ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވުމާ ގުޅިގެން އޭނާ އަށް ފިޔަވަޅު އެޅުމަށް ނިންމާ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލައި އޭނާ އަށް ފިޔަވަޅު އަޅަން ނިންމީ މިމަހު އެވެ.
ގާޒީ އަލީ ނަސީރުގެ މައްޗަށް ކުށް ސާބިތުވީ ސިވިލް ކޯޓުގައި އޭނާ ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ ވެސް އެއްކޮށް ނިންމަން ހުށަހަޅާފައި ވަނިކޮށް އޭނާ އަމަލުކުރެއްވި ގޮތުން ޖޭއެސްސީ އަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތުވުމުންނެވެ.
މައްސަލަ ސާބިތުވުމުން އަލީ ނަސީރަށް ފިޔަވަޅު އެޅުމުގެ ގޮތުން ޖޭއެސްސީން ނިންމީ އޭނާގެ މަގާމު ދަށްކޮށް އެހެން ކޯޓަކަށް ބަދަލުކުރާށެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލް އިޒްމީރާ ޝިޔާމު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް އަލީ ނަސީރު އެހެން ކޯޓަކަށް ބަދަލުކުރުމަށްޓަކައި އޭނާ އަށް ތިން ރަށެއް ހުށަހެޅި ކަމަށެވެ. އެއީ ހއ. ދިއްދޫ، ވ. ފެލިދޫ އަދި ގދ. ތިނަދޫ އެވެ.
އެ ރަށްތަކަކީ މެޖިސްޓްރޭޓުން ބޭނުންވެގެން މެޖިސްޓްރޭޓުން ހޯދަން ވެސް ޖޭއެސްސީން އިއުލާންކޮށްފައިވާ ރަށްތަކެކެވެ. އިޒްމީރާ ވިދާޅުވީ ހުށަހެޅި ރަށްތަކުގެ ތެރެއިން ކެޔޮދޫ އަކީ އަލީ ނަސީރު އިހްތިޔާރު ކުރެއްވި ރަށް ކަމަށްވާތީ އެރަށަށް ގާޒީ ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރަކަށް ސުލޫކީ މައްސަލައެއް ސާބިތުވެއްޖެނަމަ އެ ފަނޑިޔާރަކު އެވަގުތަކު ހުންނެވި ކޯޓަކަށް ވުރެ ދަށް ކޯޓެއްގެ ފަނޑިޔާރަކަށް ނުވަތަ މެޖިސްޓްރޭޓަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވެ އެވެ. މީގެކުރިންވެސް ބައެއް ފަނޑިޔާރުންނާ ދެކޮޅަށް އެފަދަ ފިޔަވަޅުތައް އަޅާފައިވެ އެވެ.