ބޮލީވުޑް

ޝްރަދާ ކަޕޫރު ފުރަތަމަ ފަހަރަށް އެކްޝަން މަންޒަރުތަކެއް ނަގަނީ

Nov 30, 2015

"އާޝިގީ 2" އިން ވިދާލި ޒުވާން ބަތަލާ ޝްރަދާ ކަޕޫރު މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.

މިހާތަށް މުޅިން ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ޝްރަދާ "ބާގީ" ގައި ފުރަތަމަ ފަހަރަށް އެކްޝަން މަންޒަރުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝްރްދާ ބުނެފައިވަނީ އެކްޝަން މަންޒަރުތަކެއް ކުޅެން ލިބުމުން އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި އެކްޝަން މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު ބެންކޮކްގައި ތަމްރީނު ހަދަމުން އަންނަ ކަމަށެެވެ.

"އެކްޝަން ސީންގެ މަންޒަރު ނެގުމުގެ ކުރިން މިހާރު މިއަންނަނީ ފުރިހަމައަށް ޓްރެއިންނިން ނަގަމުން. މިއީ އަނެއްކާ ވެސް އަހަންނަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް" ޝްރަދާ ބުނެފައިވެ އެވެ.

ސަބީރް ޚާން ޑައިރެކްޓްކުރާ މިފިލްމުގައި ޝްރަދާއާއެކު ފެނިގެންދާނީ ޓައިގާ ޝްރޮފް އެވެ. މިފިލްމުގައި ޓައިގާ ލޯބި ހާސިލުކުރަން މަސައްކަތްކުރާ ޒުވާނެއްގެ ރޯލުން ފެނިގެންދާއިރު އޭނާވެސް ވަނީ ފިލްމުގައި ހިމެނޭ ގިނަ އެކްޝަން މަންޒަރުތަކަށް ޓްރެއިނިން ހަދާފަ އެވެ.

އަންނަ އެޕްރީލް މަހުގެ ތެރޭގައި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ޝްރަދާ މިހާރު އަންނަނީ "ރޮކް އޮން 2" ގެ މަސައްކަތްވެސް ކުރަމުންނެވެ.