މަރު

ކުރީގެ ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވެއްޖެ

Sep 27, 2021

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން ނިޔާވެއްޖެ އެވެ.

ޝަހްބާންގެ މަރު ޔަގީންކުރީ ރޭގެ މަޣްރިބް ނަމާދަށް ވުލޫކުރަން ފާހާނާ އަށް ވަނުމަށްފަހު ހަބަރެއް ނުވެ ގިނައިރުވުމުން ސިފައިން ގެނެސް ފާހާނާގެ ދޮރުހުޅުވިއިރު ވެއްޓިފައި އޮތުމުން ހޮސްޕިޓަލަށް ގެންގޮސްގެންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޝަހްބާންގެ އާއިލާގެ މީހަކު ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޝަހްބާން ނިޔާވެފައިވާ ކަމަށެވެ.

ޝަހްބާނަކީ ލަވަ ކިޔުމާއި، މިއުޒިކް ހެދުމާއި، ލަވަ ކިޔުންތެރިން ތަމްރީންކުރުމާއި އަދި ފޮޓޯ ނެގުމުގައިވެސް ފާހަގަކުރެވުނު ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ބޭންޑްތަކުގައި އާއި ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގައި މިޔުޒިކް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.

ޝަހުބާންގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި އޮންނާނެ ކަމަށާއި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާއިލާ އިން ވަނީ އެދިފަ އެވެ.

އުމުރުން 53 އަހަރުގައި ޝަހްބާން މަރުވިއިރު އޭނާގެ ފިރިހެން ދެ ކުދިންނާއި އަނބިމީހާ ދުނިޔޭގައި އެބަހުއްޓެވެ.

ޝަހުބާނަކީ ރާއްޖޭގެ ފައިސާ ނޫޓުތައް ކުރިން ކުރެއްސެވި ތަބައް އަލިފުޅުގެ ކާފަ ބޭފުޅެކެވެ.