ޓޫރިޒަމް

މުޅި ރާއްޖެއަށް ދަތުރުކޮށް ޖެޓްސްކީ ދަތުރު ނިންމާލައިފި

Oct 3, 2021

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ރާއްޖޭގެ އުތުރުން ދެކުނަށް ޖެޓްސްކީގައި ކުރިއަށް ގެންދިޔަ ދަތުރު ނިންމާލައިފި އެވެ.

ޖެޓްސްކީ ދަތުރު މިދިޔަ މަހުގެ 22 ވަނަ ދުވަހު ފެށީ ރާއްޖޭގެ އެންމެ އުތުރު، ހއ. ތުރާކުނުންނެވެ. މި ދަތުރު އިއްޔެ އިރުއޮއްސެނިކޮށް ނިންމާލީ ސ. މަރަދޫފޭދޫ އަށެވެ.

އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޖެޓްސްކީ ދަތުރު ނިންމުމަށް އައްޑޫގައި އިއްޔެ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

އެ ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޖެޓްސްކީގެ ބައިވެރިންގެ ހިތްވަރަށް ސާބަސް ދެއްވާ ކަމަށެވެ. މިފަދަ ދަތުރެއްގައި ސިޓީ ކައުންސިލަށް ބައިވެރިވުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ. ޖެޓްސްކީގެ ދަތުރަކީ ރެކޯޑެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.

ދިވެހި ސިފައިން ސަލާމަތީ ކަންކަން ބެލެހެއްޓި ދަތުރުގައި ޖެޓްސްކީ ދުއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކަމުގެ ތަޖުރިބާ ލިބިފައިވާ ހަ މީހެކެވެ. އެހެންނަމަވެސް ދަތުރުގެ އެކި ހިސާބުން ޖެޓްސްކީ ދުއްވާ ބައެއް މީހުންގެ ހަރަކާތްތައް ވެސް ދައްކާލާފައިވެ އެވެ. މީގެއިތުރުން ރާއްޖޭގެ ފުރަތަމަ އަންހެން ކެޕްޓަން ވެސް މި ދަތުރުގައި ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށަށް ޖެޓްސްކީ ދަތުރުގެ ބައިވެރިން ޒިޔާރަތްކޮށްފައިވާއިރު 871 ކިލޯމީޓަރުގެ ދިގު ރާސްތާއެއް މި ދަތުރުގައި ފުރިހަމަ ކޮށްފައިވެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިއަހަރު އައްޑޫގައި ފާހަގަކުރަން ހަމަޖެއްސި ނަމަވެސް އައްޑޫގައި މިވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ފަހުން ވަނީ އެ ހަރަކާތްތައް ކެންސަލްކޮށްފަ އެވެ.