ރާއްޖޭގެ ފުޓްބޯޅައިގައި އަލީ ސުޒޭނަކީ ވަރުގަދަ ލެޖެންޑެކެވެ. އިތުބާރު ކުރެވޭ ކާމިޔާބު ކޯޗެކެވެ. ބަސްވިކޭ ނުފޫޒު ގަދަ ޝަހުސިއްޔަތެކެވެ. މިހެންވެ އޭނާގެ މަގާމު ކުރިމަގުގައި ފުރާނެ މީހަކު ދެއްކުމަކީ ސުޒޭންގެ އުއްމީދެކެވެ. އަޅުގަނޑާ ވާހަކަ ދައްކާ ވަރަށް ގިނަ ފަހަރުތަކުގައި މިވާހަކަ ތަކުރާރުކުރެ އެވެ.
"އަހަންނަށް ހީވަނީ އަހަރެން ނެތަސް އަހަރެން ހުސްކުރާ ގޮނޑި ފުރާނެ މީހަކު އެބަދެއްކޭހެން. އެގޮތުން ބަލާއިރު ވެސް ފުޓްބޯޅަ އަށް މިކޮށްދެވެނީ ވަރަށް ބޮޑު ހިދުމަތަކަށްވާނެ،" މިއީ ވޯލްޑް ކަޕާއި ޔޫރޯ އަދި އެނޫން ވެސް ކުޅިވަރުގެ ޝޯތަކުން އަޅުގަނޑާ ބައްދަލުވެގެން ދަނޑު ބޭރުގައި ސުޒޭން ވަރަށް ގިނައިން ބުނާ ވާހަކައެކެވެ.
އޭނާ އެއިޝާރާތް ކުރާ މީހަކީ ކޮއްކޮ މުހައްމަދު ނަޒީހު އެވެ. ސުޒޭނުގެ ފަހަތުން އޭނާ ކުރި ވަރަށް ގިނަ ކަންކަމުގައި ނަޒީހު މިހާރު އަންނަނީ ބައިވެރިވެ، ކުރިއަރަމުންނެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ވިކްޓަރީ އާއި މާޒިޔާ ކުޅޭ މެޗަކީ މި ދެބެއިންނަށް ދުވަހަކު ހާއްސަ ނުވާހާ ބޮޑަށް ހާއްސަ މެޗެކެެވެ. ދެބެންގެ އިތުރުން މުޅި އާއިލާ އަށް ވެސް މިއީ ހާއްސަ މެޗެކެވެ. މިއީ ދެ ޓީމެއްގެ ކޯޗުންގެ ގޮތުގައި އެއްބަނޑު އެއްބަފާ ދެބެއިން ތިބެގެން ރާއްޖޭގައި ކުޅޭ ފުރަތަމަ ރަސްމީ ފުޓްބޯޅަ މެޗެވެ.
ގަލޮޅު ދަނޑުގައި މިރޭ 10 ޖަހާއިރު ކުޅޭ މެޗަށް ސުޒޭނާއި ނަޒީހު އެކަކު އަނެކަކާ ދެކޮޅަށް ނުކުންނައިރު ދެ ކޯޗުންނަށް އުނދަގޫވާނެ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. މާޒިޔާގެ ކޯޗަކަށް ހުއްޓަސް ސުޒޭން ނުކުންނަން މިޖެހެނީ އޭނާ ކޮއްކޮ ބަލިކުރާށެވެ. އަދި އަބަދުވެސް އެންމެ ލޯބިވާ ކުލަބު ވިކްޓަރީއާ ދެކޮޅަށެވެ.
މި މެޗުގެ ވާހަކަ ވަރަށް ކުރިން ސުޒޭނު ގާތުގައި ދައްކަން ފެށީމެވެ. އެކަމަކު އޭނާ އެހާ ބޮަޑަށް މިވާހަކަ ނުދެއްކީ ވެސް "އުނދަގޫ"ވާތީކަން ޔަގީންވި އެވެ. އެކަމަކު ނަޒީހު މެޗާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކި އެވެ.
"ކޮންމެ ގޮތެއް ވިޔަސް މިއީ ވަރަށް އިމޯޝަނަލް މެޗެއް. ދެމީހުން އެބަހުރި އިދިކޮޅަށް ކުޅެން ނުކުމެފައި. އެކަމަކު ކުޅުމާ ކޯޗުކަން ކުރުމާ ވަރަށް ތަފާތުވާނެ. ކުޅޭއިރު މާބޮޑަކަށް އެކަން ނުވިސްނިދާނެ. އެކަމަކު ބެންޗުގައި ކޮޅަށް ހުންނައިރު އެންމެ ފަސޭހައިން މަށަށް ވެސް ފެންނާނެ މީހަކަށްވާނީ ބޭބެ. ނުބުންޏަސް ފެންނަ ކޮންމެ ފަަހަރަކު އޭނާ އަށް ވެސް ވަރަށް އުނދަގޫވާނެ،" ނަޒީހު ބުންޏެވެ.
މި ކޯޗުންނަކީ ވެސް ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. ސުޒޭން ކުޅުނީ ވިކްޓަރީ އާއި ވެލެންސިއާ އަދި ލެގޫންސަށެވެ. ނަޒީހު ފެނިގެންދިޔައީ ވިކްޓަރީ އާއި ނިއުރޭޑިއަންޓުންނެވެ. ކުޅުންތެރިއެއްގެ ޖާޒީގައި ސުޒޭނަށް ވުރެ ކުރީ ހޯދީ ނަޒީހު އެވެ. ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި އިރު އޭނާ ވެގެންދިޔައީ ރާއްޖޭގައި އެއިރު ހުރި އެންމެ ސްޓައިލިޝް އަދި އިތުބާރު މިޑްފީލްޑަރަށެވެ. ވިކްޓަރީގެ އެންމެ ބޮޑު ވާދަވެރިޔާ ނިއުރޭޑިއަންޓުން ދެ ސީޒަނެއްގައި ނަޒީހު އޮބިއަޅައިގެން ވެސް އެކުލަބުގައި ބެހެއްޓީ އޭނާގެ މުހިންމުކަން ބޮޑުވުމުންނެވެ.
އެކަމަކު ކޯޗިންގައި ކުރި ހޯދާފައިވަނީ ސުޒޭނެވެ. އަބުދުލްޖަލީލް (އަބުޖީ) އާއި މައުރޫފް އަހުމަދު (މާއްޓޭ) އަށް ފަހު ވިކްޓަރީއާ ހަވާލުވެ މިހާރު ސުޒޭނަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗެވެ. މިފަހަރުގެ ލީގުގައި ދިވެެއްސަކަށް އޭނާ ނޫނީ ފުރަތަމަ ޑިވިޝަނުގެ ތައްޓެއް ހޯދި ކޯޗަކު ވެސް ނެތެވެ. މާޒިޔާގެ ކާމިޔާބު ކުލަބަކަށް ހަދައިދިނީ ވެސް އޭނާ އެވެ.
މިރޭގެ މެޗަށް ކޮއްކޮއާ ދެކޮޅަށް ނުކުންނައިރު ސުޒޭނުގެ ޓީމު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ޓޭބަލުގެ އެއްވަނާގަ އެވެ. މިއާ ހިލާފަށް ކޮއްކޮ ނަޒީހަށް މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ. ކުރިން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވުމުން އަށް ޓީމު ވާދަކުރާ ލީގުގެ ޓޭބަލުގެ ފުލުގައި މިވަގުތު އޮތީ ވިކްޓަރީ އެވެ. ހަގީގަތަށް ބުނާނަމަ މިއީ ސުޒޭނާއި ނަޒީހުގެ ހިތަށް ވެސް ކުޅަދާނަ ވާނެ ކަމެއްނޫނެވެ. އެކަމަކު ސުޒޭން އަބަދުވެސް ބުނާ ވާހަކައެއްއޮވެ އެވެ.
"އަހަރެން ބޮލަށް ފައިން އަރަން އުޅޭ ގަޑީގައި ނޫން ކޮންމެ ވަގުތަކު އަހަރެންގެ ހެޔޮއެދުންތައް އަބަދުވެސް ވިކްޓަރީއާއެކުގައި ވާނެ." އެވެ.
މެޗާ ބެހޭ ގޮތުން ނަޒީހު ބުނީ ބޭބެ އަށް އަބަދުވެސް ކާމިޔާބު ލިބުމަށް އެދޭ ކަމަށާއި ނަމަވެސް މާޒިޔާ ބަލިކުރަން އޭނާ އަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ވެސް ކުރާނެ ކަމަށެވެ.
މި ދެ ޓީމަށް ބަލާއިރު މާޒިޔާ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމެވެ. ގައުމީ ޓީމުގެ 12 ކުޅުންތެރިންނާއި ބިދޭސީ ތިން ކުޅުންތެރިން އެބަތިއްބެވެ. މިއާ ހިލާފަށް އިހުގައި މޮޅަސް މިހާރު ވިކްޓަރީއަކީ އާދައިގެ ޓީމެކެވެ. މިހެންވެ މާޒިޔާ ބަލިކުރުމަކީ ރާއްޖޭގެ ކޮންމެ ޓީމަކަށް ވެސް އޮތް އެންމެ ބޮޑު ޗެލެންޖެވެ. މިފަހަރު ނަޒީހަށް ނާޒުކު ދަނޑިވަޅެއްގައި މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހުނުއިރު އޭނާގެ ރޭވުންތައް ހާވިއާ ކޮށްލަން އިސްވެ އިދިކޮޅަށް ނުކުންނަނީ ބޭބެ އެވެ.
"މާޒިޔާ އަކީ އެންމެ ވަރުގަދަ ޓީމު. އެމީހުން ބަލިކުރުމަކީ މިފަހަރު ޓީމަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ ކަންތައް. އެހާވެސް ވަރުގަދަ ޓީމެއް އެއީ. ދެން އެހުރީ ސުޒޭން ކޯޗަކަށް. އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު ކޯޗު. ވިކްޓަރީގެ މެންޓަލިޓީއާ ވެސް އެންމެ ރަނގަޅަށް ކުޅެން ދަންނަ ކޯޗު އެއީ. އެހެންވީމަ މިއީ ފަސޭހަ މެޗެއް ވެސްނޫން. އެކަމަކު ވިކްޓަރީ އަށް މިއީ ވަރަށް މުހިންމު މެޗެއް. މާޒިޔާ ވެސް ބަލިކުރެވިދާނެ. ފުޓްބޯޅައިގައި ނުވާނެ ކަމެއް ނޯންނާނެ،" ނަޒީހު ބުންޏެވެ.
ތާރީހީ މެޗަަކށް ދެބެއިން ނުކުންނައިރު އެންމެ ދޮށީ ބޭބެ އިބްރާހީމް ރިޔާޒް (ގާނާ) ވެސް އިންނާނީ ވިކްޓަރީގެ ބެންޗުގަ އެވެ. ކޮއްކޮ އިބްރާހީމް ސިނާޒަަކީ ވިކްޓަރީގެ ބޯޑުގެ މެމްބަރެކެވެ. މެޗާ ބެހޭ ގޮތުން ގާނާ ބުނީ މިއީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭނެ މެޗެއް ކަމަށެވެ.
"ވަރަށް އުފާވޭ މި ގޮތަށް ދިމާވީމަ ވެސް. ދެން ސުޒޭނަށް ވެސް ކާމިޔާބީ ލިބުން އެންމެވެސް އެދެނީ. ނަޒީހަށް ވެސް ކާމިޔާބު ލިބުން އެދުމަކީ. އެކަމަކު މާޒިޔާ ބަލިކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއްނޫން. އެއީ އެންމެ ގަދަ ޓީމު. ވިކްޓަރީ މިއޮތީ އެހާ ރަނގަޅަކަށްނޫން. އެކަމަކު ވެސް ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ،" ގާނާ ބުންޏެވެ.
ނަޒީހާއި ސުޒޭނަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވެދީ އެކެއްގެ ވާނުވާ އަނެކަކު ބަލައި ހަދާ ދެމީހުންނެވެ. 2007 ވަނަ އަހަރުގެ ދިވެހި ލީގު ޕްލޭއޯފް މެޗެއް ބަލަން އަޅުގަނޑު ދަނޑަށް ދިޔައީ އެއިރު އަރައިގެން އައި އޭވައިލް ކުޅުނު މެޗަކަށެވެ. ފުރަތަމަ ޑިވިޝަނަށް އަރަން އެޓީމު ފަހުފިޔަވަޅު އަޅަމުން ދިޔައިރު ކޯޗު ނަޒީހު އެދުވަހު މުހިންމު ކަމެއް ދިމާވެގެން ރަށުގައި ނެތެވެ. އެދުވަހު ގޮނޑިބަރީގައި އިނދެގެން ޓީމަށް އިރުޝާދުދިނީ ސުޒޭނެވެ.
"އަހަރެންގެ ޓީމަކާ ހަވާލުވެ ހުންނަންޏާ ބޭބެ އަބަދުވެސް ބަލާނެ ކަންތައްތަދާގޮތް. އެހީތެރިވާނެ. މިސާލަކަށް ބުނަންޏާ މިތާ ތިން ވަނަ ޑިވިޝަނުގައި އަހަރެން ކޯޗުކޮށްދިނަސް ހަވީރު ގަލޮޅު ދަނޑުގައި އޭނާގެ މެޗެއް އޮތަސް މެޗު ނިންމާފައި ގެއަށް ދިއުމުގެ ކުރިން ކޮންމެ ވެސް މީހަކަށް ފޯނުކޮށްފައި ނަމަވެސް ސްކޯ ނަމަވެސް އޮޅުން ފިލުވާނެ. އެހާވެސް ބޮޑަށް ބޭބެގެ އެއްބާރުލުން އަހަންނަށް ލިބޭ،" ނަޒީހު ބުންޏެވެ.
ފުޓްބޯޅައިގައި ސުޒޭން އެންމެ ހިތްދަތިވީ 2012 ވަނަ އަހަރު އެވެ. ތިން މަސް ދުވަހަށް އެފްއޭއެމުން އޭނާ ސަސްޕެންޑްކުރީ އެތަނުގެ މެނޭޖްމަންޓަށް ފާޑުކިޔާތީވެ، ކޯޗުންނާއި ޓީމުތަކުގެ އޮފިޝަލުން އަމަލުކުރަންޖެހޭ ގަވާއިދާ ހިލާފުވީ ކަމަށްބުނެ އެވެ. މިހެންވެ އެނބުރި އަންނަންދެން އެދުވަސްވަރު ވަގުތީ ގޮތުން ވިކްޓަރީއާ ހަވާލުވީ ނަޒީހު އެވެ.
މިއީ ދެބެއިންގެ އެކުވެރިކަމުގެ ދެ މިސާލެވެެ. މިހެންވެ ތާރީހީ މި މެޗަށް ނުކުންނައިރު އެއާއިލާގެ މީހުން ސަޕޯޓަކުރާނީ ކޮން ޓީމަކަށް ހެއްޔެވެ؟ މި ސުވާލަށް ވެސް ޖަވާބު ދިނީ ނަޒީހު އެވެ.
"ސުޒޭނަށް ކާމިޔާބު ލިބުމަށް އެންމެވެސް އެދޭނެ. އެކަމަކު އޭނާ އަށް ކާމިޔާބު ލިބުމަށް އެދުމާއި ވިކްޓަރީއަށް ކުރާ ސަޕޯޓަކީ ދެކަމެއް. އެންމެވެސް އެދޭނީ ވިކްޓަރީ މޮޅުވާން. އެއީ ވިކްޓަރީއަކީ ގެ،" ނަޒީހު ބުންޏެވެ.
މި ދެބެއިން އެކަކު އަނެކަކަށް ކާމިޔާބު އެދެމުން މިރޭގެ މެޗު ފެށުމުގެ ކުރިން ސަލާމް ކުރާނެ ވަގުތާއި ނަތީޖާއަށް ފަހު ބައްދަލުކުރާ ވަގުތަކީ މުހިންމު އަދި ތާރީހީ ވަގުތުކޮޅެކެވެ.