ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމަށް ސަރުކާރުން ހިންގާ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީ އަށް މައްސަލަ ހުށަހެޅީ ކުނީގެ މަޝްރޫއަށް ބީލަން ހުށަހެޅި ދެކުނު ކޮރެއާގެ ޓެކްކްރޮސް އިންނެވެ.
ޓެކްކްރޮސް އިން ތުހުމަތުކުރާ ގޮތުގައި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުންފުންޏެއް ކަނޑައަޅާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އަދި ޓެކްކްރޮސް ކުންފުނިން ސަރުކާރުގެ ރަސްމީ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ އެއީ ވެސް ގޯހެއް އުޅޭތީ ވެގެން އުޅޭ ކަމެއް ކަމަށް އެ ކުންފުނިން ޝައްކު ކުރެ އެވެ.
ޓެކްކްރޮސް އިން ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭސީސީގެ ނިންމުމުގައި ބުނެފައިވަނީ އެ މަޝްރޫއުގެ ބިޑްތައް އިވެލުއޭޓް ކުރުމުގައި ގޯހެއް ހިނގާފައިވާ ކަމަށް ކޮމިޝަނަށް ނުފެންނާތީ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމާފައިވާ ކަމަށެވެ.
އޭޑީބީގެ ބައިވެރިވުމާއި އެކު ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމަށް ދިވެހި ސަރުކާރުން ހިންގާ މަޝްރޫއަށް ބީލަށް ހުށަހެޅުމަށް ހުޅުވާލުމުން ބީލަން ހުށަހެޅީ ޓެކްކްރޮސްގެ އިތުރުން ސްޕޭންގެ އުރްބާސާ އާއި ޗައިނާގެ އެންޕީ އިންޖިނިއަރިން އެވެ.
ޓެކްކްރޮސް އިން މަޝްރޫއަށް ހުށަހެޅީ 294 މިލިއަން ޑޮލަރު ނުވަތަ 4.5 ބިލިއަން ރުފިޔާ އެވެ. އުރްބާސާ އިން 303 މިލިއަން ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހުށަހެޅިއިރު އެންފީ އިން ހުށަހެޅީ 390 މިލިއަން ޑޮލަރު ނުވަތަ ހަ ބިލިއަން ރުފިޔާ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ބީލަން ކާމިޔާބު ކުރީ ދެވަނަ އަށް އެންމެ ކުޑަ އަގު ހުށަހެޅި އުރްބާސާ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި އެކަން އިއުލާންކޮށްފައެއް ނުވެ އެވެ.
ޓެކްކްރޮސް އިން ބުނާ ގޮތުގައި އެންމެ ކުޑަ ބީލަން ހުށަހެޅީ އެ ކުންފުނިން ކަމަށްވާތީ މަޝްރޫއު ލިބެންޖެހޭނީ އެ ކުންފުންޏަށެވެ.
ޓެކްކްރޮސްގެ ތުހުމަތުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ކުނީގެ މަޝްރޫއަކީ އޭޑީބީގެ މަޝްރޫއަކަށް ވާތީ ބީލަމާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައިވަނީ އޭޑީބީގެ އުސޫލުތަކާއި އެއްގޮތަށް އަދި ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ.
ބީލަމާ ގުޅޭ ހުރިހާ މައުލޫމާތުތައް އޭޑީބީއާ ހިއްސާކޮށް އެފަރާތުގެ ހުއްދަތައް ހޯދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި ބީލަމުން ބަޔަކު ހޮވުމުގައި ބަލާނެ ހަމައެކަނި ކަމަކީ ހުށަހަޅާ އަގު ނޫން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.