ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޫބަރު ތިނެއް

ދިވެހިރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކަން އިއުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވީ ދިވެހިފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ރާއްޖެއަކީ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ފުރުސަތު ކުޑަތަނެއްގެ ގޮތުގައި އޭރު ހެދި ދިރާސާ އެއްގައިވެސް ފާހަގަކޮށްފައި ވަނިކޮށް ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ވެގެންދިޔައީ އޭރު ޒުވާނުންގެ ގޮތުގައި ތިބި ބަޔަކު ކުރި ގޮންޖެހުން ބޮޑު ބުރަ މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިސިނާއަތު ތަރައްގީކޮށް ދެމެހެއްޓުމުގައި މި ސިނާއަތާއި އަދި ސިނާއަތާ ގުޅިފައިވާ އެހެން ދާއިރާތަކުގެވެސް ހިއްސާ ބޮޑުކަން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެވެން ހުރިހާ ހުރިހާ ކަމެއް އަދި ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅިރާއްޖެއަށް ފަތުރައިލުން ކަމަށެވެ. އަދި އެކަން ކުރުމަށް ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އޭގެ ތެރޭގައި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމާއި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ޒަމާނީ މުއާސަލާތީ ހިދުމަތްތައް ތަރައްގީ ކުރުން ފަދަ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓް ހައުސްއާއި ހޯމް ސްޓޭގެ ހިދުމަތް، ފަދަ ފަތުރުވެރިކަމުގެ ހިދުމަތްތައް ތަޢާރަފްވެގެން ދާނެކަމުގައެވެ.

ފަތުރުވެރިކަމުގެ ސިއަޢަތުގެ ފައިދާ އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާ އަދި ތިމާވެއްޓަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުމާ އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ފާހަގަކުރައްވައި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތައާރަފުކޮށްފައިވާ ލަވަ ވަނީ އިފްތިތާހް ކޮށްފައެވެ.