އުރީދޫ

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑްވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ

Sep 27, 2021

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އުރީދޫގެ ސީއެސްއާރްގެ ދަށުން މި ޕާޓްނާޝިޕް ގާއިމްކުރުމުގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށް އެކުންފުނިން ބުނެ އެވެ.

އެންޖީއޯ އިން ކުރަމުންދާ މަސައްކަތައް ފާހަގަކުރައްވައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް މި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާއާއި އެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އުރީދޫގެ އުންމީދެއް ކަމަށްވެސް ވިދާޅުވި އެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްގެ ފަރާތުން ކޯ ފައުންޑާ އަދި ޕްރެޒިޑެންޓް ޑރ. މިނާހް ފާއިޒް ރަޝާދް މި ޕާޓްނާޝިޕާ ގުޅިގެން ވިދާޅުވެފައި ވަނީ ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް ކުރާ މަސައްކަތް ފުޅާވެގެންދާނެ ކަމަށެވެ.

މީގެ ކުރިންވެސް އުރީދޫއިން ވަނީ އެ ޖަމިއްޔާއާއި އެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފަ އެވެ. މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައިވެ އެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރަޖިސްޓާ ކޮށްފައިވާ ފުރަތަމަ އެންޖީއޯ އެވެ.