(26 ސެޕްޓެމްބަރ 2021އާ ގުޅޭ)
އެތަން ދޫކޮށް ޔޫހާ ދިޔުމާ އެކުގައި، މުޅި ތަނަށް ވަގުތުކޮޅަކަށް ވެރިވީ ހިމޭން ކަމެކެވެ. އެއްވެސް އެއްޗެއް، އެއްވެސް މީހެއް ނުބުނެ، އެންމެން ވެސް ތިބީ އަނގަ ބަންދުކޮށްގެންނެވެ. ޒަކްވާން ވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީ ޔޫހާއަށް ވީގޮތުންނެވެ. ކޮންމެވެސް ކަމެއް ގޯހުން ގޮސްފިކަން ޔަޤީން ކުރެވުނެވެ.
"ދޮންބޭ!" ތަނުގެ ހިމޭންކަން ގެއްލުނީ ޒަކްވާންގެ އަޑުންނެވެ. ޝަހުރު ބަލައިލީ ޒަކްވާންގެ މޫނަށެވެ. ހަމަ އެއާ އެކުގައި ޝަހުރުގެ މޫނު އޭނާ އަނބުރައިލީ ހުސްނާއާ ދިމާލަށެވެ. އަދި "ޕިސްޕިސް" ލައްވައިލަމުން ޝަހުރު ދެފަރާތަށް ބޯ ހުރައިލިއެވެ.
"މަންމައަށް ވާ ސާބަސް!" ޝަހުރުގެ އަޑުގައި ވަނީ ނުރުހުން ވުމާއި ހިތާމައެވެ.
"މަންމައަށް ޖެހޭތަ އަހަރެމެން ކޮޓަރީގަ ދައްކާ ވާހަކަ އަޑު އަހަން. އެއީ ދެން ވަރަށް ހަޑި ގޮތެއްނު؟" ޝަހުރު އޭނާގެ އަތް ބާއްވައިިލީ ހުސްނާގެ ކޮނޑުމަތީގައެވެ.
"މަންމައެއް ކަމަކު، އެކަހަލަ ކަންކަން ކުރުން އެހާ ރަނގަޅެއް ނޫން ދޯ؟ ކޮންމެ ގޮތެއް ވިޔަސް ދެމަފިރިން ދައްކާ ވާހަކަ އަޑު އަހާ ހެދުމުގެ ބޭނުމެއް ވެސް ނެތެއްނު؟" ޝަހުރުގެ ރާގާއި ވާހަކައިގެ ރަހައިން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ.
"ބަލަ ދަރިފުޅާ! މަންމަ އަޑެއް ނާހަމޭ! އިވުނީ. ދެއްކި ވާހަކަ އިވުނީ. މިކަންފަތް އެ ވާހަކަ އިތުރަށް އަހާ ހިތްވީ.. ދެން ބުނެބެލަ ދަރިފުޅާ! ކިހިނެތްތަ ވެގެން މިއުޅެނީ؟" ހުސްނާ ހިފައިލީ ޝަހުރުގެ އަތުގައެވެ.
"ތެދެއް ބުނެބަލަ! ކިހިނެއްތަ ވީ؟" ރާދާ ވެސް ޝަހުރާ ކައިރިވެލަމުން އަހައިލިއެވެ.
"ޔޫހާ ޕްރެގެއް ނޫން. މުޅީން ރަނގަޅު ރިޒަލްޓެއް ނޫން ގެއިން ލިބުނީ. އަހަރެމެން ދެމީހުން ވެސް ތިބީ ޑޮކްޓަރަށް ދައްކާފަ އައިސް، އެ ޚަބަރު މިޢާއިލާއަށް ދޭން. ޔަޤީންކޮށްފަ ޕްރެގް ވާހަކަ ބުނަން." ޝަހުރުގެ ވާހަކައިން ހުސްނާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. މަންސޫރު ގޮސް ފަހަތުން ހުސްނާގެ ގައިގައި ހިފައިލީ އޭނާ ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
"އަހަރެންގެ އުއްމީދުތައް ފުޑުފުޑު އެވީ.. މާމަ ދަރިއަކަށް ދުށް ހުވަފެން އަނެއްކާ ވެސް.." ހުސްނާގެ ލޮލުން ކަރުނަ ހިލުވައިލިއެެވެ.
"ނޫން ހުސްނާ. ތިހެން ނުބުނޭ! އަހަރެންނާ ޔާސިރު ވެސް މިތިބީ ޔޫހާއާ ޝަހުރަށް ދަރިއަކު ލިބޭތަން ބަލަން ވަރަށް ކެތް މަދުވެފަ. އެކަމު، އަދިވެސް އަހަރެމެންގެ ހުވަފެންތަކުގަ ކުލަ ނުޖެހިގެން އަހަރެމެންގެ ހިތް މަރާލާ ހިސާބަކަށް ނުދެއެއްނު! ހުސްނާ ވެސް ދެރަ ނުވޭ! އަހަރެމެން ދެ ޢާއިލާ ވެގެން އެ ހުރިހާ ހުވަފެނެއްގެ ކުލަ ޖެއްސޭނެ." ހުސްނާގެ ކުރިމަތީގައި ހުއްޓިގެން ހުރެ، ރާދާ ވާހަކަ ދެއްކީ ހުސްނާއަށް ހިތްވަރު ދިނުމަށެވެ. ނަމަވެސް އެވާހަތަކުން ހުސްނާގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. ހިތް މަތީގައި އަތް އަޅައިގެން ހުސްނާ ރޮމުން ދިޔައީ މަންސޫރު ގައިގައި ބައްދައިގަނެގެން ހުރެއެވެ. އެމަންޒަރު ބަލާފައި ޒަކްވާންގެ ހިތަށް ދިޔައީ ވަރަށް ބޮޑަށް އުނދަގޫ ވަމުންނެވެ. ހިތުގެ ހުރިހާ ނާރެއް ހީވަނީ އެމަންޒަރުން ގޮށް ޖެހެމުންދާ ހެންނެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ ޒަކްވާންގެ ވެސް މަންމައެވެ. ނަމަވެސް ހުސްނާގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައި ވަނީ ޝަހުރަށްކަން ޒަކްވާނަށް ދިޔައީ ފެނި ސާބިތު ވަމުންނެވެ. ޒަކްވާން ގެއިން ނުކުމެގެން ދިޔުމުން ވެސް ހުސްނާ ހުރީ ޒަކްވާނާ ގުޅުން ކަނޑާލަން ނިންމައިގެންނެވެ. އެންމެ ކަރުނަ ތިއްކެއް ވެސް ހުސްނާގެ ލޮލުން ފޭބިހެން ހީވެސް ނުވެއެވެ. އޭގެ ބަދަލުގައި ހުސްނާ ވެސް ބެލީ ޒަކްވާނަށް ޒުވާބުކޮށް އަޑު ގަދަ ކުރާށެވެ.
"ދޮންބޭ! ދެރަ ނުވޭ. ލައިފް އަކީ ވަރަށް އެހެން ކަހަލަ އެއްޗެއް." ޒަކްވާން ބަލައިލީ ޝަހުރާ ދިމާލަށެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް ޒަކްވާން ހުއްޓުނީ އެ އެންމެންގެ ތެރޭގައެވެ.
"އިރާދަކުރެއްވިއްޔާ ދޮންބެއަށް، އަދި މިޢާއިލާއަށް ވަރަށް އުފާވެރި ޚަބަރެއް މާދަން ލިބޭނެ. އަހަރެން މިގަޑީ ގޮސްލީ ދެން. މާދަން އަންނާނަން.." ޒަކްވާން އެހެން ބުނުމަށްފަހުގައި، އެގެއިން ނުކުތެވެ.
***
ފުރަމެންދަމުގެ ވަގުތެވެ. ލިވިޔާ އެނދުމަތީގައި އޮތް އިރު އޭނާގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެން ލިވިޔާ އޮތީ އެހެން ދުނިޔެއަށް ގައެވެ. ލިވިޔާގެ ތުންފަތުން ދުވެލާ ހިނިތުންވުމުގެ އަސްލަކީ ވެސް އެފޮޓޯގަނޑެވެ. ދޭތެރެ ދޭތެރެއިން ލިވިޔާ ގެންދިޔައީ އެ ތަސްވީރުގައި ފިރުމައިލަމުންނެވެ. ބޮސް ދެމުންނެވެ. މިއީ ލިވިޔާގެ އާދައެވެ. ކޮންމެ ރެއެއްގައި ވެސް ލިވިޔާގެ މެހެމާނަކީ އެ ތަސްވީރެވެ. ތަސްވީރުން ނޫން އިތުރު ގޮތަކުން ލިވިޔާއަށް އެފަރާތުން ލިބޭނެ އުފަލެއް މިއަދަކު ނެތެވެ.
"ވަރަށް ލޯބިވޭ! ވަރަށް ހަނދާންވޭ.." ފޮޓޯގަނޑު ބާލިސް ދަށަށް ލާފައި ލިވިޔާ އޭނާގެ ދެލޯ މަރައިލިއެވެ. ނިދޭތޯއެވެ.
***
އެނދުމަތީގައި އިށީންނުމަށް ފަހު އަނެއްކާ ވެސް ޒަކްވާން ކޮޅަށް ތެދުވިއެވެ. ހީވަނީ ޒަކްވާނަށް ކަމަކާ އުނދަގުވެގެން އުޅޭހެންނެވެ. ނަަމަވެސް ހުރިހާ ކަމެއް އުޅެނީ އޭނާގެ ހިތުގެ ތެރޭގައިކަން ޒަކްވާނަށް އެނގެއެވެ. ޒަކްވާންގެ ފޯނުގެ ގެލަރީ ފުރެންދެން ހުރި ލިވިޔާގެ ފޮޓޯތަކަށް ބަލަމުން ޒަކްވާން މުޅި ރޭ ވޭތުކުރަމުން ދިޔައީ ފޫހި ކަމެއް ނެތިއެވެ. ދޭތެރެ ދޭތެރެއިން ލިވިޔާ ދައްކާފައިވާ ވާހަކަތަކާއި، ލިވިޔާ ކޮށްފައިވާ ކަންތައްތައް ހަނދާން ވުމުން، އެކަނި ހުރެ ޒަކްވާން ގެންދިޔައީ ހެމުންނެވެ. މިހާރު ޒަކްވާން ބޭނުން ވަނީ ލިވިޔާ އަކީ ޒަކްވާންގެ މީހަކަށް ހަދާށެވެ. ހަމައެކަނި ޒަކްވާންގެ މީހެއްގެ ގޮތުގައި ލިވިޔާ ހުންނާށެވެ. ނަމަވެސް، ޒަކްވާން ނިންމައިގެން ހުރީ މާދަން ލިވިޔާ ގޮވައިގެން އޭނާގެ މަންމަގެ ގެއަށް ދާށެވެ. ޝަހުރާއި އެންމެންގެ ތެރޭގައި ލިވިޔާ އިނީ ބަލިވެކަން ހާމަ ކުރާށެވެ. އެޔަށްފަހުގައި ވެސް ލިވިޔާއަށް އުފަލެއް ލިބި، ޝަހުރު ލިވިޔާ ޤަބޫލު ކޮށްފި ނަމަ އެކަމަށް ވެސް ޒަކްވާން ކެތްކުރަން ތައްޔާރެވެ. ނަމަވެސް އެކަން ވާނީ ޔަޤީނުން ވެސް ޒަކްވާނަށް ދަތި ކަމަކަށެވެ.
***
"ކިހިނަކުން ދިރިއުޅޭނީ ކަލާޔާނުލާ..
މިހިތުގާ ވިންދު އުފުދޭ ނިޝާނާ ނުލާ.."
މެންދަމުގެ ހިމޭން ވަގުތުގައި ޖޭސްމީންގެ ކޮޓަރީގެ ތެރެއިން އިވެނީ އޭނާގެ ކުރަކިވެފައިވާ އަޑުން އިވެމުންދާ ހިމޭން ލޯބީގެ ލަވައެކެވެ. ޒަކުވާންގެ ލޯތްބަށް އެދި އިސްވެ ހުށައެޅި ހުށައެޅުމަށްފަހު، ޖޭސްމީނަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ލިބުނު ނާކާމިޔާބާ ކުރިމަތިލާނެ ހިތްވަރު ނެތި، ޑިއުޓީއަށް ވެސް ސަލާމް ބުނީއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން ޖޭސްމީނަށް އެނގުނީ ޒަކުވާނާ ދިމާވި ހިސާބުންނެވެ. އެ ލޯބީގައި ޖޭސްމީން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވާނާވެފައެވެ.
"ކޮންމެ ގޮތެއް ވިޔަސް ހެޔޮ. މީހެއްގެ ފިރިއަކަސް.. އަންހެނުން ބަލިވެ އިނަސް. އަހަރެން އެ ލޯބި ހޯދާނަން.." ޖޭސްމީން އެހެން ބުނުމަށްފަހު، ގެއިން ނުކުމެގެން ދިޔައީ ހަރުކޮށް ހިނގާފައެވެ. އެއްވަރަކަށް އެ ލަވަ ކިޔަމުންނެވެ. ގަޑިން ވީއިރަކާ މެދުގައި ވެސް އޭނާ ނުވިސްނައެވެ.
***
މުޅިން އައު ދުވަހަކަށް ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ރޭގަ އެތައް ވަގުތެއްގެ މަސައްކަތުން ޝަހުރު ވަނީ ޔޫހާ ހަމައަކަށް އަޅުވާފައެވެ. އެހެން ކަމުން ކުރިއާ ބަލާފައި ޔޫހާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެނެއެވެ.
"ރެޑީ.. ހިނގާ ދާން.." ޔޫހާ އެހެން ބުނުމާ އެކުގައި، ޝަހުރު ސޯފާއިން ތެދުވެގެން ހިނގައިގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. ދެމީހުން އެކީގައި ގެއިން ނުކުތް އިރު، މައިމަރުވެފައި އިން ފިޔޮކެއްހެން ހުސްނާ ސޯފާއަށް ޖެހިގަނެގެން އޮތެވެ. މާމަ ދަރިއަކަށްޓަކައި ހުސްނާ ވަނީ މޮޔަވާން ގާތްވެފައެވެ. ހުސްނާއަކީ މީހަކު ދޭ ނަސޭހަތަކުން ވެސް ފަސޭހައިން ނުގުޑާ ފަދަ މީހެއްކަމުން، އޭނާއަށް އެކަނި ވަގުތު ދިނުމަށްޓަކައި މަންސޫރު ވެސް އޮތީ ކޮޓަރީގައެވެ.
***
"ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. ޕްލީޒް! މިކަމާ ދެކޮޅު ނުހަދާތި. އަހަރެން މިގެއަށް މިއައީ ވެސް ހަމައެކަނި މިކަމަށްޓަކައި.." ޒަކްވާން އިނީ ލިވިޔާގެ ކޮޓަރީގައި ލިވިޔާއާ ވާހަކަދައްކާށެވެ.
"ކޮން ވާހަކައެއް؟ އަވަހަށް ބުނޭ!" ލިވިޔާ އަހައިލިއެވެ.
"ލިވިޔާ.." ޒަކްވާން އޭނާގެ ދެއަތް ބާއްވައިލީ ލިވިޔާގެ އަތްތިލަ މަތީގައެވެ. އަދި ރޭގަ ހިނގާދިޔަ ހާދިސާ ޒަކްވާން ލިވިޔާއަށް ކިޔައިދިނެވެ. ޒަކްވާންގެ ވާހަކަތަކުން ލިވިޔާއަށް ލިބުނީ ފުން ހިތާމައެކެވެ. އެ ޢާއިލާއިން ލިވިޔާ މުޅީން ބޭރުކޮށްލައިފި ކަމުގެ އިޙްސާސް ލިވިޔާއަށް ކުރެވުނެވެ.
"ލިވިޔާ.. ދެރަ ނުވާތި! އަހަރެން ބޭނުން ލިވިޔާ، ލިވިޔާގެ ރައިޓްސްއަށް ފައިޓް ކުރަން.. މީ އެކަން ކުރަން އެންމެ ރަނގަޅު ފުރުޞަތު.." ޒަކްވާން ބަލަން ހުރީ ލިވިޔާގެ ފެންކަޅި ވެފައިވާ ދެލޮލަށެވެ.
"އަހަރެން ކީއްކުރާނީ! ކީއްކުރެވޭނީ! އަހަރެން މީ ބޭކާރު މީހެކޭ.." ލިވިޔާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބަމުން ދެއެވެ.
"ނޫން ލިވިޔާ. ތިހެން ނުބުނޭ! ތީ ވަރަށް މުހިންމު މީހެއް. އަހަރެން އެެދެނީ ލިވިޔާ އެގެއަށް ގޮސް، ލިވިޔާ ޕްރެގް ވާހަކަ ބުނަން.." ޒަކްވާން އެހެން ބުނުމާއެކުގައި ލިވިޔާ ބޯހޫރަން ފެށިއެވެ. އެކަން އެހެން ނުކުރާނެ ކަމަށް ބުނަމުންނެވެ.
"ޕްލީޒް! އާދޭސްކޮށްފަ މިބުނަނީ. ލިވިޔާއަށްޓަކައި، ލިވިޔާގެ ދަރިއަށްޓަކައި.." ޒަކްވާން ކުރުނުކޮށް ފެށީ އާދޭސް ކުރާށެވެ. ޒަކްވާނަށް މިކުރެވޭ ކަންތަކުން އޭނާއަށް، ލިވިޔާ ގެއްލިދާނެ ކަމުގެ ބިރު އޮތް ޙާލުގައި ވެސް އޭނާ މަސައްކަތް ކުރީ ލިވިޔާއަށް އުފާވެރިކަން ހޯދާށެވެ. ޒަކްވާންގެ އާދޭސްތަކަށް ލިވިޔާ ދެކޮޅު ހަދަމުން ގޮސް، އެންމެ ފަހުން ލިވިޔާ އެކަމަށް އެއްބަސް ވީއެވެ. ޒަކްވާންގެ އާދޭސްތައް އެންމެ ފަހުން ލިވިޔާގެ މައިންބަފައިން ވެސް ކުރަން ފެށީމައެވެ. ކޮންމެ ގޮތެއް ވިޔަސް، އެގެއަށް ގޮސް އެވާހަކަތައް ކިޔައި ދިނުމަށް ލިވިޔާ ނިންމީއެވެ.
***
ރިޕޯޓަށް ބަލައިލުމަށްފަހުގައި ޑޮކްޓަރު ބަލައިލީ ޔޫހާ އާއި ޝަހުރުގެ މޫނަށެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް ސީރިއަސް ކަމެއް ނެތެވެ.
"ހުރިހާ ކަމެއް ވެސް ރަނގަޅު. ރިޕޯޓުގަ ނެތް އެއްވެސް މައްސަލައެއް. ތީ ވިސްނާތީ ވާގޮތެއް. ނުވިސްނީމަ ރަނގަޅު ވާނެ." ޑޮކްޓަރު އެހެން ބުނެލީ ހިނިތުންވުމަކާ އެކުގައެވެ. ޝަހުރު ހިފައިލީ ޔޫހާގެ އަތުގައެވެ.
"އަހަރެން ބުނީމެއްނު! ޔޫހާ މާ ބޮޑަށް ވިސްނަނީ އޭ!" އެހެން ބުނެ ޝަހުރު ކޮޅަށް ތެދުވީ، ޔޫހާގެ އަތުގައި ހިފައިގެން ހުރެއެވެ.
***
"ދަރިފުޅާ! ދެރަ ނުވާތި. މަންމަމެންނަށް އެނގޭ ތީ ހިތްވަރުގަދަ ކުއްޖެއްކަން. ދަރިފުޅުގެ ހައްޤު ދަރިފުޅު ވާނެ ދިފާޢުކުރަން.." ހާލިދާގެ ދެއަތުން ލިވިޔާގެ ބޮލުގައި ފިރުމައިލިއެވެ. ޒަކްވާނާއި ލިވިޔާ ގެއިން ނުކުތީ، ހުސްނާގެ ގެއަށް ދިޔުމަށްޓަކައެވެ. (ނުނިމޭ)