(27 ސެޕްޓެމްބަރ 2021އާ ގުޅޭ)
"އަހަރެން ވަރަށް ބިރުގަނޭ." ގެއިން ނުކުތުމާ އެކުގައި ލިވިޔާ ބަލައިލީ ޒަކްވާނަށެވެ. އަދި ފުންކޮށް، ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.
"ޔޫ ކޭން ޑޫ އިޓް. ލިވިޔާ ތީ ހިތްވަރު ގަދަ ކުއްޖެއް! ލިވިޔާއަށް މިއަދު ތި ދިރިއުޅުން ޑިޒާރވެއް ނޫން. ކަމުގެ ޙަޤީޤަތް އެއްކޮށް ފޮރުވައިގެން ހުރެ.." ޒަކްވާން ހިފައިލީ ލިވިޔާގެ އަތުގައެވެ. އަދި ލިވިޔާއަށް ހިތްވަރު ދެމުން ދިޔައެވެ.
"އަހަރެން ހަމަ ބިރު ގަންނަނީ.. ކަންތައް ވާނެ ގޮތް ނޭނގޭނެތީ. އެކަމާ ޖެހިލުން ވަނީ. ޝަހުރު ބުނާނެ އެއްޗެއް ވެސް ނޭނގެ. އެކަމު، ޝަހުރު ވަރަށް އުފާވާނެ. އަނެއްކޮޅުން ޝަހުރުގެ ޢާއިލާ ރުޅި..." ލިވިޔާ އަނެއްކާ ވެސް ފުންކޮށް ނޭވާއެއް ލިއެވެ.
"ލިވިޔާ މިހާރު ތި ވިސްނަނީ މާ ބޮޑަށް. ލިވިޔާ ހަމަ ޖެހޭ. އަހަރެންނަށް އެނގޭ އެއްވެސް ކަމެއް ގޯހުން ނުދާނެކަން. ތިކަހަލަ ކެތްތެރި އިންސާނަކަށް މިކަހަލަ ކަންކަމާ ކެރިގެން ކުރިމަތި ލާން ވެސް އެނގޭނީ.." ޒަކްވާން އެހެން ބުނެލީ ހިނިތުންވެލަމުންނެވެ.
"އަހަރެމެންނަށް އެބަ އިނގޭ ކިހިނެއްކަން ލިވިޔާއާ ދޮންބެއާ ވަކިވެފަ ތިހުރީ. އެހެން ވީމަ އެކަން އެއްފަރާތް ކޮށްފަ، އެ ޢާއިލާ މިހާރު ބޭނުންވެގެން އުޅޭ ދަރިފުޅުގެ އުފާވެރި ޚަބަރު ލިވިޔާގެ ދުލުން ބޭރުވުމަކުން މައްސަލަ އެއްނެތް. މަންމަގެ އެ ހަރު ހިތް އޭރުން އިސާހިތަކު މަޑު ވެދާނެ." ޒަކްވާން އެހެން ބުނެލީ އެހެން އެކަން ނުވާނެކަން އޭނާގެ ހިތުގެ ތެރެއިން ޝައްކެއް ނެތް މިންވަރަށް ޔަޤީން ވެފައި އޮތްވައެވެ.
"އަހަރެންނަށް ނޭނގެ ތިއަށް ބުނާނެ އެއްޗެއް. އަހަރެން.." އަނެއްކާވެސް ލިވިޔާ ފަަށަން އުޅުނީ އެހެން މައުލޫޢު އެކެވެ. ނަމަވެސް އެކަން ހުއްޓުވީ ޒަކްވާނެވެ. ޒަކްވާން މަޑުމަޑުން ލިވިޔާގެ އަތުގައި ހިފައިގެން ހުރެ ސައިކަލަށް އަރަން ދިޔައެވެ.
****
"ޑޮކްޓަރު ބުނީ ނެތޭ މައްސަލައެއް. ހުރިހާ ކަމެއް ވެސް ރަނގަޅޭ. މައްސަލަ އަކީ ޔޫހާ މާބޮޑަށް ވިސްނަނީއޭ." ޑޮކްޓަރަށް ދައްކާފައި ގެއަށް އައި ގޮތަށް ޝަހުރު ވާހަކަދެއްކީ ހުސްނާއާ އެވެ. ނަމަވެސް ހުސްނާއަށް އެވާހަކަ އިވޭ ކަމަކަށް ވެސް ނުހަދައެވެ. ބޯގޮވާފައި ހަމަ ސޯފާގައި އިނީއެވެ. ހުސްނާގެ ސަމާލުކަން ނުލިބުމުން ޔޫހާ ގޮވައިގެން ޝަހުރު ގޮސް ވަނީ އެމީހުންގެ ކޮޓަރިއަށެވެ.
"ކޮންކަހަލަ މަންމައެއްތަ؟ އެއްވެސް ވަރަކަށް އަންޑަސްޓޭޑިންއެއް ނުވޭ. މި ހީވަނީ އަހަރެމެންގެ މައްސަލައެއްހެން ޕްރެގް ނުވުން މީ.. ހުވާ ޝަހުރު. އަހަރެންނަށް ވަރަށް އެބަ އުނދަގޫ ވޭ މަންމަ އެހެން ހުންނާތީ. ވަރަށް ދެރަވޭ." ޔޫހާ އެނދުގައި އިށީންނަމުން ބުނެލިއެވެ.
"އަހަރެންނަށް އެނގެއޭ ތިކަން. އެކަމު ކީކޭ ދޯ ބުނާނީ؟ އެއީ މަންމަގެ ގޮތް.. މަންމައަކީ ވަރަށް ކެތްތެރިކަން ކުޑަ މީހެއް. ދެން ވަކި އެއްޗެއް ބުނެގެން ވެސް ވާނެކަމެއް ނޯއްނާނެ. އަހަރެމެން ޖެހޭނީ މަންމައަކީ ކާކު ކަން ދެނެގެން އުޅެން.." ޝަހުރު މަސައްކަތް ކޮށްލީ ޔޫހާ ހަމައަކަށް އަޅުވާށެވެ.
"އަހަރެންނަށް އެނގެއޭ މަންމަ ކުރިން ވެސް. އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް. އެކަމު، މިހާރު އަހަންނަށް މިފެންނަނީ އެހެން މަންމައެއް. މުޅިން ބަދަލުވެފަ." ޔޫހާ ވާހަކަދައްކަމުން ދިޔައީ ވަރަށް ދެރަވެގެން އިނދެގެންނެވެ. ޝަހުރު އިތުރަށް އެއްޗެއް ނުބުނެ ޔޫހާގެ ބުރަކަށީގައި ފިރުމައިލިއެވެ.
***
"ޓޮއް ޓޮއް.." ދޮރުގައި ޓަކިދޭން ފެށި އަޑަށް ހުސްނާ ބަލައިލީ ގޭގެ ދޮރަށެވެ. ނަމަވެސް ސޯފާއިން ތެދުވާނެ މޫޑް ނެތުމުން އޭނާ ހަމަ އިނީއެވެ. އެންމެ ފަހުން ކޮޓަރީގައި ތިބި ޝަހުރާއި ޔޫހާ ބޭރަށް ނުކުތެވެ.
"ކާކުތަ ޓަކި ދެނީ؟" ކޮޓަރީ ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން މަންސޫރު ވެސް އަހައިލިއެވެ. ހުސްނާއަށް ބަލައިލުމަށްފަހު، ދޮރު ހުޅުވަން ދިޔައީ ޝަހުރެވެ.
ދޮރު ހުޅުވައިލުމާ އެކުގައި ޝަހުރުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ދޮރު ކުރިމަތީގައިި ހުރީ ޒަކްވާނާއި ލިވިޔާއެވެ.
"ކޮއްކޯ.. ލިވީ.." ޝަހުރުގެ ދުލުން ވަރަށް ހިމޭންކޮށް ނުކުތީ އެދެނަމެވެ. ކޮޓަޮރީގެ ދޮރު ކުރިމަތީގައި ހުރި މަންސޫރާއި ޔޫހާއަށް އެޅުނީ ކުރިއަށް ފިޔަވަޅެކެވެ. ސޯފާގައި އިން ހުސްނާ ވެސް ފުންމައިގެން ތެދުވިއެވެ. އެންމެންގެ ނަޒަރު ހުއްޓުނީ ލިވިޔާ އާއި ޒަކްވާނަށެވެ.
"ކީއްކުރަން؟ ކިހިނެއްވީ؟" ކުއްލިއަކަށް އެތަނަށް އައީ ޝީލާއެވެ. އައި ގޮތަށް ރުންކުރު ރާގެއްގައި ޝީލާ އަހައިލިއެވެ.
"ތީ ކޮން ހައިސިއްޔަތަކުން މިގެއަށް އައި ބައެއް؟" ޝީލާގެ ދެލޮލުން އެކަނި ވެސް އޭނާ ރުޅި އައިސްފައި ހުރި މިންވަރު ހާމަ ވާނެއެވެ.
"މިއައީ އެއްވެސް ބަޔަކާ ޒުވާބު ކުރާކަށް ނޫން. ހައިސިއްޔަތު ހާމަ ކުރާކަށް ނުޖެހޭނެ. މީ އަހަރެންގެ ވެސް ގެ.." އެހެން ބުނުމަށްފަހު ލިވިޔާގެ އަތުގައި ހިފައިގެން ހުރެ ޒަކްވާން އެގެއަށް ލިވިޔާ ވެއްދިއެވެ. އެމީހުންނާ ޔޫހާ ކުޑަކޮށް ދުރުވެލަމުން ހުއްޓުނީ ސިޓިންގރޫމްގެ ފާރާވީ ފަރާތުގައެވެ.
"އަހަރެމެން މިއައީ މި ޢާއިލާއަށް އުފާވެރި ޚަބަރެއް ދޭން. އެ ޚަބަރުން ދޮންބެ ވަރަށް އުފާވާނެ. މަންމަ ވެސް. އަދި މިޢާއިލާ ވެސް.." ޒަކްވާން ހިނިތުންވެ ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އޭރުވެސް ޒަކްވާނަށް މިކަން ނިމޭނެ ގޮތް އެނގޭ ކަހަލައެވެ.
"ލިވިޔާ ކިޔާދީ ބަލަ!" ޒަކްވާން ބަލައިލީ ލިވިޔާއަށެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަހުރު ބަލަން ހުރީ ލިވިޔާއަށެވެ. ޝީލާ އާއި ހުސްނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ދައްކަން އުޅެނީ ކޮންފަދަ ވާހަކައެއް ބާއޭ ހިތަށް އަރާފައެވެ. އަނެއްކާ ރޭވުމުގެ ވާހަކަ ފަޅާއަރު ވާނީ ބާއޭ ހިތާހިތާ ސުވާލު ކުރަމުން ދިޔައެވެ.
"އަހަރެން..." ލިވިޔާ ބަލައިލީ ވަށައިގެން ތިބި މީހުންނަށެވެ. ޔޫހާ ހުރީ އިސްދަަށަށް ޖަހައިގެންނެވެ. އެހެން އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ލިވިޔާއަށެވެ. ޝަހުރުގެ ބެލުމުގައި ފޫހި ކަމެއް ވެއެވެ. ލިވިޔާގެ ސިފަ އާއި ލިވިޔާ ދެކެ ފޫހި ވެފައިވާ ފަދަ ސިފަތަކެއް ޝަހުރުގެ މޫނުމަތިން ދިޔައީ ފެންނަމުންނެވެ.
"އަހަރެން މީނީ ބަލިވެ.." ލިވިޔާ އެހެން ބުނެލީ ދެލޯ މަރައިލުމަށްފަހުގައެވެ. ޖެހިލުން ވުމާއި ބިރާ އެކުގައެވެ. ޒަކްވާން ފުޅާ ހިނިތުންވުމަކާ އެކުގައި މަރުޙަބާއޭ ކިޔަމުން ގޮސް ސަލާން ކޮށްލަން އަތް ދިއްކޮށްލީ ޝަހުރާއެވެ.
"ޗީޑި!" ޝަހުރު ޖެހުނީ ފަހަތަށެވެ. ޒަކްވާނާ ސަލާމް ކުރާކަށް ޝަހުރު ބޭނުމެއް ނުވިއެވެ. ލިވިޔާގެ ޚަބަރުން ޝީލާ އާއި ހުސްނާއަށް ލިބުނީ ނުތަނަވަސް ކަމެކެވެ. ޔޫހާއަށް ގަނބުވެފައި ހުރެވުނީއެވެ. ޝަހުރު ޗީޑިއޭ ބުނުމުން ލިވިޔާގެ މެރިފައިވާ ދެލޯ ވަގުތުން ހުޅުވުނެވެ. ޒަކްވާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ޝަހުރުގެ ރައްދާއެކުގައި ހުސްނާ އާއި ޝީލާގެ ތުންފަތުން ދުވެލީ ލުއި ހިނިތުންވުމެކެވެ.
"ތިބުނީ؟" ޒަކްވާން ހައިރާން ހުރެ އަހައިލިއެވެ.
"ކަލޭމެން ހީކުރީ ކީކޭ ކަމަށްތަ؟ އަހަރެންނާ ޔޫހާއާ އަށް އަދި ދަރިއަކު ނުލިބުނީމަ، އެކަން ދެން ދުވަހަކުވެސް ނުވާނެ ކަމަށްތަ؟" ޝަހުރުގެ ސުވާލާ އެކުގައި ލިވިޔާގެ ދެލޯ ފެންކަޅި ވިއެވެ. ޒަކްވާން ދޫދެން ބޭނުން ނުވިއެވެ.
"ނޫން ދޮންބޭ! ތި ހީކުރެވެނީ މުޅީން ނުބައި.." ޒަކްވާންގެ އަނގަ ބަންދުކޮށްލީ ޝަހުރެވެ.
"އިތުރު ވާހަކައެއް ބޭނުމެއް ނޫން. އަދި އަހަރެން ޒަކްވާނާ ވާހަަކަ ދައްކާކަށް ވެސް ބޭނުމެއް ނޫން. ތީ ވަރަށް އަމިއްލަ އެދުން ބޮޑު، އެއްބަނޑު އެއްބަފާ މީހުންގެ ލޭ ބޯ މީހެއް." ޝަހުރު ޒަކްވާން ސިފަ ކޮށްލި ގޮތުން ޔޫހާ ވެސް ހައިރާން ވިއެވެ. ޝަހުރުގެ ދުލުން ނުކުތް ބަސްތައް ދުވެފައި ގޮސް ޖެހުނީ ސީދާ ޒަކްވާންގެ ހިތުގައެވެ. ޒަކްވާންގެ އަނގަ ބަންދުވިއެވެ. ޝަހުރު ގޮސް ހުއްޓުނީ ލިވިޔާގެ ކުރިމަތީގައެވެ.
"ތީ ކާކުގެ ދަރިއެއް؟" ޝަހުރު އެންމެ ފުރަތަމަ ވެސް އަހައިލީ އެ ސުވާލެވެ. ލިވިޔާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ.
"ތީ އަހަރެންގެ ދަރިއެއް ނޫން. ލިވީ ބަނޑުގަ ތިއޮތީ ޒަކްވާންގެ ދަރިއެއް. ނޫނީ ބައްޕަ ކަށަވަރު ނުވާ ކުއްޖެއް." ޝަހުރު އެހެން ބުނުމާ އެކުގައި ލިވިޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ލިވިޔާ ބަލާކަށް ނުހުރެ އޭނާގެ ކަނާއަތް ނަގައި ޝަހުރުގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިއެެވެ. (ނުނިމޭ)