(26 ސެޕްޓެމްބަރ 2021 އާ ގުޅޭ)
އޭނާގެ ދަރިފުޅު ނީރާގެ މައްޗަށް އަނިޔާވެރިވެދާނޭ ކަމާމެދު ޔަގީންނުވެފައެވެ. މިވާ ގޮތެއް ނުބަލާ ހުރެގެން އެއްގޮތަކަށް ވެސް ނުވާނޭ ލަމްހާގެ ޟަމީރު ބުންޏެވެ.
ރޭގެ ބާކީބައިގަ ލަމްހާ ލޮލުފިޔަ ޖަހާނުލައެވެ. ނިދިފިލާ ދިޔައީއެވެ. ފިކުރުތައް ހިތާއި ސިކުނޑިއަށް ބާރުބޮޑުކުރަން ފެށުމުންނެވެ. އަނިޔާކުރުމަކީ އީހާނު ކޮށްފާނޭ ކަމެއްކޭ ލަމްހާގެ ހިތެއް ނުބުނެއެވެ. އެކަމަކު ނީރާގެ އުޅުމަށް އައި ބަދަލުތައް ލަމްހާގެ ހިތަށް އުނދަގޫކުރާއިރު އެކުއްޖާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީނެވެ. ދިމާވިކަމެއް ދިމާވެގެން އެ އުޅެނީ ކައިވެންޏަށްފަހުކަން ލަމްހާގެ ޟަމީރު ވެސް އެއްބަސްވެއެވެ. ކައިވެނީގެ ކުރީގަ ނީރާއަކީ އޭނާ ގެންގުޅެ ބޮޑުކުރި ލޯބިލޯބި އަންހެން ދަރިފުޅެވެ. އެ އާއިލާގެ ދިރުމެވެ. އެ ދިރުން އެ ގޭތެރެއިން ފަނޑުވަމުން ދާތަން ލަމްހާ ދުށްޓެވެ. އަބަދު ސުވާލު އުފެދިފައި ހުރުމަށްވުރެ މިވާގޮތެއް ހޯދާ ބެލުން މުހިންމުވީ އަދިކިރިޔާއެވެ.
ފަތިސް ނަމާދުކޮށްލައިގެން ލަމްހާ ކޮޓަރިން ނުކުތީއެވެ. އާންމުކޮށް ބޯ ކޮފީގެ ބަދަލުގައި ބާބޫނާސައިތަށްޓެއް ހަދާލީ ލިބިފައިވާ ހާސްކަން ކުޑަވޭތޯއެވެ. ހޫނު ސައިތަށި ހިފައިގެން ބެލްކަންޏަށް ލަމްހާ ނުކުމެ ހުރިއިރު ދުނިޔެ މަތި އަލިނުވެއެވެ. އެކަމަކު ދެން ގިނައިރެއްނުވެ އަލިވާން ފަށާނެކަން އެނގެއެވެ. ސުޖާއު ގެއަށް އައިކަން އެނގުނީ ލަމްހާގެ ކައިރީ ހުއްޓިލީމައެވެ.
"ރޭގަ ކިހިނެއްވީ؟. ދެ ފަހަރަކު އަހަންނަށް ހޭލެވުނުއިރު ވެސް ލަމް ނުނިދާ." އަނބިމީހާގެ ކޮނޑުގައި އަތްއަޅުވާލައި ގާތްކޮށްލަމުން ސުޖާއު އަހާލިއެވެ.
"މި ވިސްނަނީ އީހާނާއި ނީރާއާ މެދު. އެ ކުދީންގެ ކައިވެންޏާމެދު." ފިރިމީހާގެ ގައިގާ ލެނގިލައިގެން ހުރެ ލަމްހާ ބުންޏެވެ.
"އަހަރެން ވެސް ތިކަމާ ވިސްނަން. އީހާނު އެކުރި ކަންތަކުން. ދެބަސްވުމެއް ހިނގާއިރަށް އަމިއްލަ ހަށިގަނޑަށް ގެއްލުން ދޭކަށް ނުވާނެ. އޭރު ދިމާވި ގޮތުން މަރުވާން އުޅުނަސް މިހާރު އީހާނު ހުރީ ހަމަޖެހިފައޭ ހީކޮށްގެން ހުރީ. އަނެއްކާ ނީރާ ދެކެ އޭނާ ލޯބިވާކަން ޔަގީން."
"އީހާނު ރަނގަޅުނަމަ ނީރާއަށް ބަދަލުތަކެއް އަންނާނެތަ؟ ނީރާގެ އުޅުން ސުޖާއަށް ފާހަގައެއް ނުވޭތަ؟ އަހަރެމެން ހީކުރާ ގޮތާ ހިލާފަށް ކަންތައްތައް އޮވެދާނެތީ އެންމެ ބިރުގަންނަނީ. އީހާނާއި ނީރާއާ ދެމެދު ގާތްކަމެއް އޮތްއިރު އަހަރެންނަށް އެކަން ފާހަގައެއްނުވި. އަބަދު އެކުދީންނާއެކު ގޭގައި އިންނަ މީހެއް އަހަންނަކީ. ކައިވެނި އިއުލާންކުރުމުން ގަބޫލުކުރަން ދަތިވީ އެހެންވެ. އެކަމަކު އެކުދީންނަށް ވެސް ކައިވެންޏަކީ ކޮބާކަން އެނގޭނެ. އަހަރެން ހީކޮށްގެން މިހުންނަނީ ދެކުދީންގެ ދެމެދުގައި އޮތް ގާތްކަމަކީ ލޯބިކަމުގަ." ލަމްހާއަށް ބުނެލެވުނެވެ.
ބެލްކަނީގައި ދެމަފިރިންގެ މަޝްވަރާތައް ކުރިއަށް ދިޔައެވެ. ނީރާއާ ވާހަކަދައްކަން ލަމްހާ ގަސްދުކުރުމުން އެކަމާ ސުޖާއު ވެސް އެއްބަސްވިއެވެ. ނީރާގެ އިހްސާސްތައް ފާޅުކުރުން ހުއްޓާލާފައިވާކަން އެ ދެމީހުންނަށް ފާހަގަވެފައި އޮތީމައެވެ. ވާހަކައިގަ ތިބެ ދެމަފިރިން ގޭތެރެއަށް ވަނެވެ. ދުވަހުގެ މަސައްކަތްތަކަށް ލަމްހާ ތައްޔާރުވެލިއެވެ.
ހެނދުނު ދިހައެއް ޖަހައި ދިޔައިރު ވެސް ކޮޓަރިން އީހާނާއި ނީރާ ނުނިކުތެވެ. އެ ކުދީންގެ އިންތިޒާރުގައި ހުރި ލަމްހާއަށް އިތުރަށް މަޑެއް ނުކުރެވުނެވެ. އޭނާ އައިސް އީހާނުގެ ކޮޓަރީގައި ޓަކި ދޭތާ އިރުކޮޅެއް ފަހުން ދޮރު ހުޅުވާލިއެވެ. ރަޖާގަނޑު އޮޅާލައިގެން ދޮރާ ނިވާވާނޭ ގޮތެއް ހުރެ އީހާނު ބޯދިނެވެ. އެ މޫނުގައިވީ ނިދީގެ އަސަރެވެ.
"އަދިވެސް ނިދަނީތަ؟. އެއޮތްގެން އެގާރަ ޖަހަނީ. ނީރާގެ މަސައްކަތެއް ނެތީތަ؟" ލަމްހާ ވާހަކަދެއްކިއެވެ.
"އިރުކޮޅަކުން މި ނުކުންނަނީ." އީހާނު ބުންޏެވެ.
"ނީރާ ކޮބާ؟ މަންމަގެ ކޮޓަރިއަށް އަންނަން ބުނެބަލަ." ލަމްހާއަށް ފަނޑުއަލިކަން ވެރިވެފައި އޮތް އެ ކޮޓަރި ތެރެ ފެންނަ ގޮތެއް ނުވިއެވެ. އީހާނު ދޮރު ހުޅުވާފައި ހުރީ ކޮޓަރިތެރެ ފެންނަ ވަރަށްވުރެ ކުޑަކޮށެވެ. ފަހަތަށް ބަލާލައިފަ ނީރާ ހޭނުލާކަން އީހާނު ބުނެލިއެވެ. ދަރިފުޅުގެ މޫނަށް ބަލަން ލަމްހާ ހުރީ ފަރުވާތެރިކަމާއެކުއެވެ. އެ މޫނުން އޭނާއަށް ތަފާތެއް ނުފެނުނެވެ. ރޭގައި ކަމެއް ހިނގިކަމުގެ އެއްވެސް އަސަރެއް ނެތެވެ. ސުވާލު ގިނަނުކޮށް ލަމްހާ ހިނގައިގަތީއެވެ.
މެންދުރު ނީރާއާއެކު އީހާނު ކޮޓަރިން ނުކުތެވެ. ބަދިގޭގައި އިން ލަމްހާއަށް އެއިން ކުއްޖަކާ ވާހަކަދައްކާނޭ ފުރުސަތެއް ނުލިބުނެވެ. ތެޅެމުންފޮޅެމުން ނީރާ މައިދޮރުން ނުކުމެގެން ދިޔައިރު އޭނާގެ ފަހަތުން އީހާނު ނުކުންނަނީއެވެ. ނީރާ ތައްޔާރުވެގެން ހުރި ގޮތުންނާއި އެ ގަޑީގައި އޭނާ ދާނީ އެސޯސިއޭޝަނަށްކަން ލަމްހާއަށް އެނގެއެވެ. ނުކައިތޯ ދަނީ ލަމްހާ އަހާލިއެއް ކަމަކު ނީރާގެ ފަރާތުން ޖަވާބެއް ނާދެއެވެ. އީހާނު ގެއަށް އައިސްކަން ކާނީ ބުނީ ދޮރުން ނުކުންނަމުންނެވެ.
އީހާނު އެނބުރި އަންނަން ދެން ލަމްހާ ސިޓިންރޫމުގައި އިނެވެ. ދަރިފުޅު އައުމުން ކާމޭޒާ އޭނާ ކައިރިވެލީ ތަށިތަކުގެ މަތިތައް ނަގާށެވެ. ޖޫސްތަށްޓެއް އީހާނަށް އަޅައިދީފައި ލަމްހާ ވެސް މޭޒުދޮށުގައި އިށީނެވެ. އީހާނު ކާންފެށި އިރު ލަމްހާއަށް ދަރިފުޅާއި ނަޒަރު ވަކިކޮށެއް ނުލެވުނެވެ.
"އީހާން..." ވާހަކައެއް ދައްކަން އުޅޭ ފަދައިން ލަމްހާ ގޮވާލިއެވެ. ނަމަވެސް ދައްކަން ގަސްދުކުރާ ވާހަކައާ މެދު ލަމްހާއަށް ޔަގީން ނުވާ ކަހަލައެވެ.
"މަންމަ ކަމަކުތަ ނީރާ ހޯދީ. ލަސްވެގެން ނީރާ އުޅުނީމަ އަހަރެން ވެސް ހަނދާންނެތް ބުނާކަށް." އީހާން ވާހަކަދެއްކިއެވެ.
"ދެކުދީންގެ މެދުގައި މައްސަލައެއް ޖެހިގެންތަ ތިއުޅެނީ." ލަމްހާ އަހާލިއެވެ.
"ނޫން. ހުރިހާކަމެއް އޯކޭ. ކީއްވެ މައްސަލަ ޖެހެންވީ." އީހާނު މިހެން ބުނެލިއިރު އޭނާގެ އަޑާއި ހަރަކާތަށް ވެސް ބަދަލެއް ނާދެއެވެ. ލަމްހާ ހައިރާންވާން ޖެހުނީ އެހެންވެއެވެ. ހުރިހާކަމެއް ރަނގަޅުނޫންކަން ލަމްހާއަށް ނޭނގޭނަމަ އީހާނުގެ ބަސް އޭނާއަށް ގަބޫލުކުރެވުނީހެވެ.
"މަންމަ ހާސްނުވެބަލަ. ނީރާ ރައްޓެހިންނާއެކު ގޮސް ކާނެ. އަދި ހަނދާން ނެތިފަ މިއިނީ. މިރޭ ފުރަން މިއުޅެނީ."
"ކޮންތާކަށް؟ ދެމީހުންތަ؟" ލަމްހާއަށް ވަގުތުން އަހާލެވުނެވެ.
"ތަންކޮޅެއް ކުރީން އަހަރެމެން ދިޔައިމެންނު ފަޅުރަށަކަށް. އެ ރަށަށް ދާންވެގެން. އަހަންނާއި ނީރާ ތަނަކަށް ގޮސްނުލާތާ ކިހާ ދުވަހެއް މިވަނީ. އެކަމަކު ދެމީހުން އެކަންޏެއްނޫން. އޭރު ދިޔަ ހުރިހާ އެންމެން މިދަތުރުގަ ދޭ. މިފަހަރު ތަންކޮޅެއް ގިނަ ދުވަހަށް. ތިން ދުވަހަށޭ ކިޔަނީ، ޔަގީނެއްނުވޭ. ބޭބެ ކައިރީ ބުނެލާތި." އީހާނު ބުންޏެވެ.
އަޖައިބުވެފައި ލަމްހާއަށް އިނދެވުނީއެވެ. ޔަގީނުން ވެސް އެ ދަތުރުގެ ކުރީން އޭނާއަށް ނީރާއާ ވާހަކަދައްކާނޭ ފުރުސަތެއް ނުލިބޭނެކަން ޔަގީންވިއެވެ. ހަވީރު ނީރާ ގެއަށް އަންނަ ގޮތަށް އީހާނާއި ދެ މީހުން ތައްޔާރުވާނީ އެ ބުނާ ދަތުރަށްކަން އެނގޭތީއެވެ. އެހެންވިޔަސް ލަމްހާ ވަނީ ހިތް އަވަސްވެފައެވެ. ފާޑަކަށް އޭނާ ހިތްބިރުގަންނަނީއެވެ. އީހާނާއި ނީރާ އޭނާގެ ލޮލަށް ނުފެންނަ ހިސާބަށް ދާން އުޅޭތީއެވެ. ވެގެން އުޅޭ ގޮތެއް ނުހޯދިގެން އުޅެނިކޮށް އެ ދެމަފިރިން އޭނާއަށް ނުފެންނަ ހިސާބަށް ފޮނުވާކަށް ހިތް އެއްބަހެއްނުވެއެވެ. އެކަމަކު ފާޅުގައި އީހާނު ކައިރީ ނުދާށޭ ނުބުނެވޭނެއެވެ. އެކަމަށް ރަނގަޅު ސަބަބެއް ލަމްހާ ދައްކަން ޖެހޭނެތީއެވެ.
ކަންތައްވީ ވެސް ލަމްހާ ހީކުރި ފަދައިންނެވެ. ނީރާއާ ވާހަކަދައްކާލާނޭ ވަގުތެއް ނުލިބުނެވެ. އޭނާ ދައްކަން އުޅެނީ ވަރަށް މުހިންމު ވާހަކައެކެވެ. އެކަމަށް ވަގުތާއެކު ނީރާ ހަމަޖެހިފައި އިނުން ވެސް މުހިންމެވެ. ސުޖާއުއާއެކު ކާރުގައި ލަމްހާ ވެސް އައެވެ.
"މަންމަ ހީވަނީ އަލަށް ނީރާ ތަނަކަށްދާތީ އުޅޭހެން." ނީރާގެ ގައިގާ މަންމަ ފިރުމާ ބައްދާލެއް ގިނަކަން ފާހަގަވެ އީހާނަށް ބުނެވުނެވެ.
"ދަރިފުޅު ގުޅައްޗޭ މަންމައަށް. ކޮންމެ އިރަކު ގުޅިޔަސް މަންމަ ފޯނު ނަގާނަން. ކަމެއް ދިމާވެއްޖެއްޔާ ބުނައްޗޭ." ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން ލަމްހާއަށް ބުނެވުނެވެ.
"މަންމާ، އެންމެން އަރައިފި." ލާންޗަށް ނޭރިފައި ހުރި އީހާނު ބުންޏެވެ. ލަމްހާ ފަހުފަހަރަށް ނީރާގެ ބޮލުގައި ބޮސްދީފައި ފިރުމާލިއެވެ. އީހާނާއެކު ނީރާ ގޮސް ލާންޗަށް އަރަންދެން ސުޖާއުއާއެކު ލަމްހާ ބަލަން ހުއްޓެވެ. ލަމްހާގެ ޢަމަލުތައް ތަފާތުކަން ފާހަގަވީ ހަމައެކަނި އީހާނަށް އެކަންޏެއް ނޫނެވެ. ނީރާ ވެސް އިނީ ހައިރާންކަމެއްގެ ތެރޭގައެވެ. މަންމައަށް ވީގޮތެއް ނޭނގިފައެވެ.
"ލަމް، ހާސްނުބެލަ." ކާރަށް އަރަން ދަމުން ސުޖާއު ބުންޏެވެ. އަނގައިން ނުބުނެ ސުޖާއުއާއެކު އައިސް ލަމްހާ ކާރަށް އެރިއެވެ. އޭނާ ވާހަކަދެއްކީ ދެނެވެ. ކުރީ ރޭގައި ނުނިދުނީ ކީއްވެކަން ލަމްހާ ކިޔާދިނެވެ. ރޮމުންރޮމުން ކޮޓަރިން ނުކުތް ނީރާ ކޮޓަރި ބުޑަށް ވެއްޓުނުތަން އޭނާ ދުށީމޭ ބުންޏެވެ. އީހާނު އޭނާ ނަގައިގަނެގެން ކޮޓަރިއަށް ވެއްދި ގޮތް ވެސް ލަމްހާ ކިޔާދިނެވެ. އަދި އީހާނު ހުރިހާ ކަމެއް ރަނގަޅޭ ބުނީތީ އެކަމާ އަޖައިބުވާކަން ލަމްހާ ހާމަކުރިއެވެ. ކަމެއްނުވެ އޭނާގެ އަންހެން ދަރިފުޅު ނުރޯނޭ ލަމްހާއަށް ބުނެވުނެވެ.
* * * * *
ލައިޒަލްގެ ކޮނޑުގައި ބޯ އަޅާލައިގެން އުޝާ އިނެވެ. އަވިއައިނުން ދެ ޒުވާނުންގެ ލޯ ފޮރުވާލެވިފައިވާއިރު ދެ މީހުންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ ނީރާއަށެވެ. ލާންޗުން ބޭރަށް ނަޒަރު ހުއްޓާލި ގޮތަށް ނީރާ އިނެވެ. ހިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ. ލައިޒަލްގެ ކޯކަށިގަނޑު ވާންވެލިއެވެ. މީހަކު ނުބުންޏަސް އޭނާއަށް ނީރާގެ ހާލު ރަނގަޅެއްނޫންކަން އެނގެނީއެވެ. ހަމައެއާއެކު ހިތުގައި ޝަކުވާވިއެވެ. އެހާލުގައި އުޅޭންވެގެން ނީރާ ދިޔައީ އަމިއްލައަށް ވީމައެވެ. އެހެންވިޔަސް ހިތުގައިވީ ލޯބި ނަފުރަތަކަށް ބަދަލެއް ނުވެއެވެ. ނީރާގެ މައްޗަށް އެ ހިތް އަދިވެސް ހަމްދަރުދީ ވެއެވެ.
ކުރީން ހުރިހާ އެކުވެރީން އައި ދަތުރު ހެންނެއް މިފަހަރު ނުވިއެވެ. ރަށުގައި އެމީހުން ނޫން ބަޔަކު ނެތެވެ. އެންމެން ތިބެން ނިންމީ ތުނޑީގައެވެ. ވަށައިގެން އަނދިރިކަން ނޫނީ ނުވެއެވެ. ހަތަރު ޓެންޓު ޖެހިއެވެ. ވާރޭ އަތުވެދާނޭތީ އެކަމަށް ތައްޔާރުވެފައި ވެއެވެ. އެއް ޓެންޓުގައި ގެނައި ސާމާނުތައް ބެހެއްޓުމަށްފަހު ދެން ހުރި ޓެންޓުތަކުން އެބަޔަކު ބޭނުން ޓެންޓެއް ނެގިއެވެ. ބިގަރުތަކުން ޓެންޓުތައް ކައިރި އަލިވެފައި އޮތެވެ. ހުރިހާ ތައްޔާރީތައް ނިންމާލެވުމުން ގެނެސްފައި ހުރި ކޮފީ ދަޅު ކޭސް ކަނޑާލައި ކޮންމެ މީހަކަށް ދަޅެއް އީހާނު ދިނެވެ. ލެއްޕޭ ގޮތަށް ހުރި ކުދި ގޮނޑިތައް ނެރެ ވަށްބުރެއްހެން ޔަމާނު އަތުރާލިއެވެ.
"ކަނޑައިދޭންވީތަ؟" ނީރާގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑީގައި އައިސް އިށީން ލައިޒަލް އަހާލިއެވެ. ކޮފީ ދަޅު ހިފަހައްޓާލި ގޮތަށް ނީރާ އިނީމައެވެ. އެވަގުތު ނީރާގެ އަނެއް ފަރާތުގައި އިން އީހާނު ބޯއަރިކޮށް ލައިޒަލްއަށް ބަލާލިއެވެ. އެ ދަތުރުގައި ފުރަތަމަ ފަހަރަށް ނީރާގެ ނަޒަރު ލައިޒަލްއާ އަމާޒުވެލިއެވެ. ނޫނެކޭ ބުނާ ފަދައިން ނީރާ ބޯހޫރާލީ މަޑުމަޑުންނެވެ. ލައިޒަލް އޭނާގެ ކައިރީ އިށީނީތީ ވެސް ނީރާ އިނީ ފިނިވެފައެވެ.
"ބޭބްސް، ގެނޭ ކަނޑައިދޭނަން." ނީރާގެ އަތުން އީހާނު ދަޅު ނެގިއެވެ. އެވަގުތު އުޝާ އައިސް ލައިޒަލްގެ ގާތުގައި އިށީނދެއްޖެއެވެ. ނީރާ ތެދުވެގެން ހިނގައިގަތީއެވެ. ރާޅުޖަހާ ފަށާ ދިމާއަށެވެ. ދަޅު ކަނޑައިދީގެން އެ ހިފައިގެން ނީރާ ފަހަތުން އީހާނު އައެވެ.
ނިދަން ޓެންޓުތަކަށް އެންމެން ވަންނަންދެން ހެން އީހާނު އުޅުނީ ނީރާ ގޮވައިގެންނެވެ. އުޝާ ވެސް ލައިޒަލްއާ ދުރަށް ފިޔަވަޅެއް ނާޅައެވެ. ރިދާއާއި ޔަމާނަށް އެ ދެބައިމީހުން ޖަހާ ސަކަރާތް ފެންނައިރު ވެސް ނުފެންނަ ކަމަށް ހެދުނެވެ.
އީހާނު ނިދާ ހަރުވިއިރު ވެސް ނީރާއަކަށް ނުނިދުނެވެ. ސްލީޕިން ބޭގު ތެރެއިންނުކުމެ ޓެންޓު ހުޅުވާލައި ބޭރަށް ނީރާ ނުކުތެވެ. އޭނާއަށް ޖެހިގެން ހުރި ޓެންޓުގެ ބޭރުގައި އިން ލައިޒަލް ފެނުނީ ދެނެވެ. އަތުގައި އޮތް ފޯނަށް ނީރާ ބަލާލިއެވެ. މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. އެނބުރި ވަންނަން ނީރާ އުޅުނު ހިނދު ލައިޒަލް ގޮވާލިއެވެ. މަޑުކުރުމާއެކު ލައިޒަލްއަށް ނީރާ ބަލާލިއެވެ. އޭނާ އިންތަނުން ތެދުވެ ނީރާއާ ދިމާއަށް އައެވެ.
"ނުނިދަންތަ؟" ލައިޒަލް އަހާލިއެވެ.
"ލައިޒަލް ވެސް ހޭލާއެއްނު." ނީރާ ބުންޏެވެ.
"އައި މިސްޑް ޔޫ." ފޮރުވުމެއްނެތި ލައިޒަލް ބުނެލިއެވެ. ނީރާ ވެސް ހަމަ އެ މޭރުމުން ބުނާ ހިތް ވިއެވެ. އެކަމަކު ލައިޒަލްއަށް ހަގީގަތެއްނެތް ހުވަފެނެއް ދައްކަން ބޭނުންނުވީއެވެ. ލައިޒަލް އައުމަށް އިޝާރާތް ކުރުމުން އޭނާއާއެކު ނީރާ ހިނގައިގަތެވެ. ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ދެ މީހުން އިށީނެވެ. ނީރާއާ ކުރިމަތިވާނޭހެން ލައިޒަލް ގޮނޑި އަނބުރާލިއެވެ. ނީރާގެ މޫނަށް އިރުކޮޅަކު ބަލަން އިނދެފައި ކަންފަތް ކައިރިން ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގެ ވޮށީގެ ފަހަތަށް ލައްވާލިއެވެ. އެހިނދު ލައިޒަލްގެ އަތުގައި ނީރާ ހިފެހެއްޓިއެވެ. އެހާމެ އަވަހަށް ލައިޒަލްގެ އަތުން ދޫވެސް ކޮށްލައިފިއެވެ. އަމިއްލަ އަތަށް ލައިޒަލް ބާލުމަށްފަހު ނީރާއަށް ބަލާލިއެވެ.
"ނުވޭތަ މިސްއެއް... ބޭނުމެއްނުވޭތަ އަހަންނަށް... މިއަތުގެ ތެރޭ ނީރާ ވީއިރު، އެއީ އަހަރެންގެ އެންމެ އުފާވެރި ހަނދާންތައް. ތީ އަހަރެންގެ މީހަކަށް ވާނޭ ހީކުރިން. ތިހަށިގަނޑުގައި ބީހޭނެ ހަމައެކަނި މީހަކީ އަހަރެންނަށްވާން އެދެވުނު. އެކަމަކު އެ ވަގުތުތައް މިއަދު މިވަނީ ހަމައެކަނި ހަނދާންތަކަށްވެފައި."
ނީރާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނީއެވެ. އިސްޖަހާލުމުން އޭނާގެ ދަތްދޮޅީގައި ހިފައި އެ މޫނު ލައިޒަލް އުފުލާލިއެވެ. ނަޒަރު ސީދާކުރާށޭ ބުނާ ފަދައަކުންނެވެ. އެތައް ދުވަހެއްގެ ވަކިވުމަށްފަހު ދެ ހިތް ބައްދަލުވީ ފަހަރު މޫނު އަނބުރާނުލާން ލައިޒަލް އެދޭ ފަދައެވެ.
"ލައިޒަލް..." ބާރު އަޑަކުން އުޝާ ގޮވާލިއެވެ. ސިހިފައި ލައިޒަލްގެ އަތް ދަތްދޮޅިއާ ދުރަށްލީ ނީރާއެވެ. އޭނާ ނިކަން އަވަހަށް ތެދުވެއްޖެއެވެ. ލައިޒަލް އިން ގޮތަށް އިނީތީ ނީރާ ހައިރާންވިއެވެ.
"ޔޫ ޝުޑް ގޯ." ނީރާ ބުނެލިއެވެ. މާނަވީ ބެލުމަކާއެކު ލައިޒަލް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.
"އެހެން އަންހެނެއްގެ ކައިރިއަށް އަހަރެން ފޮނުވާލަނީތަ؟ ނީރާއަށް ކެތްވޭތަ އަހަރެން އެހެން އަންހެނަކަށް ލޯބިކުރަން." ލައިޒަލްގެ އަޑު މަޑު ވިޔަސް ނީރާއަށް އިވުނެވެ.
"ޝީ އިޒް ޔޯ ވައިފް." ނީރާ ބުންޏެވެ. ލައިޒަލް ހިތިގޮތަކަށް ހީނލީއެވެ.
"އައި ވިޝް އައި ކުޑް ހޭޓް ޔޫ ޓު ޑެތް." ލައިޒަލްގެ ދެ ލޮލުގައިވި ރިހުން ނީރާގެ ހިތް ރޮއްވާލިއެވެ. އަވަސްއަވަހަށް ނީރާ އެނބުރި ހިނގައިގަތީ ދުރަށެވެ. އޭރު އުޝާ އައިސް ލައިޒަލްގެ ގާތުގައި ހުއްޓިއްޖެއެވެ.
"އެހާ ބާރަށް ގޮވުމުގެ ބޭނުމަކީ ކޮބާ؟" ލައިޒަލް ތެދުވަމުން ވާހަކަދެއްކީ ކައިރީގަ ހުރި އުޝާއާއެވެ.
"ބިރުގަތީ... ހުވަފެނެއް ފެނުނީ. ހޭލެވުނުއިރު ލައިޒަލް ވެސް ނެތް." އުޝާ ހާމަކުރީ އެއްބައެވެ. އޭނާ ބިރުގަތީ ހުވަފެނެއް ފެނިގެނެއްނޫނެވެ. ހޭލެވުނު އިރު ލައިޒަލް ނެތްކަން އެނގުމުން ނީރާއާ ދެމީހުން ބައްދަލުވަނިއްޔޭ ހިތަށް އެރީއެވެ. ޓެންޓުން ނުކުތް ވަގުތު ފެނުނީ ވެސް ހީކުރި މަންޒަރެވެ. ލައިޒަލް އިން ގޮތުން ނީރާގެ ތުންފަތުގައި ބޮސްދޭން އުޅެނީއޭ ސިފަކުރެވުނީއެވެ. އެހާބާރަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ.
ހެނދުނު އެންމެން ނުކުމެ އުޅުނުއިރު ނީރާ އޮތީ ޓެންޓުގައެވެ. ރޭގައި ލައިޒަލްއާއި ނީރާ ބައްދަލުކުރިކަން އެނގެނީ ހަމައެކަނި އުޝާއަށެވެ. އޭނާއަށް ހިމޭނަކުން ނުހުރެވުނެވެ. ޔަމާނާއެކު ލައިޒަލް އެއްފަރާތްވެލި ވަގުތު ބަލާފައި އުޝާ އައީ އީހާނުގެ ކައިރިއަށެވެ.
"ނީރާ ނިދަނީތަ؟" އުޝާ އަހާލިއެވެ.
"ސައިބޯހިތް ނެތޭ ކިޔާފަ އޮތީ." އީހާނު ބުންޏެވެ.
"ހީކުރީ ރޭގަ ހޭލާ އުޅުނީމަ ނިދި ހަމަކުރަން އޮތީއޭ." އުޝާ ފެށީ ދުރުންނެވެ.
"ނީރާ ހޭލާ އުޅުނުކަމެއް އުޝާއަށް ކިހިނެއް އެނގެނީ."
"އަހަންނަށް ހޭލެވިގެން ނުކުތްއިރު ލައިޒަލްއާ ދެމީހުން ތިބީ އެތިބަ ގޮނޑިތަކުގަ. ނޭނގެ ކިހާއިރަކުން ފެށިގެން ކަމެއް. އަހަރެން ފެނިގެން ނީރާ ހުރީ ރުޅިއައިސްފަ. ވާހަކައެއް ވެސް ނުދެއްކި. ވަރަށް ހެއްވާ މީހެއް. އަހަރެންދެކެ ކޮންރުޅިއެއް އަންނާކަށް. އަހަރެން އަޑުއެހިން ލައިޒަލްއާ ހެދިއޭ ނީރާ އުޅެނީ. އީހާނަށް ހަމަ ޝައްކެއް ވެސް ނުވޭތަ؟. ތި ދެމީހުން އަނެއްކާ އޯކޭތަ؟" އުޝާ ހީވީ އީހާނު އެ ސުވާލު ނުކޮށްގެން ހުރީ ހެންނެވެ. މަގްސަދު ހާސިލުވެއްޖެކަން އުޝާއަށް ބުނެދިނީ އީހާނުގެ މޫނުގެ ކުލަވަރު ބަދަލުވެލިތަން ފެނިއެވެ.
"އެކަހަލަ ގުޅުމެއް އެމީހުންގެ މެދުގައި ނޯވޭ. އުޝާ ތިދައްކަނީ އަހަރެންގެ އަނބިމީހާގެ ވާހަކަ. އަހަންނަށް އޭނާ އެނގޭ. ނީރާއަކީ އަހަރެންގެ މީހެއް. އޭނާ އަހަންނާ ވަތްކެއް ނުވާނެ. ބޭވަފާތެރިއެއް ވެސް ނުވާނެ. އުޝާ ހާސްވާންޖެހޭ ސަބަބެއްނެތް." އީހާނު ވެސް ހަގީގަތް ފަސްއަޅާ ފޮރުވަން މަސައްކަތް ކުރީއެވެ.
ބައްދަލުކުރަން ބޭނުންވިޔަސް ލައިޒަލްއަށް ނީރާއާ ކައިރިވެލައި ވާހަކަދައްކާނޭ ފުރުސަތެއް ނުލިބެއެވެ. އީހާނުގެ އަމަލުތައް އެއްދަރަޖަ މައްޗަށް ޖައްސާލައިފަ ވާކަހަލައެވެ. ނީރާ ގަޔާނުވިޔަސް އެންމެންގެ ކުރިމަތީ އޭނާގެ ގައިގާ ބައްދާ މޫނުގައި ބޮސްދީ ހަދަނީއެވެ. ރުޅިގަނޑު އެތެރެއަށް ހިންދާލުން ފިޔަވައި ލައިޒަލްއަށް ކުރެވޭނެ ކަމެއްނެތެވެ. ލައިޒަލް ބަލާލައިފިނަމަ އީހާނުގެ ކަންތައް ވަކިން ބޮޑުވެއެވެ.
މޫދަށް އެރިގެން އެންމެން އުޅުނުއިރު އެއްފަހަރު ނީރާގެ އަތުގައި ލައިޒަލް ހިފާލިއެވެ. ލޮނުގަނޑުގެ ތެރެއިން ދެއަތް ގުޅުނުކަމުގެ ހިލަން ނީރާއަށް ނޫނީ ނުވެއެވެ. އޭނާ ލައިޒަލްއަށް ބަލާނުލި ނަމަވެސް ލައިޒަލްގެ އަތާ އަތް ވަކިކޮށެއް ނުލިއެވެ. އެ އަތުގައި ހިފާލެވުމުން ވެސް ތަފާތު ހިތްހަމަޖެހުމެއް ނީރާއަށް ލިބުނު ފަދައެވެ. އެ ހިތްހަމަޖެހުމާ އެއްވަރުގެ ތަކުލީފު ވެސް އެ ހިތަށް ލިބިގެންދިޔައެވެ. އަތުން ދޫކޮށްލުމަށް އިނގިލިތައް ހުޅުވާލައި ނީރާ އެނބުރިލިއެވެ. ލައިޒަލް އެ އަތަށް ވާންކޮށްލީ ނުދާށޭ ބުނާފަދައިންނެވެ.
"މީ ރަނގަޅު ގޮތެއްނޫން." ނީރާ މިހެން ބުނެ ބޮލުން އިޝާރާތްކުރީ އުޝާއަށެވެ.
ނީރާ އުޅުނީ ވިސްނައިގެންނެވެ. އޭނާއާ އުޝާ ދެއްކި ވާހަކަތައް ހަނދާނެއް ނުނެތެވެ. ލައިޒަލްއަކީ މިހާރު އޭނާގެ ފިރިމީހާކަމާއި، މީހެއްގެ ފިރިއަކާ އެކަހެރިވުމަކީ ލަދުހަޔާތެއްނެތް އަންހެނަކު ނޫނީ ނުކުރާނޭ ކަމެއްކަން އުޝާ ބުނިފަހުންނެވެ. ފިރިމީހާ އެ ލަފުޒުގެ ފުރިހަމަ ބާރު މިއަދު އުޝާއަށް ލިބިފައި ވެއެވެ. އެ ފިރިމީހާއާއެކު އެއްވެސް ގުޅުމެއް ނެތަސް އެކަން އޭނާ ދުނިޔެއަށް ވަންހަނާ ކުރެއެވެ. އެންމެންގެ ލޯތަކާއި ގަނޫނީ ގޮތުން ވެސް އެއީ އޭނާގެ ފިރިމީހާއެވެ. ކައިވެނީގެ ކުރީން ލައިޒަލްއާ އޭނާ ވީ އެއްބަސްވުމުގެ މަތީ ދެމި ހުރުމުގެ ވިސްނުމެއް އުޝާގެ ނެތެވެ. ލައިޒަލްގެ ދިރިއުޅުމަށް ނީރާ އަންނާކަށް އޭނާ ފުރުސަތެއް ނުދޭނެއެވެ. މި ދަތުރަކީ ނީރާއަށް ޓަކައި ލައިޒަލް ރޭވި ރޭވުމެއްކަން އުޝާ ދެނަހުއްޓެވެ. ލައިޒަލް އަދިވެސް ބޭނުންވެގެން އުޅެނީ ނީރާއެވެ. އެކަމަކު އޭނާއަށް އެކަންވިޔަ ނުދޭނެ މީހަކީ އުޝާއެވެ.
ދަތުރުގެ އެންމެ ފަހު ރެއެވެ. ޓެންޓުތަކާއި ތަންކޮޅެއް ދުރުގައި ބޮޑު އަލިފާންގަނޑެއް ޖަހާފައި ހުއްޓެވެ. ޔަމާނު ދައްކަމުންދިޔަ ވާހަކައަށް ލައިޒަލްއަށް ސަމާލުކަމެއް ނުދެވުނެވެ. އީހާނުގެ އުނގުގައި ނީރާ އިނީ ތެދުވަން ބޭނުންވެފައެވެ. ނަމަވެސް އޭނާގެ އުނަގަނޑުގައި ދެއަތް ވަށާލައިގެން އީހާނު އިނީ ދޫކޮށްނުލާށެވެ. ރިދާ އިނދެފައި އީހާނަށް ބަހަކުން ޖަހާލިއެވެ. އެވަރަށް ހިފަހެއްޓިޔަސް މިލްކުނުވާނޭ ރިދާ ބުނެލިއެވެ. އީހާނު ޖަހާލީ ހިނިގަނޑެކެވެ. މިލްކުގައިވާ އެއްޗެއް އަމިއްލައަށް ދޫކޮށްލިއްޔާ ނޫނީ އެހެން މީހަކަށް ނުލިބޭނެކަން އީހާނު ބުނެލީ ޔަގީންކަމާއެކުއެވެ. އެ ވާހަކަތަކުން އަސަރެއް ކުރިކަމުގައި ލައިޒަލް ނުހެދުނެވެ. ނީރާގެ ކަންފަތު ފޫޅުގައި އީހާނު ދަތް އަޅާލިއެވެ. ކަނދުރާގައި ބޮސްދިނެވެ. ނުރުހުންވެ ނީރާ ގެނައި ހަރަކާތުން ގޮނޑިއާއެކު އީހާނާއި ނީރާ ވެއްޓުނީއެވެ. އަވަސްއަވަހަށް ނީރާ ތެދުވެގެން ދާން އުޅުނު ވަގުތު އޭނާގެ ފިޔަވަޅު މަޑުޖެހުނީ އީހާނު އެންމެންގެ ތެރޭ ހާމަކޮށްލި ވާހަކައިންނެވެ. މަޑު އާހެއް ނީރާގެ އަނގައިން ނުކުތްއިރު އޭނާއަށް އެނބުރި ބަލާލެވުނީ ލައިޒަލްއަށެވެ. އިސްޖަހާލައިގެން ހަރަކާތެއް ނުކޮށް ލައިޒަލް އިނެވެ. އީހާނު އެ ބަސްތައް އެ އިއްވާލީ ގަސްދުގައިކަން ނީރާއަށް މިހާރު ބުނަން އެނގެއެވެ. އަމާޒުކުރީ ލައިޒަލްއަށްކަން ޔަގީން ވެއެވެ. އަތްދަމާފައި އީހާނުގެ އަނގަމަތީ ޖަހަން ނީރާ ބޭނުންވިއެވެ. އުފާފާޅުކޮށް ވާހަކަދެއްކި މީހަކަށްވީ ހަމައެކަނި އުޝާއެވެ. އައިގަދަ ރުޅިން ނީރާ ރޫރޫ އަޅާލިއެވެ. އެ ގަދަ ރުޅީގެ އާވިން ދެ ލޮލަށް ކަރުނަ ވެސް ޖަމާވެއްޖެއެވެ. ހަރުކޮށް ހިނގާފައި ޓެންޓާ ދިމާއަށް ނީރާ ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާ ދުއްވައިގަތީއެވެ. (ނުނިމޭ)