ސާފް ޗެމްޕިއަންޝިޕް

ހާފްޓައިމްގައި ސަޕޯޓަރުންނަށް ބޭރަށް ނުދެވޭނެ

މި އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފެށޭ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ހާފް ޓައިމްގައި ބޭރަށް ނުނިކުމެވޭނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ މި ފަހަރުގެ މުބާރާތް ކުރިއަށް ދާއިރު ދަނޑަށް ވަންނަ ސަޕޯޓަރުން މެޗު އެއްކޮށް ނިމެންދެން ދަނޑުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. އަދި ހާފް ޓައިމްގައި ބޭރަށް ނުދެވޭނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގައި ކުޅެ ދެ މެޗުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާއިރު، ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ގިނަ ވެގެން ފަސް ޓިކެޓެވެ. އަދި ޓިކެޓް ގަންނަން ވަޑައިގަންނަވާ ފަރާތްތަކުން ޓިކެޓު ހޯއްދަވާ ހުރިހާ ފަރާތެއްގެ އައިޑީ ކާޑާއި ވެކްސިން ކާޑު ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމްއިން ބުނެ އެވެ. މިފަހަރުގެ ޓިކެޓުގައި ހާއްސަ ސެކިއުރިޓީ ފީޗާއެއް ހިމަނާފައި ވާނެ އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓު މިއަދު ވިއްކާނީ 14:00 އިން 23:00 އަށެވެ. އަދި މާދަމާ ޓިކެޓް ވިއްކުން އޮންނާނީ 10:00-18:00 އަށް އަދި 20:00-23:00 އަށެވެ. ހުކުރު ދުވަހުގެ ހަވީރު ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓް ލިބެން ހުންނާނީ ނިއުރޭޑިއެންޓް ސަޕޯޓަރުންގެ ސްޓޭންޑުގެ ބިއްދޮށުގަ އެވެ. އަދި ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކާނީ އޮލިމްޕަސް ކުރިމަތީގައި ހުންނަ ޓިކެޓް ކައުންޓަރުންނެވެ.

ދަނޑަށް ވަންނަ ބެލުންތެރިންނަށް ގޮނޑިބަރިން ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ. ސިޑިބަރީގެ ޓިކެޓް އުޅެނީ 75 ރުފިޔާ އަށެވެ.

ކޮވިޑްގެ ހާލަތާއި އެކު މިފަހަރުގެ މުބާރާތަށް ދަނޑަށް ވަދެވޭނީ ކޮވިޑްގެ ވެކްސިން ދެ ޑޯޒް ޖަހާފައިވާ ފަރާތް ތަކަށް އެކަނި ކަމަށް އެފްއޭއެމްއިން މައުލޫމާތުދެ އެވެ. އެހެންކަމުން ޓިކެޓް ވިއްކާނީ ހަމައެކަނި ދެ ޑޯޒު ޖަހާފައިވާ ފަރާތް ތަކަށްކަން ފާހަގަކުރަމުން އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ވެކްސިން ކާޑު ބޭނުންވާނެ ކަމަށެވެ. އަދި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވުމުންނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

ބޫޓާނުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުން ތަކަށް ފިޔަވާ އެ ގައުމުން ބޭރަށް ދިއުން މަނާ ކޮށްފައި ވާތީ އެގައުމު މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވާނެ އެވެ. ޕާކިސްތާނަށް މުބާރާތުގައި ބައިވެރި ނުވެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.