ހިޔާ މަޝްރޫއު

ހުޅުމާލޭގެ ދެވަނަ ފިވައްސަށް ބަހުގެ ހިދުމަތް ދޭން ފަށައިފި

Oct 2, 2021

ހުޅުމާލޭގެ ދެވަނަ ފިވައްސަށް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކާ ހަމައަށް އެމްޓީސީސީން ބަހުގެ ހިދުމަތް ދޭން ފެށީ އިއްޔެ ހެނދުނުން ފެށިގެންނެވެ.

ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފެށި ނަމަވެސް ހިދުމަތުގައި ބޭނުންކުރަން ނިންމާފައިވާ ބަސް ސްޓޮޕްތަކުގެ މަސައްކަތްތައް އަދިވެސް ނިންމާލެވިފައެއް ނުވެ އެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަ އެވެ.

ހުޅުމާލޭ ބަހުގެ ހިދުމަތުގެ އަގަކީ ފަސް ރުފިޔާ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒުކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އެވެ. އެކަމަކު އެއީ އަމިއްލަ މީހުންނަށް ވިއްކާފައިވާ ބިންތަކުގައި ހަދާފައިވާ މަދު ގެއެއްގައި އުޅޭ މަދު އާއިލާތަކެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ވެސް މިހާރު 60 ވަރަކަށް އާއިލާ ވަނީ ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ހިޔާ ފްލެޓްތަކަށް އިއްޔެ އިން ފެށިގެން ބަހުގެ ހިދުމަތް ދޭން ފަށާފައި މިވަނީ އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް ބަހުގެ ފެށުން ލަސްވެ އެޗްޑީސީއާއި އެމްޓީސީސީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ،