މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސެޓެލައިޓް ސްކޫލުތައް މިމަހު 24ގައި ހުޅުވަނީ

Oct 1, 2021
1

ތިން ރަށެއްގައި ހަދަމުންދާ ސެޓެލައިޓް ސްކޫލުތައް މިމަހު 24 ވަނަ ދުވަހު ހުޅުވައި ކިޔަވައިދޭން ފެށުމަށް ނިންމައިފި އެވެ.

ސެޓެލައިޓް ސްކޫލުތައް ހަދަމުންދަނީ ބ. ފެހެންދޫ، ވ. ރަކީދުއާއި އަދި ވ. ތިނަދޫގަ އެވެ.

ފެހެންދޫގައި ސެޓެލައިޓް ސްކޫލު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަޕްރައިސަސް އަށެވެ. އަދި ތިނަދޫއާއި ރަކީދޫގައި ސެޓެލައިޓް ސްކޫލު ހެދުމަށް ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ.

ތިނަދޫ އާއި ފެހެންދޫ ސްކޫލަށް އެއް މިލިއަން އަދި ރަކީދޫ ސްކޫލަށް ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަކީދޫއާއި ތިނަދޫގައި ހަދަމުންދާ ސެޓެލައިޓް ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފަ އެވެ.

ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ސްކޫލް ވެސް ނެތް ރަށްތެކެވެ.

ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވައިދޭން ފަށާއިރު ވަސީލަތްތަކާއި މުދައްރިސުން ތިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ރަށްތަކުގެ ސްކޫލުތަކާ ގުޅިގެން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަަމަޖެއްސުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.