އެމްއޭސީއެލް

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން މުވައްޒަފުންގެ މުސާރަ ފަސް ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދަކުން ބޮޑުކުރާނެ ކަމަށެވެ.

އެގޮތުން އެންމެ ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓް އަދި އެންމެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރަ ފަސް ޕަސެންޓް ބޮޑުވާނެ ކަމަށެވެ. ނަމަވެސް އެމްއޭސީއެލްގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވި ބޭރު މީހުންގެ މުސާރަ ބޮޑުނުވާނެ ކަަމަށް އެ ކުންފުނިން ބުނެ އެވެެ.

އެމްއޭސީއެލްއިން ބުނީ ކޮވިޑާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ވެސް މުވައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށާއި އަދި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ އޭގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ކޮވިޑާ ގުޅިގެން ބައެއް ކުންފުނިތަކުން މުސާރައާއި އެލަވަންސްތައް އުނިކުރި ނަމަވެސް އެމްއޭސީއެލްއިން މުސާރައާއި އެލަވަންސްތައް އުނިނުކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން މިހާރުވެސް ދަނީ މުސާރައިގެ އިތުރުން މުވައްޒަފުންނަށް ގިނަ "ބެނެފިޓްސް" ތަކެއް ދެމުންނެެވެ. މީގެތެރޭގައި ސްޓާފް ލޯން ސްކީމާއި، ހެލްތު އިންޝުއަރެންސާއި، ހިލޭ ޕާކްކުރުމުގެ ހިދުމަތާއި އަދި ސްޓާފް ޑިވޮލޮޕްމަންޓް ސްކީމްތައް ހިމެނެ އެވެ. އެ ކުންފުނީގައި 3،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ އެންމެ ގިނަ ދިވެހިން އުޅޭ އެއް ކުންފުންޏެވެ.