އޭނާއާ ފަސް ދިނުމަށްފަހު ލައިގެން ހުރި ބިބް އެއްލައި ކޯޗު ހޯސޭ މޮރީނިއޯ އަށް ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ކޯސްޓާގެ ހިތްހަމަނުޖެހުން އައީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ބައްދަލުކޮށް 0-0އިން އެއްވަރުވި މެޗުގައި އޭނާ ބެންޗުގައި ބޭންދުމުންނެވެ.
ފުރަތަމަ 11 އަށް ނާރާކަން އެނގުމުން ކޯސްޓާ ފުރަތަމަ ދިޔައި ޓީމުގެ ބަހަށެވެ. އެތަނުގައި އެކަނި އިނދެ ކައިގެން އައިސް ވޯމް އަޕް ކުރަން ވެސް އޭނާ ފުރަތަމަ ދެކޮޅު ހެދި އެވެ. އަދި މެޗަށް ފަހު ވޯމްޑައުން ކުރުމުގައި ވެސް ބައިވެރިނުވި އެވެ.
ކޯޗު ހޯސޭ މޮރީނިއޯ މެޗަށް ފަހު ބުނީ ކޯސްޓާގެ ހިތްހަމަނުޖެހުން ފާޅުކުރަންވީ ބިބަކުން ނޫން ކަމަށެވެ.
"އަހަރެން ކޯސްޓާ އަށް ވަރަށް ގިނަ ފުރުސަތު ދީފިން. އޭނާ ވެސް އެކަން ދަންނަންޖެހޭ. އަހަންނާއި އޭނާއާ ރަނގަޅު ގުޅުމެއްވެސް އެބައޮތް. މި ޓީމުގައި ވަކި މީހެއްނޫން އެންމެން ވެސް ބެންޗުގައި ވެސް ތިބެފި. ކެޕްޓަން ޖޯން ޓެރީ، ބްރަނިސްލާވް އިވަނޮވިޗް، ސެސް ފެބްރިގާސް، އޮސްކާ، ހަޒާޑް މިހެން ގޮސް އެންމެންވެސް ބެންޗުގައ ތިބެފި. އެހެންވީމާ އޭނާ އެކަމާ ހިތްހަމަނުޖެހިގެން އުޅޭކަށްނުވޭ،" މެޗު އެއްވަރުވުމުން ޓޭބަލުގެ 14 ވަނާގައި އޮތް ޓީމުގެ ކޯޗު މޮރީނިއޯ ބުންޏެވެ.
ރޭގެ މެޗުގައި މޮރީނިއޯ ފޯވަޑަކަށް ކުޅުވީ ހަޑާޒް ލައްވަ އެވެ. އެއީ ފޯވަޑުން ކަމަށްވާ ލޮއިކް ރެމީ އާއި ރަޑަމަލް ފަލްކާއޯ އަނިޔާގައި ތިބުމުންނެވެ. މޮރީނިއޯ ކޯސްޓާ ބެންޗުގައި ބޭންދީ އޭނާގެ ފޯމު ދަށްވުމުންނެވެ. މި ސީޒަނުގައި 10 މެޗު ކުޅެ ކޯސްޓާ އަށް ޖެހުނީ އެންމެ ގޯލެކެވެ.
މޮރީނިއޯ ބުނީ ސީނިއާ ކުޅުންތެރިއަކަށް ބެންޗުގައި އިނުމަކީ ފަސޭހަކަމެއްނޫން ކަމަށާއި ނަމަވެސް ކުލަބުގެ ނިންމުމަށް ހުރިހާ ކުޅުންތެރިން ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާގެ ޓީމު ރޭ ރަނގަޅަށް ކުޅުނު ކަމަށާއި އެ ކުޅުން ތަކުރާރުކޮށްފިނަމަ ކުރިއަށް އޮތް 10 މެޗުން ވެސް މޮޅުވެވިދާނެ ކަމަށެވެ. އަދި ސީނިއާ ކުޅުންތެރިން އެކަތި ގަނޑެއްގެ ގޮތުގައި ކުޅޭ ކޮންމެ މެޗެއްގައި ޗެލްސީ ފެންނަނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަން ވެސް މޮރީނިއޯ ފާހަގަ ކުރި އެވެ.
ކޯސްޓާ މޮރީނިއޯއާ ދިމާލަށް ބިބް އެއްލާލުމުން އެކުލަބުގެ ކުރީގެ ކުޅުންތެރިން ދަނީ ކޯސްޓާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކުރީގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ބުނީ ކޮންމެ ކަމެއްގައި ވެސް ލިމިޓެއް އޮންނާނެކަން ކޯސްޓާ ހަދާންކުރަންޖެހޭނެ ކަމަށެވެ.