މީގެ ފަސް ވަރަކަށް އަހަރު ކުރިން މި ދުނިޔެއާ ވަކިވެފައިވާ މި ކުއްޖާގެ ވާހަކަ ކިޔާލުމުން ދޭހަވަނީ އެންމެ އެއްޗެކެވެ. ލޯބިވާކަށް އަދި އެ ލޯބި ހާސިލުކުރާކަށް ވަކި އުމުރެއް ނެތް ކަމެވެ.
އުމުރުން އެންމެ އަށް އަހަރުގައި ކެންސަރު ބަލީގައި މި ކުއްޖާ ދުނިޔެ ދޫކުރުމުގެ ކުރިން އޭނާ އަށް ލޯބީގެ ޖަޒުބާތު ވެސް ތަޖުރިބާކޮށްލަން ލިބުމުން އޭނާގެ މައިންބަފައިން ތިބީ އުފަލުންނެވެ.
މިއީ ޑޭވިޑް ސިޕަސްކް ޖޫނިއާ، 8، ގެ ހަޔާތުގެ ވާހަކަ އެވެ. ކެންސަރު ބަލީގައި އޭނާ މަރުވުމުގެ ކުރިން އޭނާ އެންމެ ލޯބިވާ އަންހެން ކުއްޖާގެ ލޯބި ލިބި އޭނާއާ އެކު ހަޔާތުގެ ފަހު ދުވަސްކޮޅު އުފަލުގައި ހޭދަކޮށްލި ގޮތުގެ ވާހަކަ އެވެ.
އޭބީސީ ނިއުސް އަށް ދިން އިންޓަވިއު އެއްގައި ޑޭވިޑްގެ މަންމަ އެމްބާ ސިޕަކްސް އޭނާގެ ދަރިފުޅުގެ ހަޔާތުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ޑޭވިޑަށް ލޭގެ ކެންސަރު ފުރަތަމަ ޖެހުނީ އޭނާގެ އުމުރުން އެންމެ ދެ އަހަރުގަ އެވެ. އެ ފަހަރު އޭނާ ފަރުވާކޮށް ކެންސަރުން މުޅިން ރަނގަޅުވި އެވެ. އޭގެ ފަހުން އިތުރު ތިން ފަހަރު އޭނާއަށް ކެންސަރު ޖެހި ކޮންމެ ފަހަރަކުވެސް އޭނާ އެ ބައްޔާ ހަނގުރާމަކޮށް ކާމިޔާބު ހޯދި އެވެ. ވަރަށް ބާރުގަދަ ކީމޯތެރަޕީގެ ފަރުވާތައް ހޯދައިގެންނެވެ. ނަމަވެސް ހަތަރުވަނަ ފަހަރަށް ކެންސަރު ޑައިގްނޯސް ވުމަށްފަހު ޑޭވިޑަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ހޮސްޕިޓަލުގަ އެވެ. ގޭގައި ހުންނަން ލިބުނީ މަދު ދުވަސް ކޮޅެކެވެ. އަދި ކުދިންނާ އެކު ކުޅެލާ އުޅުމުގެ ފުރުސަތު ވެސް ހަތަރުވަނަ ފަހަރު ނުލިބުނެވެ.
"އެހިސާބުން އަހަރުމެން ހިތަށް އެރި އޭނަ އަށް ވީހާވެސް އުފާވެރި ދިރިއުޅުމެއް ހަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ދިނުމޭ ދެން އޮތް ގޮތަކީ. ކޮންމެ ފަހަރަކު ކެންސަރުން ރަނގަޅުވާއިރަށް އެ ބަލި އަނެއްކާ އެނބުރި އަންނާތީ ދަރިފުޅުގެ ހަޔާތުގައި ދެން ބާކީ މާ ގިނަ ދުވަސް ނެތްކަމަށް ގަބޫލު ކުރެވުނު. އެހެންވެ މީހެއްގެ ދިގު އުމުރުގައި އޭނާ ކުރާނެ ހުރިހާ ތަޖުރިބާތަކެއް ޑޭވިޑްގެ ކުރު ހަޔާތުގައި ވެސް ތަޖުރިބާ ކުރުވުން އަހަރެމެން ބޭނުންވި،" ޑޭވިޑްގެ މަންމަ ބުންޏެވެ.
މާޗް މަހު ޑޮކްޓަރުން ބުނެފައިވަނީ ފަރުވާ ނުދީފިނަމަ ޑޭވިޑަށް ގިނަވެގެން ދުނިޔޭގައި ހުރެވޭނީ ހަ ވަރަކަށް ހަފުތާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެތައް މަހެއް ފާއިތުވީއިރު ވެސް ސްކޫލަށް ގޮސް އުޅެވޭ ވަރަށް ޑޭވިޑްގެ ހާލު ރަނގަޅެވެ.
ސްކޫލަށް ކިޔަވަން ދިއުމުގެ ތެރޭގައި ޑޭވިޑާ އެއް ކްލާހެއްގައި ކިޔަވާ އައިލާ ނަމަކަށް ހަތް އަހަރުގެ އަންހެން ކުއްޖަކާ ޑޭވިޑް ވަރަށް ބޮޑަށް ގަޔާވާކަން އޭނާގެ މަންމަ އަށް ޔަގީން ކުރެވުނެވެ. އެހެންވެ ޑޭވިޑް އެންމެ ލޯބިވާ ކުއްޖާއާ އެކު ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ހޭދަކޮށްލައި އެ ޖަޒުބާތު ވެސް އޭނާއަށް އިހްސާސް ކޮށްދޭން ޑޭވިޑް މަންމަ ބޭނުންވީ އެވެ.
ޑޭވިޑް މާބޮޑަށް ބަލިވެގެން ސްކޫލަށް ނުދެވެން ފެށުމުން އޭނާގެ ކްލާސް ކުދިން އޭނާއަށް ސިޓީ ފޮނުވަ އެވެ. އަދި އެ ސިޓީތަކުގައި ޑޭވިޑް ނާންނާތީ އައިލާ ވަރަށް ދެރަވެގެން އުޅޭކަމަށް އެ ކުދިން ލިޔެފައި ހުރެ އެވެ.
ޚުދް އައިލާ ވެސް ޑޭވިޑަށް ސިޓީތައް ލިޔެ ފޮނުވަ އެވެ. އެ ސިޓީތަކުގައި އައިލާގެ ފޯނު ނަމްބަރު ވެސް ޖަހާފައި ހުރެ އެވެ. ވީމާ އައިލާގެ ހިތުގައި ވެސް ޑޭވިޑަށް ޚާއްސަކަމެއް އޮތްކަން އެނގުނެވެ.
"އަސްލުވެސް އައިލާ އަކީ ސްނޯ ވައިޓް ކަހަލަ ކުއްޖެއް. އެހާ އޯގާތެރި އެހާ ރަނގަޅު ކުއްޖެއް. އޭނާ އަހަރެން ދެކެ ވެސް ވަރަށް ލޯބިވާނެ،" ޑޭވިޑްގެ މަންމަ ބުންޏެވެ.
އައިލާ ދެކެ ޑޭވިޑް ލޯބިވާވަރު އެނގޭތީ އައިލާގެ މަންމަ އާ ވާހަކަ ދައްކައިގެން އެ ކުދިން ބައްދަލުކުރުވަން ރޭވީ ޑޭވިޑްގެ މަންމަ އެވެ. މިގޮތަށް ދެ ކުދިން ފުރަތަމަ ބައްދަލުވީ ފަހަރު މަލާއި ޓެޑީ ބެއާ ފަދަ ތަކެތި ގަނެދީ އަދި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖެއްސީ ވެސް ޑޭވިޑްގެ މަންމަ އެވެ.
އޭގެ ފަހުން އައިލާ ގަވާއިދުން ޑޭވިޑް ކައިރިއަށް ދެއެވެ. އަދި އޭނާއާ އެކު ވަރަށް ގިނަ ވަގުތު ހޭދަ ކުރެ އެވެ.
ޑޭވިޑްގެ މަންމަ ބުނި ގޮތުގައި އެންމެ ލޯބިވާ އަންހެން ކުއްޖާއާ އެކުވެރިވާނެ ފުރުސަތު ލިބުމުން އޭނާގެ ދަރިފުޅުގެ ކިބައިން ފެނުނީ އޭނާގެ އުމުރަށް ވުރެ އެތައް ގުނަ ހަރު މީހެއްގެ ސިފަ އެވެ. އޭނާ ހަގީގަތުގައި ވެސް އައިލާ ދެކެ ވަރަށް ލޯބިވާކަށް އެންމެންނަށް ވެސް އެރޭ ޔަގީން ކުރެވުނެވެ. އަދި ޑޭވިޑްގެ ހަޔާތަށް ކުޑަ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އައިލާ އައިސް ޑޭވިޑްގެ ހިތް އުފާ ކޮށްދެވުނީތީ އެންމެން ވެސް ވަރަށް އުފާ ކުރި އެވެ.
އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ޑޭވިޑްގެ ހާލު ބޮޑުވާން ފެށުމުން އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލުން ޑިސްޗާޖްކޮށްގެން ގެއަށް ގެނައީ އެވެ. މަންމަ އާއި ބައްޕަގެ މެދުގައި ކުޑަ ޑޭވިޑް ބާއްވައިގެން އެ މީހުންގެ ލޯބީގެ ފިރުމުން ތަކާއެކު ހަޔާތުގެ ފަހު ދުވަސްކޮޅު ހޭދަކުރެވޭނެ ގޮތް ހެދުމަށެވެ.
ޑޭވިޑް ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުން ލަފާކުރި މުއްދަތަށް ވުރެ 9-10 ވަރަކަށް މަސް އިތުރަށް ޑޭވިޑް ދުނިޔޭގައި ހުއްޓެވެ. އެ ދުވަސްތަކުގައި އެމީހުންގެ ގެ އޮތީ އާއިލާގެ މީހުންނާއި އެކުވެރިން އައިސް ފުރާލާފަ އެވެ. އަދި ޑޭވިޑްގެ ހަޔާތުގެ ފަހު ދުވަސްތަކުގައި އައިލާގެ މަންމަ އޭނާ ގޮވައިގެން ވަރަށް ގިނައިން ޑޭވިޑް ކައިރިއަށް އާދެ އެވެ. އަދި އައިލާ ފެނުމުން ޑޭވިޑް އިންތިހާއަށް އުފާވެ އެވެ.
ޑޭވިޑްގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި އައިލާގެ ސަބަބުން ޑޭވިޑަށް އުފާވެރިކަން ލިބުނެވެ. އަދި އޭނާ ދުނިޔެ ދޫކުރީ މާބޮޑު ވޭނެއް ނެތި ހަމަހިމޭން ކަމާ އެކުގަ އެވެ.