އަބްދުﷲ ޝާހިދު

ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ

Oct 3, 2021
1

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ހަފުތާ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ފޮރިން މިނިސްޓްރީން ދަތުރުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އދ. ގެ ރައީސްގެ ހައިިސިއްޔަތުން ޝާހިދު އިއްޔެ ވަނީ ޔޫއޭއީއަށް ވަޑައިގެންފަ އެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ދުބާއީގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތް، ވޯލްޑް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޔޫއޭއީ އަށް ފުރާވަޑައިގަތުމުގެ ކުރިން އދ. ގެ މައި އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އދ. ގެ ރައީސްގެ ހައިިސިއްޔަތުން ޔޫއޭއީގެ އިތުރުން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެއާއި ސާބިއާއަށް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އޮންނާނީ މިމަހުގެ ހަވަނަ ދުވަހު އެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.