ސަރަހައްދީ ސަލާމާތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން މިއަދު އިންޑިޔާއާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އެވެ.
އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑިއާގެ އެމްއާރްއައިޓީ ހިދުމަތްތައް ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެމްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެ އެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ ރާއްޖެއަށް އަދާކުރެވޭނެ އެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އައިއެމްއޯ އިން އެމްއާރްއައިޓީ ސިސްޓަމެއް ރައްޖޭގައި ގާއިމުކުރާނެ އެވެ.
މި ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ އެވެ.
ސޭފްޓީ ފޯ ލައިފް އެޓް ސީޒް (ސޯލާސް)ގެ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން މި ސިސްޓަމުން އައިއެމްއޯ މެމްބަރު އުޅަނދުތައް އޮތްތަނުގެ މައުލޫމާތު އެއްކޮށް، މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި އިންޑިއަން ނެޝަނަލް ޑާޓާ ސެންޓާ ފޯ އެމްއާރްއައިޓީ އިންޑިއާ ނެޝަނަލް ޑާޓާ ސެންޓަރުން ވެސް މައުލޫމާތުތައް ރާއްޖެއަށް ލިބޭނެ އެވެ.
ޝިޕިން ކުންފުނި ތަކުގެ ވެރިން އަދި މެނޭޖަރުންނަށްވެސް ވަކިކަހަލަ މައުލޫމާތުތައް ލިބޭ ގޮތަށް ވެބްސައިޓެއް މެދުވެރިކޮށް އެ ކުންފުންޏެއްގެ އުޅަނދުތައް ވަގުތުން ރާއްޖެއަށް ބަލައިލެވޭނެ އެވެ. މީގެ ސަބަބުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި ހައިޖެކްޓް ކޮށް، ނުވަތަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ދިމާވިޔަސް ވަގުތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެ އެވެ.