ދުނިޔެ

އީރާން ބޭނުންވަނީ މެދުއިރުމަތީގައި ނިއުކްލިއާ ބާރަކަށް ވާން: އިޒްރޭލް

އީރާން މަސައްކަތްކުރަނީ މެދުއިރުމަތީގައި ނިއުކްލިއާ ބާރަކަށް ވާން ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

އދ. އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ބެނެޓް ވިދާޅުވީ އިރާނުން ކުރަން އުޅެނީ ކޮން ކަމެއްކަން އެއްވެސް ބަޔަކަށް އޮޅިފައި ނުވާ ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެނެޓް ވާހަކަ ކުރިއަށް ގެންދަވަމުން އީރާންގެ ބޮލުގައި އެތައް އިލްޒާމެއް އެޅުވި އެވެ. ބެނެޓް ވާހަކަ ދެއްކެވިއިރު މަޖިލީހުގައި ގިނައީ ހުސް ގޮނޑި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުން ނިއުކްލިއާ ސިނާއަތުގައި އިރާން ވަރަށް ބޮޑަށް ކުރިއަރައިފި އެވެ.

ބެނެޓް ވިދާޅުވީ އީރާން އަކީ ބަޔަކު ދައްކާ ވާހަކަ އަޑުއަހާ ބައެއް ނޫނެވެ. އަދި އަޑުއަހަން ބޭނުންވާ ބައެއް ވެސް ނޫނެވެ. އީރާނުން ހުރިހާ ރޮނގެއް ހުރަސްކޮށްފި ކަމަށް ވެސް ވިދާޅުވި އެވެ. އިރާނަށް ރަތްރޮނގަކުން އަދި ކަޅުރޮނގަކުން އެކައްޗެއް ވެސް ދޭހަނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުން ޔޫރޭނިއަމް 60 ޕަސެންޓަށް މުއްސަނދިކޮށްފި ކަމަށް ވެސް ބެނެޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަށް ވެސް އީރާނުން ހަދަނީ ހަދާނެ ގޮތެއް ކަމަށެވެ.

މެދުއިރުމައްޗަށް އޮތް ބިރަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ކަމަށް ބެނެޓް ވިދާޅުވި އެވެ. އީރާން މިހާރު އެއޮތް ހިސާބުން ނިއުކްލިއާ ހަތިޔާރު އުފައްދަން ރޭދުވާ ވެސް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ އިޒްރޭލުން އިރާނޭ ކިޔައިގެން ބައިނަލްއަގުވާމީ މަޖިލީސްތަކުގައި ކުސްނުތަޅާ ޒަމާނެއް ދުނިޔެ ނުދެކެ އެވެ. ފަލަސްތީންގެ ބިންތަކުގައި ވަކިއަޅައި ފޭރެމުން ގެންދާއިރު އިޒްރޭލުން ބުނާ ގޮތުގައި އެއީ އެމީހުންގެ ހައްގެކެވެ. އެމީހުން ބުނާ ގޮތުގައި ފަލަސްތީން ބިންތަކަކީ ޔަހޫދީންގެ މުގައްދަސް ބިމެކެވެ.