އެޗްޕީއޭ

އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ

Sep 27, 2021

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކައިފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން 11،348 މީހަކު ވަނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު ޑޮކްޓަރަށް ދައްކާފަ އެވެ.

އަރިދަފުސް ޖެހިގެން ޖުލައި މަހު ޑޮކްޓަރަށް ދައްކާފައިވަނީ 3،838 މީހުންނެވެ. އެހެންކަމުން މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިވަނީ ތިން ގުނަ އަށް ވުރެ ވެސް އިތުރުވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ޑެންގީއާއި ބޭރަށް ހިންގުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހު 20 މީހަކު އަދި މިދިޔަ މަހު ނުވަ މީހަކު އެ ބަލީގައި ވެސް ޑޮކްޓަރަށް ދައްކާފައިވެ އެވެ.

އަރިދަފުސް ރޯގާ އާއި ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން އާންމުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިހާރު ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) ކުރިން ހިންގި އިމާރާތުގައި ހުޅުވާފައިވާފައިވާ ކްލިނިކުން ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށެވެ.

ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކުލިނިކަށް ދިއުމަށްވެސް އައިޖީއެމްއެޗުން އިލްތިމާސް ކުރެ އެވެ.