މިދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ބޮޑު ގުރުބާނީއެއްވި އަހަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ އާއިލާ އާއި ދުރުގައި އަހަރެއް ވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މިދިޔަ އަހަރު އެވީ ގުރުބާނީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރިސޯޓު ތަކުގެ ވެރިން މުވައްޒަފުންގެ ކަންތައްތައް ބަލަމުން އަންނަނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންވަރަށް ވުރެ މާ ރަނގަޅަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ރަނގަޅު ފެންވަރަށް ކަންތައްތައް ނެތް ރިސޯޓު ތަކުން އެ ފެންވަރަށް ކަންތައްތައް އިންތިޒާމު ކުރުމަށްވެސް ޑރ. މައުސޫމު އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ތަކާއި ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަަށެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ޝިއާރު "އެންމެން އެކުގައި ތަރައްގީ ވުމަށް ފަތުރުވެރިކަން" އަކީ މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތާއި ވަރަށް ގުޅޭ ޝިއާރެއް. މިއަދުގެ ފަތުރުވެރިކަމުގެ އެއް ސިޔަސަތަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުން. އެގޮތުން ރިސޯޓު، ހޮޓެލް އަދި ގެސްޓްހައުސް ތަކުގެ އިތުރުން ފަތުރުވެރިކަމުގެ އެހެން ވިޔަފާރި ތަކުގެ ވެރިންނަށް ދިވެހިން ހެދުމަށް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަމު.ޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ވަޒީފާ ތަކުގެ ވެރިންނަށް ދިވެހިން ހެދުމަށް ކުރެވޭ މަސައްކަތާއި އެކު ދިވެހިން އަދާކުރާ ހިތްވާ ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާތަކެއް ދިވެހިންނަށް ހޯދައިދިނުމަކީ ވެސް މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.
ރާއްޖޭގައި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ވަރަށް ކާމިޔާބު ސިޔާސަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށެވެ. ހަމައެހެންމެ ފަތުރުވެރިކަމުން ސީދާ ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ކުރުމުގެ ގޮތުން މިއަންނަ އަހަރުގެ ޖެނުއަރީ މަހު "ހޯމް ސްޓޭ" ޓޫރިޒަމް ތައާރަފް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮވިޑްގެ ހާލަތާއި އެކުގައި ވެސް ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ޖުލައި 15 ގައި ހުޅުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ތައުރީފު ކުރައްވައި މިނިސްޓަރު ވިދާޅުވި އެއީ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވުމުގައި ރައީސްގެ އެ ނިންމެވުން އިސް ދައުރެއް އަދާކުރި ކަމަށެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަން ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ "ކާބަން ނެޓް ޒީރޯ" އަމާޒަށް ވާސިލުވުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން މުހިންމު ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަންނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ފަތުރުވެރިކަމުގެ ރަންޔޫބިލް އަހަރެވެ. އެހެންކަމުން މިއަންނަ އަހަރުގައި ފަތުރުވެރިކަމާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.