ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ބޭނުންކުރާ ޖާޒީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފި އެވެ.
ރައީސް ސޯލިހަށް މިއަދު ޖާޒީ ހަދިޔާކުރެއްވީ އެފްއެމްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޭނުންކުރަން ނިންމާފައިވާ ދެ ޖާޒީ ވެސް ބައްސާމް ވަނީ ރައީސް ސޯލިހަށް ހަދިޔާކޮށްފަ އެވެ.
ގައުމީ ޓީމާއި އެކު ރައީސް ސޯލިހު އިއްޔެ ބޭއްވެވި ބައްދަލުވުވުމުގައި އެމަނިކުފާނު ވަނީ ގައުމީ ޓީމު ކުޅޭ ހުރިހާ މެޗެއް ވެސް ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފަ އެވެ.
ރާއްޖެ ކުޅޭ މެޗު ތަކުގެ ތެރެއިން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހް ވަނީ ދެއްވާފަ އެވެ.
ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތަށްފަހު މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލްއާ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ރާއްޖެ މުބާރާތަށް ނިކުންނަނީ ތަށި ދިފާއު ކުރުމަށެވެ.