ހައިކޯޓް

ކުޅުދުއްފުށި ރަހީނު: ދެ މީހުން ދޫކޮށްލީ ގޯސްކޮށް

Sep 28, 2021

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތައްދީ ޒަހަމްކޮށްލި މައްސަލައިގައި ދައުވާކުރި ދެ މީހުން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުގެ ރޭ އުމުރުން 29 އަހަރުގެ އަހްމަދު އިބްރާހިމް ރަހީނުކޮށް، އޭނާ ކާރަކަށް އަރުވައިގެން ގެންގޮސް އޭނާ އާއި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ހދ. ކުޅުދުއްފުށި މާތުނޑި، މުއާޒް އާލީ އަދި ހދ. ކުޅުދުއްފުށި
ސެޓްލައިޓް، މުހައްމަދު އާދަމްގެ މައްޗަށެވެ.

މި ހާދިސާއާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް އަނެއް ދެމީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ މޭ މަހުގެ 31 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން އެމީހުންގެ ބަންދު ވަނީ މުރާޖައާކޮށްފަ އެވެ. ދައުލަތުގެ ފަރާތުން އެދިފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަދި ހެކި ނައްތާލަފާނެތީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ހަވަނަ ފަހަރަށް ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ގެންދިއުމުން ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް ބަންދުގައި އިތުރަށް ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ ދެ މީހުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ވަނީ އަނިޔާ ލިބުނު އަހުމަދު އިބްރާހިމާއި ހެކިބަސް ދޭން ތިބި ބައެއް މީހުންނަކީ ދައުވާކޮށްފައިވާ މީހުންނާއި އެއް މާހައުލެއްގައި އުޅޭ ބައެއް ކަމަށެވެ. އަދި އަހުމަދު އިބްރާހީމް ކާރަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ތިން މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ތަހުގީގަށް ބަޔާންދޭން އިންކާރުކޮށްފައިވާތީ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލުމުގެ އިހުތިމާލް އޮތް ކަމަށެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ޝަރުތުތަކާއެކު ބަންދުން ދެ މީހުން ދޫކޮށްލަން ނެރެފައިވާ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ ދެ އަމުރުކަމުގައި ބެލިދާނެ ގާނޫނީ އަސާސެއް ނެތް ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި ދައުވާ ލިބޭ ދެ މީހުން ދޫކޮށްލިއިރު ކުރިން އޮތް ހާލަތު ބަދަލުވި ގޮތެއް އަދި ބަންދުގައި ބަހައްޓަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ވާސިލުވި ގޮތް އަމުރުގައި ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މި މައްސަލައިގައިގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ދައުވާ ލިބޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް، އެ ކޯޓުން އެގޮތަށް ބަންދުކުރުމަށް އަމުރެއް ނެރެފިނަމަ ބަންދު މުރާޖައާ ކުރުން ފަދަ ކަންކަމުގައި ގާނޫނީ މައްސަލަތަކެއް އުފަންވެދާނެ ކަމަށެވެ. އެހެންކަމުން އެ ހާލަތަށް ވިސްނައި އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރެވެން ނެތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ ހުކުމް ކުރާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި އެ ދެ މީހުން ބަންދުކޮށްދިނުމަށް އެދި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ އެ ކޯޓުން ދެ މީހުން ބަންދުކޮށްދެން ޖެހޭނެ ކަމަށެވެ.

މި މައްސަލަ ބަލާފައިވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އެ މާރާމާރީގައި އަހްމަދު އިބްރާހިމްގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ކުރި އެވެ.