާން ބޭނުންނުވާކަން ރަމްލާ ބުންޏެވެ. އެ ވާހަކަތަކުން ފިރާގު ހާމަނުކުރިޔަސް ދެރަވިއެވެ. ރަމްލާއަކީ އޭނާގެ ހުރި ހަމައެކަނި ކާފަދަރީގެ މަންމައެވެ. ރަމްލާއަށް ނޭނގުނަސް އެ މަގާމުގެ ސަބަބުން ފިރާގު އޭނާއަށް އިހްތިރާމް ކުރެއެވެ. މާޒީގައި ނިންމި ނިންމުމާމެދު މިއަދު ރަމްލާއާ އެއްވެސް ވާހަކައެއް ދައްކާކަށް ފިރާގު ބޭނުމެއްނޫނެވެ. އެހެންވިޔަސް ރަމްލާގެ އެ ނިންމުމުގެ ސަބަބުން ލައިޒަލްގެ ހިތުގައި މަންމަގެ މައްޗަށް އޮތް ލޯބި ނެތި ގޮސްފިކަން ފިރާގު ދެނަހުއްޓެވެ. އެ ގުޅުން ބަދަހި ގުޅުމަކަށްވާން ފިރާގުގެ ހިތް މިއަދު އެދެއެވެ. އެހާލުގައި ރަމްލާ ވަކި ދިއުމުގެ ކުރީން އޭނާގެ ގާތަށް ލައިޒަލް ދާނޭ ގޮތެއް މެދުވެރި ކުރުމުގެ ހިޔާލު ފިރާގުގެ ސިކުނޑީގައި ވިއެވެ.
* * * * *
ރޭގަނޑުގެ ކެއުން މޭޒުމައްޗަށް ނަގާފައި އުޝާ އެނބުރިލީ ކޮޓަރިތަކާ ދިމާއަށެވެ. އޭނާ އައިސް ތަޅުގައި ހިފާލިއެވެ. ދޮރުހުޅުވުމާއެކު ފެންނަން ހުރި ބޮޑު އެނދުގައި ލައިޒަލް ނިދާފައި އޮތްތަން ފެނުނެވެ. އުޝާ އައިސް ލައިޒަލްގެ މަގަތުން އިށީނެވެ. ބާލީހެއް މެޔާލާ ބޮނޑިކޮށްލައިގެން އަރިއަކަށް ނިދިފައި އޮތް ލައިޒަލްއަށް އުޝާ ބަލާލީ ފަރުވާތެރިކަމާއެކުއެވެ. ލުއި ހިނިތުންވުމެއް އުޝާގެ ތުންފަތުގައި ވިއެވެ. ހާމައަށް އޮތް ލައިޒަލްގެ ކޮނޑުގައި އުޝާ އަތްތިލަ ޖައްސާލިއެވެ. މަޑުމަޑުން ފިރުމާލިއެވެ. ލައިޒަލްގެ އެސްފިޔަތައް ތެޅިއެވެ. އެހިނދު އުޝާ އޭނާއަށް ގޮވާލިއެވެ. ލައިޒަލް ގެއަށް އައީ އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށެވެ. މިއަދު އުޝާ ބަލާ އޮފީސް ދޮށަށް ވެސް ލައިޒަލް ނުދެއެވެ. ގުޅާފައި އާދެވެން ނެތްކަން ލައިޒަލް ބުނިއިރު ވެސް އޭނާއަށް ކަމެއްވެފައި ހުރިހެން އުޝާއަށް ހީވިއެވެ. އެކަން ޔަގީނަށް ބަދަލުވީ ލައިޒަލް ގެއަށް އައުމުންނެވެ. އޭނާ އައިގޮތަށް އުޝާއާ ވާހަކަދެއްކުމެއްނެތި ކޮޓަރިއަށް ވަނީއެވެ. އެނދުގެ ސައިޑްޓޭބަލް މަތިން ލައިޒަލްގެ ފޯނު އެލާމްވާން ފެށީ އެވަގުތެވެ. އުޝާ އަވަހަށް ފޯނު ނެގިއެވެ. އެލާމް ނިވާލިއެވެ. އެވަގުތު ލައިޒަލް ވެސް ލޯ ހުޅުވާލައިފިއެވެ. އޭނާ ފޯނު އެލާމްކޮށްގެން އޮވެދާނޭ އުޝާ ހިޔެއްނުކުރެއެވެ. ފޯނުގައިގެ އިސްކުރީނުގައިވި ނީރާގެ ފޮޓޯ އުޝާއަށް ފެނުނީ ދެނެވެ. ޑްރަމްސެޓުގެ ފަހަތުގައި ހެވިފައި ނީރާ އިންއިރު އެއީ އެއީ ކޮންތަނެއްގައި ނަގާފައިވާ ފޮޓޯއެއްބާއޭ އުޝާ ހިތަށް އެރިއެވެ. ނީރާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑު އެއްފަރާތަށް ދޫކޮށްލާފައި އޮތްއިރު އޭނާ ލައިގެން އިނީ މީހާއަށްވުރެ ބޮޑު ގަމީހެކެވެ. އުޝާގެ މެޔަށް ފިނިވެލިއެވެ. އެ ގަމީހަކީ ލައިޒަލްގެ ގަމީހެކޭ އެ ހިތް ބުނީއެވެ.
"އުޝާ... މިތާ ކީއްކުރަނީ." ކުރުއަތް މައްޗަށް ތެދުވެލި ލައިޒަލް ބުނެލިއެވެ.
"ފޯނު..." އުޝާގެ އަތުގައި އޮތީ ލައިޒަލްގެ ފޯނުކަން އެނގި ނިކަން އަވަހަށް އަތްދިއްކޮށްލުމާއެކު ބުނެލިއެވެ. އުޝާ ފޯނު ދީފައި އެނދުން ތެދުވިއެވެ.
"ކޮޓަރިއަށް ވަންމީހާގެ ޚަބަރެއްނުވީމަ މިއައީ. ކާން ހަދައިފިން... އަހަރެން އެކަނިތަ ކާންވީ." އުޝާ ބުންޏެވެ.
"މިދަނީ... އުޝާ ދޭ." ލައިޒަލް ބުންޏެވެ. އުޝާ ކޮޓަރިން ނުކުންނަންދެން ލައިޒަލް އެނދުގައި އިނެވެ. އޭނާ ފޭބީ އުޝާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލީމައެވެ. އުޝާ ވަނުމުން ލައިޒަލްއަށް އުނދަގޫވިއެވެ. އެކަމަކު އޭނާ މިހާރު އެފަދަ އިހްސާސްތަކަށް ސަމާލުކަން ނުދީވޭތޯ ބަލައެވެ. އުޝާއަކީ އަނބިމީހާއަށް ވާއިރު ނުރުހުންވެ ހަރުކަށިކަމާއެކު ވާހަކަދައްކާ މީހަކަށްވާން ލައިޒަލް ނޭދެއެވެ. އުޝާގެ ހިތް އޮތް ގޮތް ލައިޒަލްއަށް އެނގޭތީއެވެ. ލޯބީގެ ބަދަލުގައި ލޯބި ދެވެން ނެތަސް އުޝާއާމެދު ޢަމަލުތައް ހައްދުފަހަނަ އަޅައި ދާން ލައިޒަލް ނޭދެއެވެ.
"ލައިޒަލް ލޯބިވަނީ އޭނާދެކެ. އެކަމަކު އެ ދެމީހުން އެހާ ކްލޯޒްވީ ކިހިނެއް. ނީރާގެ މަތިން ލައިޒަލް ހަނދާންނެތޭނެ ގޮތެއް ނުވާނެތަ؟. އަހަރެމެންނާ ދުރަށް ނީރާ ދާނެނަމަ. ދުވަހަކުވެސް ލައިޒަލްއަށް ނުފެންނަ ހިސާބަކަށް." ކާމޭޒުދޮށުގައި އިށީނދެ އިންއިރު އުޝާގެ މޭ އަނދަމުންދިޔައީ ނީރާގެ ހިޔާލުތަކުންނެވެ. އޭނާގެ މީހަކަށް ލައިޒަލް ނުވެގެން އުޅެނީ ނީރާއާ ހެދިކަން އެނގެއެވެ.
"މިހަފްތާގަ ދަތުރުދާއިރު. އެ ދެމީހުން... ނޫން... ލައިޒަލްއަކީ އަހަރެންގެ ފިރިމީހާ. ނީރާ ޖެހޭނީ އެވަރުދަންނަން. މީހެއްގެ އަނތްބަކަށްވެ ހުރެ އެހެންމީހެއްގެ ފިރިއަކާ ކައިރިއެއް ނުވެވޭނެ. އެހާ ގޮތްކުޑަ އަންހެނަކަށް އޭނާ ވެދާނެ. އެކަމަކު އެ ފުރުސަތު އަހަރެން ނުދޭނަން. އޭނާ ޖެހޭނީ ލައިޒަލްއާ ހަތްފޫޓު ދުރުގަ ހުންނަން. ކުރީން ދަތުރުގަ ވީގޮތަށް މިފަހަރު ނުވާނެ. މިފަހަރު ނީރާއާއެކު ލައިޒަލްއަށް އެކަހެރިއެއް ނުވެވޭނެ." މޭޒުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން ދެއަތްތިލައިން ނިތްކުރީގައި ހިފަހައްޓާލައިގެން އިން އިރު އުޝާއަށް ވިސްނެމުންދިޔައީ ކުރިއަށް ރޭވިފައި އޮތް ދަތުރާ މެދުއެވެ.
* * * * *
ގަޑިން ދަންވަރު ތިނެއް ޖަހަން ހަތަރު މިނެޓެވެ. ގައިމަތިން ސުޖާއުގެ އަތް އެއްފަރާތްކޮށްލާފައި ލަމްހާ އެނދުން ތެދުވިއެވެ. ނީރާ ގޮވާއަޑު އިވުނުހެން ލަމްހާއަށް ހީވީއެވެ. ނިދާ ހެދުމުގެ މަތީން ލާ ރޯބް ގަޔަށް ހެޔޮވަރުކޮށްލިއެވެ. ދެފަރާތުން ގެނެސް އުނަގަނޑާ ހިސާބުން ރޯބްގެ ވާކޮޅު އައްސާލުމާއެކު ލަމްހާ ކޮޓަރިން ނުކުތެވެ. ގޭތެރޭގަވީ ފަނޑު އަލިކަމާއެކު ހިމޭންކަން ނޫނީ ނުވެއެވެ. ދެއަތް އުރާލައިގެން ހުރެ އޭނާ މަޑުމަޑުން ސިޓިންރޫމަށް ނުކުތެވެ. ބޭރަށް ނުކުމެވެން ހުރި ދޮރުކައިރިއަށް އައިސް ބަލާލިއެވެ. ނީރާ ބޭރުގައި އިނީބާއޭ ލަމްހާ ހިތަށް އެރިއެވެ. ނިދިފިލާ ހިތަށް ނުބައިގޮތެއްވާން ފެށިއެވެ. ބޭރުގައި މީހަކު ނެތްކަން ޔަގީންވުމުން ލަމްހާ އަނެއްކާވެސް އައީ އެތެރެއަށެވެ. އޭނާ އައިސް އީހާނުގެ ކޮޓަރީ ދޮރާ ކައިރިވެލިއެވެ. އިރުކޮޅަކަށް އޭނާ މަޑުކޮށްލިއެވެ. ޒާތެއްގެ އަޑެއް އިވުނުހެން ހީވިއެވެ. ޔަގީންނުވީ ފަހުން ނީވުނީމައެވެ. އަނެއްކޮޅުން ގިނައިރު ހުންނާން ލަމްހާ ބޭނުންނުވީ އެ ކޮޓަރިއަކީ ދެމަފިރިއެއްގެ ކޮޓަރިއަށް ވާތީއެވެ. ދެމަފިރިންގެ ކަންކަމަށް ފާރަލާ ކަންފަތް ދިނުމަކީ ލަތުވެތިކަމަކަށްވީމައެވެ. އެނބުރި ކޮޓަރިއަށް ލަމްހާ ވަދެވަދެ ހުއްޓާ އޭނާއަށް ނީރާގެ އަޑު އިވުނެވެ. ބޯދިއްކޮށް ލަމްހާ ބޭރު ބަލާލިއެވެ. ދޮރުބުޑަށް ވެއްޓިފައި އިން ނީރާ އިނެވެ. ނީރާ އިން ގޮތުން ލަމްހާ ކަންބޮޑުވިއެވެ. އޭނާއަށް ދެންފެނުނީ އީހާނު ނުކުމެ ނީރާ ކޮޓަރިއަށް ވެއްދިތަނެވެ.
"އީހާން... އަނިޔާކުރަނީތަ؟." ހުއްޓުން އަރާފައި ލަމްހާއަށް ހުރެވުނީއެވެ. މިދަންވަރު ގޮސް އީހާނުގެ ކޮޓަރިއަށް ވަންނަންވީ ކަމާމެދު ސުވާލު އުފެދިފައެވެ. އޭނާގެ ދަރިފުޅު ނީރާގެ މައްޗަށް އަނިޔާވެރިވެދާނޭ ކަމާމެދު ޔަގީންނުވެފައެވެ. މިވާ ގޮތެއް ނުބަލާ ހުރެގެން އެއްގޮތަކަށް ވެސް ނުވާނޭ ލަމްހާގެ ޟަމީރު ބުންޏެވެ. (ނުނިމޭ)