ސްރީލަންކާއަށް ދާ ދިވެހިން އެ ގައުމުގެ އެއާޕޯޓްގެ ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރާ މައްސަލައިގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު އާއި ލަންކާ ކަސްޓަމްސްއާ ދެމެދު މަޝްވަރާ ކުރަން ހަމަޖައްސައިފި އެވެ.
އިއްޔެ ލަންކާއަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން އެއާޕޯޓްގެ ކަސްޓަމްސް އިން ޗެކް ކޮށް ސުވާލު ކުރި މައްސަލައިގައި ކޮމިޝަނަރު ޖެނެރަލް ޖުނައިދު މާދަމާ ބައްދަލު ކުރައްވަނީ ލަންކާގެ ޑިރެކްޓަރު އޮފް ކަސްޓަމްސްއާ އެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ލަންކާ އެއާޕޯޓްގައި ދިވެހިން އިތުރަށް ޗެކް ކުރާ މައްސަލައިގައި މަޝްވަރާ ކުރާނެ އެވެ.
ލަންކާއަށް ދާ ދިވެހިން މީގެ ކުރިން އެއްގޮތަކަށް ވެސް ޗެކްކޮށެއް ނަހަދަ އެވެ. އެހެން ނަމަވެސް ކަސްޓަމްސްއަށް ވައްދައި ގިނަ އަދަދެއްގެ ދިވެހިންގެ ފޮށިތަންމަތި ވަނީ ބަލައި ފާސްކޮށް ބައެއް ތަކެތި ކަސްޓަމްސްއަށް ނަގައިފަ އެވެ.
އެ މައްސަލައިގައި ފޮރިން މިިނިސްޓްރީ އިން ބުނީ އެކަން ފާހަގަވެފައި ވާތީ އެ މައްސަލަ ބަލާނެ ކަމަށެވެ. ފޮރިން މިނިސްޓްރީން މިއަދު ބުނެފައި ވަނީ ރާއްޖެއިން ސްރީލަންކާއަށްދާ ދިވެހިން ގެންދާ ބައެއް ކާބޯތަކެތި ފާސް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.