ބޮލީވުޑް

ލޯބިވެރިޔާ ނުލިބުނީމަ ލަތާ މަންގޭޝްކަރް މުޅި އުމުރު ހުސްހަށިބަޔަށް!

އިންޑިޔާގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އޭނާގެ މުޅި ހަޔާތް ހޭދަކޮށްލާފައިވަނީ އެކަނި މާއެކަންޏެވެ. ލަތާ ދުވަހަކުވެސް މީހަކާ ކައިވެންޏެއް ނުކުރެ އެވެ.

ސެޕްޓެމްބަރު 28، 1929ގައި އުފަންވި ލަތާ އަކީ ކުޅަދާނަ އަދި މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން އިންޑިޔާ އާއި ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި ގަދަރު ހޯދާފައިވާ މީހެކެވެ. ލަތާގެ ލަވަކިޔުމުގެ ކެރިއަރުގައި 36 ބަހަކުން އެތައް ހާސް ލަވައެއް ކިޔާފައި ވެއެވެ.

އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި ގިނަ ގުނަ ކާމިޔާބީތަކާއި ޓްރޮފީތައް ލިބިފައިވިޔަސް އޭނާގެ ޒާތީ ދިރިއުޅުމުގައި ވަނީ ފަޅުކަމެވެ. ކައިވެންޏެއް ނުކުރާތީ އެވެ. އޭނާގެ އުނގު ފަޅުފިލުވާލަދޭނެ ދަރިންނާއި މާމަ ދަރިން ނެތީމަ އެވެ.

ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ލަތާ ގަސްތުކުރީ ދެ ސަބަބަކާ ހުރެ އެވެ. ފުރަތަމަ ސަބަބަކީ ވަރަށް ޅަ އުމުރުގައި އޭނާއަށް އޭނާގެ ހަގު ހަތަރު ކޮއްކޮއިން ކަމަށްވާ މީނާ، އާޝާ، އޫޝާ އަދި ރިދާޔަނާތު ބެލުމުގެ ޒިންމާއާ ހަވާލުވާން ޖެހުމެވެ.

ކޮއްކޮމެންނަށް ތައުލީމުދީ އެކުދިންގެ ކެރިއަރު ބިނާކުރުމަށް ލަތާ ވަނީ އޭނާއަށް ކޮށްދެވުނު ހުރިހާ ކަމެއް ކޮށްފަ އެވެ. އެންމެ ފަހަރަކުވެސް އޭނާ ކޮއްކޮމެންގެ ޒިންމާއިން ކުޑަ ވަގުތުކޮޅަކަށް ވެސް ދުރަށް ޖެހިލަން މަސައްކަތެއް ނުކުރެ އެވެ.

އެގޮތަށް އެތައް އަހަރެއް ކައިވެނި ނުކޮށް ލަތާ ކޮއްކޮމެން ބެލުމުގައި ހޭދަކުރި އެވެ. އެންމެ ފަހުން އޭނާއަށް މީހަކާ ލޯބިވެވި ކައިވެނިކުރަން ބޭނުންވީ ނަމަވެސް އެ ކައިވެނި ކުރެވޭ ގޮތެއް ނުވި އެވެ. ތަގުދީރުގެ އަތުން އޭނާގެ ހުރިހާ ހުވަފެންތަކެއް ވަނީ ވިއްސި ވިހާލި ކޮށްލާފަ އެވެ. މިއީ އޭނާ ދުވަހަކުވެސް ކައިވެނި ނުކުރަން ނިންމި ދެވަނަ ސަބަބެވެ.

އިންޑިޔާގެ ނޫހެއްގައި ލިޔެފައިވާ ލަތާގެ ހަޔާތާ ގުޅޭ ވާހަކައެއްގައި ބުނެފައިވާ ގޮތުގައި ލަތާގެ ހަޔާތަށް އައީ ކުރީ ޒަމާނުގައި ވަރަށް މަޝްހޫރުވި ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ރާޖް ސިންގް ދުންގަރްޕޫރެވެ. ރާޖް އަކީ ލަތާގެ ހުރި ހަމައެކަނި ފިރިހެން ކޮއްކޮ ރިދަޔަނާތުގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ރިދަޔަނާތުގެ އެކުވެރިއެއްގެ ގޮތުގައި ލަތާގެ ގެއަށް ރާޖް އަންނަތާ ގިނަ ދުވަސްތަކެއް ފަހުން އެމީހުންގެ އެކުވެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވި އެވެ. އަދި ދެ މީހުން ކައިވެނި ކުރަން ގަސްތުކުރި އެވެ.

ލަތާއާ ކައިވެނިކުރަން ބޭނުންކަން ރާޖް އޭނާގެ އާއިލާގެ މީހުންނަށް އެންގުމުން އާއިލާއިން އެކަމާ ދެކޮޅު ހެދީ އެވެ. ރާޖް އަކީ އިންޑިޔާގެ އޭރުގެ ވަރަށް ގަދަރުވެރި ޝާހީ އާއިލާއެއްގެ މީހަކަށް ވެފައި ލަތާ އަކީ ވަރަށް އާދައިގެ މީހަކަށް ވާތީ އެވެ.

ރާޖްގެ އާއިލާގެ މި ނިންމުމުގެ ސަބަބުން ލަތާ އާއި ރާޖްގެ ކައިވެނީގެ ހުވަފެންތައް ފުނޑުފުނޑުވެގެން ދިޔައީ އެވެ.

އާއިލާގެ މި ނިންމުމަށް އިހްތިރާމްކޮށް އެމީހުން ބުނި ގޮތަށް ކަންތައް ކުރަން ރާޖް ނިންމި އެވެ. ނަމަވެސް ދުވަހެއްގެ ކޮޅުން ވެސް އޭނާ މީހަކާ ކައިވެނި ނުކުރާނެ ކަމަށް ރާޖް އޭނާގެ މައިންބަފައިންނަށް އެންގި އެވެ. ލަތާ ވެސް އޭރު ހުރީ ރާޖް ދެކެ އިންތިހާއަށް ލޯބިވެފައި ކަމުން ރާޖް ނިންމި ގޮތަށް އޭނާ ވެސް ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ނިންމި އެވެ.

ސެޕްޓެމްބަރު 12، 2009 ގައި ރާޖް ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. ރާޖް މަރުވީ ގިނަ ދުވަސްތަކެއް ވަންދެން އަލްޒައިމާ ބަލީގައި އުޅެފަ އެވެ. ހަނދާން ނެތޭ ބަލި ހުއްޓަސް ރާޖް އާއި ލަތާގެ ގާތް އެކުވެރިކަން ރާޖްގެ އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް އޮތެވެ.