ސާފް ޗެމްޕިއަންޝިޕް

ޗެމްޕިއަންކަން ހޯދަން ދިވެހި ރައްޔިތުން ތިބީ ގައުމީ ޓީމާ އެކު: ރައީސް

Sep 30, 2021

ދިވެހިން ތިބީ ގައުމީ ޓީމާ އެކު ތިންވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.


ރައީސް ސޯލިހް މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ކޭމްޕް ކޮށްގެން ތިބޭ ހޮޓެލް ޖެން އަށް ވަޑައިގެން ކުޅުންތެރިންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ކުޅުންތެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާއި، ދިވެހިންގެ އުއްމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަން ކުޅުންތެރިންނަށް ހަނދާން ކޮށްދެއްވާފަ އެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާއި ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ގައުމީ ފުޓްބޯޅަ ދަނޑު، ބޭނުންވާ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތް ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ ކޮވިޑް-19ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމުގައި ވިދާޅުވެ ފައެވެ. އެހެންވެ ކުޅުންތެރިންނަށް ތަމްރީން ވުމަށް ލިބުނު ކުޑަ މުއްދަތު ތެރޭގައި ގައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކުރައްވާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ވެސް އިއުލާންކުރެއްވި އެވެ.

ރާއްޖޭގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ 13 ވަނަ މުބާރާތެވެ. މީގެ ކުރިން ރާއްޖެއިން ވަނީ 2008 ވަނަ އަހަރާއި، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.