ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.
ކައުންސިލުން މިގޮތަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލްވުމުގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއާޕޯޓެއް އެޅުމާއި ރަށަކީ ޔުނިވާސިޓީއެއް ހިންގާ ރަށަކަށްވުމާއިއެކު ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހަދައިދިނުމަށެވެ.
އަދި އޭޓީއެމްއެއް ގާއިމުކުރުމުގެ މުހިންމުކަމާއި ސްކޫލްގައި ލައިބްރަރީ އެއް ހެދުން އަދި ފުޓްސަލް ދަނޑުގެ މަސައްކަތާއި ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ކަންބޮޑުވުންވެސް ކައުންސިލް މެންބަރުން ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ޓާފް ދަނޑުގެ މަސައްކަތާއި ސިއްހީ ހިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.
ނަމަވެސް އެއާޕޯޓް މަސައްކަތާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވި ކަމަކަށް ރައީސް އޮފީހަކުން ނުބުނެއެވެ.