ޑރ. މުހައްމަދު ޝައިނީ

އަގު ހެޔޮކޮށް ތެޔޮ ހޯދަން ދޭންޖެހޭ މައުލޫމާތު އަދީބު ނުދޭ: ޝައިނީ

Nov 29, 2015
5

ރާއްޖެއަށް އަގު ހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހި ކުރުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ކުންފުނިތަކަށް ދޭންޖެހޭ މުހިންމު މައުލޫމާތުތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުދެއްވާ ހުރި ކަން ހާމަވެފައިވާ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

"އައި ހެވަން" ގެ މަޝްރޫއާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާގެ ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ފެށުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގެ ވީވީއައިޕީ ލައުންޖުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ ސައޫދީ އަރަބިއްޔާގެ އެރަމްކޯ ކުންފުނިން ރާއްޖެއަށް އަގު ހެޔޮކޮށް ކުރުޑް އޮއިލް ވިއްކާގެ ކަމަށް ކުރިން ބުނެފައިވާ ކަމަށާ، ނަމަވެސް އެކަން ފަހި ކުރުމަށް ރާއްޖޭން ދޭން ޖެހޭ މުހިންމު މައުލޫމާތުތައް ނުލިބި ހުރިކަން ބެލިބެލުމުން އެނގިގެން ގޮސްފައިވާ ކަމަށެވެ.

"އޭރުގައި އަދީބު ވިދާޅުވެފައި އޮތީ އެ މައުލޫމާތުތައް އޮތީ ދީފައޭ. އެކަަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. އަޅުގަނޑު ބެލިއިރު އެކަން އޮތީ ނުކޮށް. އެހެންވީމަ އަޅުގަނޑުމެން މިޖެހުނީ އެ މަސައްކަތް އަލުން ކުރަން. ނަމަވެސް ސައޫދީ ސަރުކާރުން ބުނެފައިވަނީ ވަރަށް ޕޮޒިޓިވްކޮށް ދޭންޖެހޭ މައުލޫމާތެއް ދޭނެ ކަމަށް،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ނައިބް ރައީސް މިގޮތަށް މިކަންތައް ކޮށްފައި ހުރުމުން ބޮޑެތި ކުންފުނިތަކުން އިތުރަށް ޔަގީންކަން ބޭނުންވާ ކަމަށެވެ.

"މި ފަދަ ކަމެއް ހިނގައިދެން ދިއުމުން ވާހަކަ ދައްކާ ކުންފުނިތަކުން ބޭނުންވޭ އިތުރު ޔަގީންކަމެއް. އެހެންވެ އަރަމްކޯގެ ފަރާތުން ބޭނުންވާ ސިޓީއެއް އަޅުގަނޑުމެންނާ ހަމައަށް އައުމާއެކު އެކަންތައް ކުރިއަށް ދާނެ. އިރާދުކުރެވިއްޖިޔާ އެ ސިޓީ ލިބި އެކަންކަންވެސް މި ދަތުރުގައި ކުރިއަށް ދާނެ،" ޝައިނީ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭން ގަނެގެން ގެންދާ ސާފުނުކުރާ ތެޔޮ ސާފުކޮށްދޭން ސިންގަޕޫރުގެ ރިފައިނަރީތަކުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުގައި ރާއްޖެއަށް އަގުހެޔޮކޮށް ތެޔޮ ހޯދުމަށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.