ސަލްމާން ހާން

ސަލްމާންގެ އުފަންދުވަހަށް އަގުބޮޑު ޔޮޓެއް ގަންނަނީ!

Nov 30, 2015

އަންނަ މަހުގެ 27ވަނަ ދުވަހަކީ ސުޕަސްޓާ ސަލްމާން ޚާންގެ 50 ވަނަ އުފަންދުވަހެވެ.

ބޮލީވުޑްގެ އެހެން ތަރިންނާއި ހިލާފަށް ސަލްމާނަކީ އެއްވެސް އުފަންދުވަހެއް މާ ކުލަ ގަދަކޮށް ފާހަގަކުރާ ތަރިއެއް ނޫނެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުން 50ވަނަ އުފަންދުވަސް ވެސް ސަލްމާން ފާހަގަކުރާނީ ހަމައެކަނި އާއިލާގެ މެމްބަރުންނާއެކު އެވެ.

ބުނެވޭ ގޮތުގައި 50ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ސަލްމާން ވަނީ އޭނާ އާއި އާއިލާގެ މީހުން ބޭނުންކުރުމަށް އާ ޔޮޓެއް ގަތުމަށް ނިންމާފަ އެވެ.

މިހާރުވެސް ސަލްމާން އަތުގައި އަމިއްލަ ޔޮޓެއް އޮންނައިރު، އެޔޮޓް ބޭނުންނުކޮށް އަލީބާގްގެ ޕްރައިވެޓް ބީޗެއްގައި ބާއްވާފައި އޮންނަތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ.

އަލަށް ގަތުމަށް ސަލްމާން ނިންމާފައިވާ ޔޮޓްގައި މުޅި އާއިލާ ގޮވައިގެން އޭނާގެ އުފަންދުވަހުގައި ޓްރިޕެއްގައި ދިއުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މިހާރު ސަލްމާންގެ އަތުގައި އޮތް ޔޮޓް ވިއްކާލުމަށްފަހު އާޔޮޓް ގަތުމުގެ ހުރިހާ ޒިންމާއެއް ނަގާފައިވަނީ ކޮއްކޮ ސޮހެއިލް ޚާން ކަމަށްވެ އެވެ. އަދި ބޮޑު އާޔޮޓެއް ގަތުމަކީ ވެސް ސޮހެއިލް ދިން ހިޔާލެއް ކަމަށްވެ އެވެ.

ސަލްމާން އާއި ގާތްފަރާތަކުން ބުނެފައިވާކަމަށް ނޫސްތަކުގައިވާ ގޮތުން، އަލަށް ގަންނަ ޔޮޓަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް އަދި އެކި ކުޅިވަރު ކުޅެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ.

"ޗުއްޓީތަކުގައި ސަލްމާން އަކީ ވަރަށް މޫދަށް ގޮސް ފަތާ ހިއްވާ މީހެއް" އެފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

މިއަހަރު ނިކުތް ސަލްމާންގެ ދެފިލްމު ކަމަށްވާ "ބަޖްރަންގީ ބައިޖާން" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިހާރު އަންނަނީ ކަލާސް ޗެނަލުން ދައްކަމުން އަންނަ "ބިގް ބޮސް 9" އާއި "ސުލްތާން"ގެ މަސައްކަތް ކުރަމުންނެވެ.