އޭނާގެ ކުރީގެ ކުލަބު ވިކްޓަރީގެ ކޯޗަކަށް އަލުން ދިއުމަށްވުރެ މާޒިޔާގެ ކޯޗަކަށް އަންނަ އަހަރު ހުރުން މާ ރަނގަޅުވާނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭނާ މިހެން ބުނީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާޒިޔާ އަތުން 3-1އިން މޮޅުވެ ނިއު ރޭޑިއަންޓް ޖެހިޖެހިގެން ހަތަރު ވަނަ އަހަރަކު ޗެމްޕިއަންކަން ހޯދި މެޗަށް ފަހު އެވެ.
ސުޒޭން ބުނީ އޭނާ 2012 ވަނަ އަހަރު ވިކްޓަރީ ދޫކޮށްލީ އޭނާ ބޭނުންވާ ގޮތަށް އެންމެ ކަމެއް ކޮށްދޭން މެނޭޖްމަންޓް ބޭނުން ނުވުމުން ކަމަށާއި މިހެންވެ ވިކްޓަރީގެ މެނޭޖްމަންޓުން ބޭނުންވާ ގޮތަށް އެކުލަބު ހިންގަން ދޫކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ވިކްޓަރީ އަކީ އަޅުގަނޑާ އިމޯޝަނަލް ގުޅުމެއް އޮތް ކުލަބަކަށްވާނެ. އަޅުގަނޑު ވިކްޓަރީގައި މަސައްކަތް ކުރީ އަމިއްލައަށް ހުރިހާ ކަމެއް ކޮށްގެން. ވިސްނަން ނުޖެހޭ ހުރިހާ ކަމަކާ ވެސް ވިސްނައިގެން. އަޅުގަނޑު ވިކްޓަރީ ދޫކޮށްލިއިރު އެއީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު. އެހެން ބަޔަކަށް ކާމިޔާބީގެ ގޮތުން އަރާ ހަމަނުކުރެވޭހާ ކުރީގައި އޮންނާނީ. އެކަމަކު އަޅުގަނޑު ބޭނުންވި ގޮތަކަށް އެންމެކަމެއްކުރަން މެނޭޖްމަންޓް ބޭނުންނުވުމުން ދޫކޮށްލާފައި އައީ. އެހެންވީމަ އަލުން ދިއުމަށްވުރެ ނުދިއުން އެންމެ ރަނގަޅީ. އެއަށްވުރެ މާޒިޔާތެރޭގައި ހުރުން ވެސް މާރަނގަޅުވާނެ" ސުޒޭން ބުންޏެވެ.
އޭނާ ބުނީ މާޒިޔާގެ ކޯޗަކަށް އަންނަ ސީޒަނުގައި ހުރުމާމެދު ގޮތެއް ނިންމާނީ ސީޒަން ނިންމާފައި ވަރަށް ހަމަޖެހިގެން ކަމަށެވެ. ނަމަވެސް މިސީޒަނަކީ މާޒިޔާ އަށް ކާމިޔާބު ސީޒަނެއް ނޫން ކަމަށާއި މިހެންވެ ފުޓްބޯޅަ ކޯޗުކަން ކުރުމާ ދުރަށް ދިއުމަކީ ވެސް އޭނާ ވިސްނާލުން ރަނގަޅު ކަމެއް ކަމަށެވެ.
"މާޒިޔާގެ ޓާގެޓް ހާސިލެއްނުވި. އެހެންވީމާ ކާމިޔާބު ސީޒަނެއްނޫން. އެކަމަކު މާޒިޔާގެ ދިގު ތާރީހުގައި މިއީ ކާމިޔާބު ސީޒަނެއް. އެއީ ތައްޓެއް ހޯދާފައި، ފައިނަލެއްގައި ކުޅެ، ޗެރިޓީ ޝީލްޑެއް ހޯދާފައިވާތީވެ. އެކަމަކު ހަމަ މިއާއެކު ބުނެލަން ޖެހެނީ މިވަގުތަކީ އަޅުގަނޑު ވެސް އަމިއްލަ އަށް ވިސްނާލުން އެންމެ ރަނގަޅު ވަގުތަށްވާނެހެން ހީވަނީ. އެއީ ލައްކަ ދުވަހު ފުޓްބޯޅަ ތެރޭގައި އުޅެވިއްޖެ. އެހެންވީމަ އަދިވެސް ކޯޗުކަން ކުރާނީތޯ ނުވަތަ އަމިއްލަ ދިރިއުޅުމުގެ ތެރެއަށްދާނީތޯ މިއީ އަމިއްލައަށް ވިސްނާލުން ރަނގަޅު ކަމެއް،" ސުޒޭން ބުންޏެވެ.
އަންނަ އަހަރުގެ ސީޒަނަށް މާޒިޔާއިން ޕްލޭނެއް ހެދުމުން އެޕްލޭނަށް އޭނާގެ ހިޔާލު ވެސް އިތުރުކޮށްފައިވާނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.
ވިކްޓަރީގެ ވަކިވެ އެފްއޭއެމުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު ސުޒޭން މާޒިޔާއާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި މާޒިޔާ ވަނީ މިދިޔަ އަހަރުގެ އެފްއޭކަޕާއި މި އަހަރުގެ ޗެރިޓީ ޝީލްޑް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.