(2 އޮކްޓޫބަރ 2021އާ ގުޅޭ)
"އައްދޯއި!" ވަރަށް އަވަހަށް ޝަހުރު އޭނާގެ ދެއަތް ކާއްތައިލީ، އޭނާގެ މޫނުމަތީގައެވެ. އެރި ތަދަކާއި ނަގައިގެން ކުއްލި ދިލަ އަކުންނެވެ. ލިވިޔާގެ ކަނާއަތް ޝަހުރުގެ މޫނަށް އެރީ ވަރަށް ހޫނު ކަމާއި އެކު އެހާމެ ބާރަށެވެ.
"ކަލޭ ތީ ހާދަ ގޮތްކުޑަ، ލަދު ޙަޔާތެއް ނެތް މީހެކޭ ދޯ؟ ތިވަރުގެ ލަދެއް ނެތް މީހެއް އަހަރެން ޙަޔާތުގަ ވެސް ނުދެކެން. ތީ އަހަރެން ލޯބިވި ޝަހުރެއް ނޫން.." ލިވިޔާގެ ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އޭނާގެ އެސްފިޔަތައް ފޫއަޅުވާލައިފައި ފައިބައިގަތީ އޭނާ ކޯތާފަތް މައްޗަށެވެ. އެވަގުތު ވެސް ޝަހުރު އެއްވަރަކަށް އޭނާގެ އަތުން ގެންދިޔައީ މޫނުގައި ފިރުމަމުންނެވެ. ޖެހި ބުދެއްހެން ހުއްޓިގެން ޔޫހާ އާއި ހުސްނާ ހުރި އިރު، ޝީލާ ހުރީ ރުޅި އައިސްގެން މީހާ ފަޅައިގެންދާ ވަރުވެފައެވެ. ލޯ ކުރިމަތިން ފެންނަމުންދާ މަންޒަރު ހުސްނާއަށް އެއްވެސް ގޮތަކަށް ހަޖަމެއް ނުވެއެވެ. ލިވިޔާގެ އެފަދަ ހަމަލާއެއް ހުސްނާގެ ރަންދަރިއަށް އަމާޒުވުމުން އެކަމާ އިންތިހާއަށް ރުޅިއައިސްފައި، ހުސްނާއަށް ހަމަ ހުރެވުނީއެވެ. ލިވިޔާގެ ކަނާ އަތަށް ވާގޮތަށް ހުއްޓިލައިގެން ޒަކްވާން ހުރީ ލިވިޔާ ހަމައަކަށް އަޅުވާށެވެ.
"ލިވިޔާ.." ޒަކްވާން މަޑުމަޑުން ހިފައިލީ ލިވިޔާގެ އަތުގައެވެ. އެވަގުތު ވެސް ލިވިޔާގެ މުޅި ހަށިގަނޑު ދިޔައީ ރުޅިއައިސްގެން ރޫރޫ އަޅަމުންނެވެ. އަދި ލިވިޔާ ހުރީ އެހާމެ ދެރަ ވެފައެވެ. މޫނުމަތިން ނަގަމުން ދިޔަ ދިލައަށް ލުއިކަމެއް ލިބުމާ އެކުގައި ޝަހުރު އޭނާގެ ދެއަތް ތިރިކޮށްލިއެވެ.
"ކަލޭ ދެން އަހަރެން ގައިގަ އަތް ލައިފިއްޔާ.." ޝަހުރު ދަތްކުނޑި ވިކައިލަމުން ބަލައިލީ ލިވިޔާގެ މޫނަށެވެ.
"ކީއްކުރެވޭނީ؟ އަހަރެން މަރާލާނީތަ؟ އޭނ؟ ބުނެބަލަ!" ލިވިޔާ ހިފައި ތަޅުވައިގަތީ ޝަހުރުގެ ދެއަތެވެ. ޒަކްވާން ވަރަށް އަވަސްކޮށް ލިވިޔާ ދުރުކޮށްލިއެވެ. ޝަހުރު އަސްލަށް ވެސް ލިވިޔާގެ ގައިގައި ޖަހާފާނެތީއެވެ.
"އާނ! އެކަން ވެސް ކޮށްފާނަން! ކަލޭ ކަހަލަ ކޫޑި އަންހެނެއް މެރިޔަސް، ނުވާނެ ފާފައެއް. ތީ ރަޖަމު ކުރަން ޖެހޭނެ އަންހެނެއް. ކައިވެނީގަ ހުއްޓާ އެހެން ފިރިހެނުންނާ އެކު ޒިނޭކޮށްފަ. ތިވަރުގެ މުޑުދާރު މީހެއް ތީ. އާނ! ތީ އަހަރެން ވެސް ލޯބިވި ލިވިޔާއެއް ނޫން. ތީ ހަށިވިއްކާ އަންހެނަކާ އެއްވަރުގެ މުޑުދާރު، ފަސްބައި ކިލާވެފަ ހުރި ބަޑި، ކޫޑި އަންހެނެއް." ޝަހުރު ރުޅިއައިސްގެން ހުރެ އޭނާގެ ހިތަށް އައިހާ އެއްޗެއް ލިވިޔާއަށް ގޮވައިގަތެވެ. ޝަހުރުގެ ބަސްތަކުން ލިވިޔާގެ ހިތުގައި ކިތަންމެ ޖެހުނަސް، ލިވިޔާ ހުރީ ރޮމުން ރޮމުން އެގެއިން އަދި ނުކުންނަ ގޮތަކަށް ނޫނެވެ.
"އަހަރެންމީ ޝަހުރު ތި ހީކުރާ ކަހަލަ މީހެއް ނޫން. ޝަހުރު އެންމެ ފަހަރަކުވެސް ތިކަމާ ބެހޭ ގޮތުން ވާހަކަދެއްކިންތަ؟ އަހަރެން.." ލިވިޔާ ވެސް ވާހަކަ ދައްކަމުން ދިޔައީ އަޑަށް ބާރެއް ދީފައެވެ. ލިވިޔާގެ އަނގަ ހުއްޓުވައިލީ ޝަހުރެވެ.
"އަހަރެން ކޮން ވާހަކައެއް ދައްކަން އޮންނާނީ؟ އަހަރެންގެ ދެލޮލަށް ފެނުނީ.. ދެން ކަލޭ ރާވައިގެން އުޅުނީ ކަލޭގެ މަޅީގަ ޒަކްވާން ޖައްސަން. އެކަން ކަލޭ ހާސިލު ވެސް ކޮށްފި. ދެން އުޅުނީ ޒަކްވާން ބޭނުން ކޮށްގެން އަހަރެންނާ މަންމައާ ޖައްސަން. ކަލޭ ތި ކުރި ނުބައި، ފާޚިޝް އަމަލުު މަންމަ އާއި ދޮންތަގެ ބޮލަށް ޖަހަން.. ތިވަރުގެ ގޮތެއް ފޮތެއް ނެތް އަންހެނެއް ތީ.. ތިވަރުގެ މީހުން ތި އަނގަ ހުޅުވަނީ.." ޝަހުރު ދެލޯ ބޮޑުކޮށްގެން، ލިވިޔާއަށް ބަލައިގެން ހުރެ ޒުވާބު ކުރަމުން ގެންދިޔައެވެ.
"ނަހަލާލަށް ބަލިވެ އިނީމަ ހީވީތަ އަހަރެން ރުހޭނޭ؟ މި ޢާއިލާގެ ރުހުން ލިބޭނޭ؟ ޒަކްވާން ވެސް ދަރީގެ ޒިންމާ ނުނެގީ ދޯ؟ ހެހެ!" ޝަހުރު ބަލައިލީ ޒަކްވާނަށެވެ. ޒަކްވާން އަނގަ ހުޅުވައިލަން އުޅުނު ތަނާ އަނެއްކާ ވެސް ޝަހުރު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ދުވަހަކުވެސް.. ދުވަހަކުވެސް.. އަހަރެން ކަލެއަށް މާފެއް ނުކުރާނަން.." ޝަހުރު އޭނާގެ މެދު އިނގިލި ދިއްކޮށްލީ ލިވިޔާގެ މޫނަށެވެ. އޭރުވެސް ލިވިޔާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ލިވިޔާއަށް ވަރަށް އަސަރުކޮށްފިކަން ޔަޤީންވުމުން ޒަކްވާން މަޑުމަޑުން އޭނާގެ އަތް ބާއްވައިލީ ލިވިޔާގެ ކޮނޑުގައެވެ. އަދި ޒަކްވާންގެ އަތުގެ ނުފުށުން ލިވިޔާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެމުން ގެންދިޔައެވެ. އެމަންޒަރު ބަލަން ޔޫހާ އެއްވެސް އެެއްޗެއް ނުބުނެ ހުރީއެވެ. ވަމުންދާ ގޮތާ މެދު ބުނާނެ އެއްވެސް އެއްޗެއް ޔޫހާއަކަށް ނޭނގޭތީއެެވެ. ޔޫހާ ނިންމައިގެން ހުރީ އެދޭތެރެއަށް ނުވަންނާށެވެ.
ޒަކްވާނާ އެކު ލިވިޔާ ހިނގައިގަތީ އެގެއިން ނުކުންނާށެވެ. ލިވިޔާގެ ރުއިމުގެ އަޑު އޭރުވެސް ވަނީ ގޭތެރޭގައި ހިއްޕާލާފަައެވެ. ޙަޤީޤަތުގައި ވެސް ލިވިޔާއަށް ވަނީ ވަރަށް ފުން ހިތްދަތި އަސަރެއް ކޮށްފައެވެ. ދުވަހަކުވެސް ޝަހުރުގެ ދުލުން ބޭރު ވެދާނެ ކަމަށް ލިވިޔާ އުއްމީދު ނުކުރާ އެތައް ބަހެއް، އެތައް ވާހަކައެއް ލިވިޔާގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއިން ކޮންމެ ވާހަކައަކުން ލިވިޔާއަށް ލިބުނީ ބަޔާން ކުރަން ދަތި ވޭނާއި ކެކުޅުން އެކުލެވިގެންވާ ހިތްދަތި ކަމެކެވެ. ކުއްލިއަކަށް ހުރެފައި ލިވިޔާ ހުއްޓުނެވެ. އެވަގުތަކީ ޒަކްވާން އެގެއިން ނުކުންނަން ދޮރު ހުޅުވައިލި ވަގުތެވެ. ލިވިޔާ ފަހަތް ބަލައިލިއެވެ.
"އަހަރެން ވަރަށް ދެރަވެއްޖެ! ތި ހިތުގާ ޖައްސައިލީ އަންހެނެއްގެކަން ވިސްނާތީ! އަހަރެން ދުވަހަކުވެސް ޝަހުރަށް މާފެއް ނުކުރާނަން. އަދި ޝަހުރު ދެރަވާނެ.." މޫނުމަތީގައި އަތް އަޅައިލުމަށްފަހު، ލިވިޔާ ދޮރުން ބޭރަށް ނުކުންނަން ދުއްވައިގަތެވެ. ލިވިޔާގެ ފަހަތުން ޒަކްވާން ވެސް ނުކުތެވެ. ޝަހުރު ފުންކޮށް ނޭވާއެއް ދޫކޮށްލުމަށްފަހުގައި ބަލައިލީ ޔޫހާއަށެވެ.
ދުވާލުގެ އަލިކަން ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. ކޮޓަރީގައި އޮތް ޝަހުރުގެ ގާތަށް ޖެހިލުމަށްފަހުގައި ޔޫހާ އިށީންނީ ޝަހުރު އޮތް އެނދުގެ ބޯލާ ކޮޅުގައެވެ.
"ހާދަ ފުން ވިސްނުމެއްގަ؟" ޔޫހާ ހިފައިލީ ޝަހުރުގެ އަތުގައެވެ.
"ނޭނގެ ޔޫހާ. މުޅި މޫޑް އޮފް ވެއްޖެ! އަހަރެން ހިތަށް އަރާ ލިވިޔާ ނުފެނުނު ނަމައޭ. ހަމަ ރުޅިއަންނަނީ.." ޝަހުރުގެ ކިބައިން އަދިވެސް ރުޅިގަނޑު ފިލައިގެން ނުދެއެވެ.
"ތިހާ ރުޅި އަންނަންޏާ، ދެން އަހަރެން ދަނީ.." ޔޫހާ ކޮޅަށް ތެދުވުމާ އެކުގައި ޝަހުރު ހިފައިލީ ޔޫހާގެ އަތުގައެވެ. އަދި ނިކަން ލޯބިން ޝަހުރު ދަމައިލީ ޔޫހާގެ އަތަށެވެ. ޔޫހާ ގޮސް ޖެހުނީ ޝަހުރުގެ ގައިމައްޗަށެވެ. ޝަހުރުގެ ދެއަތުން ޔޫހާގެ ހަށިގަނޑު ވަށައިލުމަށްފަހު، ޝަހުރު އޭނާގެ ތުންފަތް ޖައްސައިލީ ޔޫހާގެ ނިތުގައެވެ. އަދި ނިކަން ލޯބިން ބޮސް ދިނެވެ.
***
ރޭގަނޑު 12 ޖަހައި ބޮޑުވެގެން ދިޔައިރު ވެސް، ލިވިޔާގެ ލޮލުން ކަރުނަ ހުސްނުވެއެވެ. ރޮއިރޮއި އަޑު ގޮސް، މިހާރު ގިސް ލެވެނީއެވެ. ލިވިޔާގެ އަރިހުގައި އޭނާގެ މައިންބަފައިންނާއި ޒަކްވާން ވެސް ތިއްބެވެ. އެ އެންމެންވެސް ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. ދެމުން ގެންދިޔައީ ލިވިޔާއަށް ހިތްވަރެވެ. ކުރަމުން ދިޔައީ ލިވިޔާއަށް ހެޔޮ ދުޢާތަކެވެ. ލިވިޔާ ޝަހުރު ގާތަށް ދިޔުމުން ކަންތައް ވީގޮތުގެ ޚަބަރު ލިބުމާ އެކުގައި މާހިރު އައި ރުޅިން އުޅުނީ ޝަހުރުގެ ޢާއިލާއާ ކުރިމަތި ލުމަކަށް ދާށެވެ. މާހިރު ހުއްޓުވީ ޒަކްވާނާއި ހާލިދާއެވެ. އެއީ އެންމެ ރީތި އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާތީއެވެ. އެކަމަކީ އަދި ލިވިޔާ އެއްވެސް ޙާލެއްގައި ރުހޭނެ ކަމަކަށް ނުވާނެތީއެވެ.
"ކޮންމެ އިންސާނަކަށް ވެސް ނުއުފުލެވޭނެ ވަރުގެ ބުރައެއް އެކަލާނގެ މިންވަރު ނުކުރައްވާނެ. އެއީ އެންމެ މަތީ ފަރާތް. އަހަރެމެން ޖެހޭނީ ކެތްކުރަން. އަދި ދަރިފުޅަށް އިންސާފު ލިބޭނެ.." ހާލިދާ ގެންދިޔައީ އެއްވަރަކަށް ލިވިޔާގެ ބުރަކަށީގައި ފިރުމަމުންނެވެ. އެރޭ ފަތިސް ވެފައި ވަނިކޮށް ލިވިޔާއަށް ނިދުނީ ވެސް ގިސްލެވި ލެވި އޮތްވައެވެ. އެވަރުބަލި ކަމުގެ ތެރެއިންނެވެ.
"މަންމަމެން ނޭނގެ ދަރިފުޅަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް.. މީ ހަމަ ދަރިފުޅުގެ މަންމަ. ތީ ހަމަ މަންމަގެ ދަރިއެއް.." ލިވިޔާ ނިދުމުން އެންމެ ފުރަތަމަ ވެސް ހާލިދާ ބަލައިލީ އެތަނުގައި އިން ޒަކްވާނަށެވެ. މާހިރު ވެސް ޒަކްވާނަށް ޝުކުރު އަދާކުރިއެވެ.
"މަންމަ އެދެނީ ދަރިފުޅު، ވަރަށް ބޮޑު ކަމެއް ކޮށްދޭން. އެއީ ލިވިޔާއަށް ޝަހުރުގެ މަތިން ހަނދާން ނައްތާލެވޭ ވަރަށް އޭނާއަށް ލޯބިދީ.." ހާލިދާގެ ހުށައެޅުމުން ޒަކްވާނަށް އުފަލުން އުދުއްސައި ނުގަނެވުނީ ހަމަ ކިރިޔާއެވެ. އުފާވެފައި ހުރިކަން ހާމަ ނުކޮށް "ބަލާނަމޭ" ޒަކްވާން ބުނެލީ އޭނާގެ ހިތް އުފަލުން ނަށަމުންދާ ޙާލުގައެވެ.
***
ދުވަސްތައް މާޒީގެ ދާސްތާނުގައި ލިޔެވެމުން ދިޔައެވެ. ދުވަހަކަށްފަހު، ދުވަހަކެވެ. ކޮންމެ ދުވަހަކީ ތަފާތު ދުވަހެކެވެ. އެތައް ބަޔެއްގެ ދިރިއުޅުމަށް އެތައް އުފާތަކަކާއި، ހިތްހަމަ ޖެހުންތަކެއް ލިބެއެވެ. ވޭތުވެގެންދާ ކޮންމެ ދުވަހެއް ވެސް ޒަކްވާން އޮފީސް ނިއްމާލާފައި، އޭނާގެ ހުރިހާ ވަގުތެއް ހޭދަ ކުރަނީ ލިވިޔާގެ އަރިހުގައެވެ. ލިވިޔާގެ ޚިދުމަތުގައެވެ. ލިވިޔާ ބުނާ ކަމެއް، ވަގުތުން ވަގުތަށް އެއްްވެސް ޝަކުވާ އަކާ ނުލައި، ކުރާ ހިތުން ޒަކްވާން ގެންދިޔައީ ކުރަމުންނެވެ. ޝަހުރާ ދިމާވެގެން އެ ހިނގާ ދިޔަކަންތަކުން ލިވިޔާ އިންނަނީ ބުދެއްހެންނެވެ. ކަނީ ވެސް ދަރިފުޅަށް ވިސްނާފައެވެ. ކިރިޔާ ހުރެވޭ ވަރަށެވެ. މީހުންނާ ވާހަކައެއް ނުދައްކައެވެ. ބަލާބެލުމަށް ހީވަނީ ދިރިހުރެ، ދިރުން ނެތިފައިވާ އިންސާނެއް ހެންނެވެ. ކުޑަ ނަމަވެސް ހިނިތުންވުމެއް ލިވިޔާގެ ތުންފަތުން ފައުޅެއް ނުވެއެވެ. ނަމަވެސް ޒަކްވާނުގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކި ކަހަލަ ވާހަކަތައް ލިވިޔާއަށް ޙިއްޞާ ކުރަމުން ދެއެވެ. އޮފީހުގައި އެދުވަހެއްގައި ހިނގާ ހުރިހާ ކަމެއް ލިވިޔާއަށް ކިޔައިދީ ހަދައެވެ. ލިވިޔާއަށް ކޮށްފައިވާ އަސަރުތައް ހަމައަކަށް އެޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޒަކްވާންގެ އޮވެއެވެ. ކޮންމެ ގޮތެއް ވިޔަސް، އެރޭ ލިވިޔާ އެގެއަށް ގެންދެވުމުން ޒަކްވާން އެއްވެސް ވަރަކަށް އެކަމަށް ރިގްރެޓެއް ނުކުރެއެވެ. ކުރަން ބޭނުން ވެސް ނުވެއެވެ. އެއީ އެރެއަކީ ކޮންމެ ގޮތެއް ވިޔަސް، ލިވިޔާއަށް ދިރިއުޅެން ހިތްވަރެއް ލިބޭނެ ރެއަކަށް ވާތީއެވެ. ލިވިޔާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔަ ރެއަކަށް ވާނެތީއެވެ. ޝަހުރުގެ ޙަޤީޤީ ސިފަ ފެނި، ޝަހުރުގެ ހަނދާންތަކުން ދުރަށް ދިޔުމަށް ރަނގަޅު ސަބަބުތަކެއް އެނގި ހާމަވެގެން އެރޭ ދިޔައީމައެވެ.
ޝަހުރާއި ޔޫހާގެ ޙަޔާތް ވަރަށް އުފާވެރިއެވެ. ދަރިއަކު ނެތަސް، ހުސްނާވެސް ކުރިއާ ބަލާފައި މިހާރު ބޮޑު ތަނުން ތަފާތެވެ. މާމަ ދަރިއަކަށް އެދި ޝަކުވާ ގޯނި ބަންޑުންކޮށް ނުހަދައެވެ. ވަގުތު ޖެހުމުން އެކަން ވެސް ވާނެތާއޭ ބުނެލައިގެން ފަރުޖައްސަނީއެވެ. ނަމަވެސް ޝަހުރަށް ވެސް އަދި ދެފަރާތުގެ ޢާއިލާއަށް ވެސް ނޭނގޭ ސިއްރަކީ ޔޫހާގެ ޙަޤީޤަތެވެ. ޔޫހާ އުފުލަމުންދާ ވޭނެވެ. ޔޫހާގެ ބޮލުގެ ތަދު އެއްދުވަހުން އަނެއް ދުވަހަށް ބޮޑު ވަމުންދާއިރު އެކަން އޭނާ ކުރީ ސިއްރެވެ. އެއީ ޑޮކްޓަރަށް ދައްކައިފިނަމަ، ޔޫހާ ވިސްނަނީ ކަމަށް ބުނާނެތީއެވެ. ނަމަވެސް ޔޫހާ އެއްވެސް ކަމަކާ ނުވިސްނާކަން އެނާއަށް އެނގެއެވެ. މި ވާހަކަ މިއަދު ކިޔައިދޭނީ ކާކަށް ކަމެއް ވެސް ޔޫހާއަކަށް ނޭނގެއެވެ. އަބަދުވެސް ކުށްވާނީ ޔޫހާކަމަށް ވާތީއެވެ.
***
ލިވިޔާގެ ބަނޑަށް 8 މަސް ފުރުނީއެވެ. އެނދުން ތެދުވެގެން ލިވިޔާ މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ލޯގަނޑުގެ ކުރިމަތީގައެވެ. މިހާރު އެއީ އެހެން މީހެކެވެ. އެހެން ލިވިޔާއެކެވެ. މޫނުމަތި ފަލަވެ، ކޮލެއް ވެސް ލައިފިއެވެ. ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް މަސްޖަހައި ފަލަ ވެއްޖެއެވެ. ނަމަވެސް އެ ރީތިކަން ވީ އިތުރަށް ފުރިހަމައެވެ. އަންހެނުންގެ ރީތިކަން ބޮޑަށް ހާމަ ވާނީ ބަލިވެ އިނީމަ އޭ ބުނާ ބީދައިންނެވެ. މޫނުގައި ފައުންޑޭޝަން ކޮޅެއް އުނގުޅައިލުމަށްފަހުގައި ތުންފަތުގައި ކާއްތައިލީ މަޑު ރަތްކުލައިގެ ލިޕްސްޓިކެވެ. އަދި ލޯގަނޑުން މޫނު ބަލައިލަމުން ލިވިޔާ ލުއިކޮށް ހީނލިއެވެ. އެހީނލުމުން އަނެއްކާ ކިޔައި ދިނީ މުޅިން އެހެން ވާހަކައެކެވެ. ލިވިޔާގެ ޙާލަތު ބަދަލުވެއްޖެ ކަން އެހިނިތުންވުމުން އެނގި ހާމަވިއެވެ. ރޮއި ހިތާމަ ކުރި ދުވަސްތައް މާޒީވެއްޖެކަން ލިވިޔާގެ މޫނުމަތިން ފެންނަމުންދާ އުޖާލާ ކަމުން އެނގެއެވެ. ނަމަވެސް ލިވިޔާއަށް ނުވެ އޮތީ އެންމެ ކަމެކެވެ. ލިވިޔާގެ ބޮލާއި ހިތުގެ ތެރެއިން ޝަހުރު ނެރެ އެއްލައި ނުލެވުނު ކަމެވެ. ނަމަވެސް އެ ހަނދާން ތަކާއި އެކުގައި ލިވިޔާ އަކީ މުޅިން އެހެން ފަރާތެކެވެ. ޒަކްވާން އޭނާއަށް ހަވާލު ކުރި މަސައްކަތް ކާމިޔާބު ކުރީ ކަމަށް ބެލެވިދާނެއެވެ.
"ކޮބާ ރެޑީތަ؟" ކުޑަކޮށް ދޮރު ހުޅުވައިލަމުން ޒަކްވާން އަހައިލިއެވެ. ލިވިޔާ އާނއެކޭ ބުނުމަށްފަހު ބަލައިލީ އެނދަށެވެ. ޒަކްވާން އެހެން އަހައިލުމާ އެކުގައި ދޮރު ލެއްޕިއެވެ. އެނދުމަތީގައި އޮތް ޝަހުރުގެ ފޮޓޯގަނޑު ބާލިސް ދަށަށް ކޮއްޕައިލުމަށްފަހުގައި ލިވިޔާ ކޮޓަރިން ނުކުތީ ހޮސްޕިޓަލަށް ދާށެވެ. ޑޮކްޓަރަށް ދައްކަން މިއަދު ޖެހޭނެތީއެވެ.
އެދެމީހުން އެއްކޮށް ހިނގާފައި ގެއިން ނުކުމެވުމާ އެކުގައި ޒަކްވާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ސައިކަލާ ދިމާލަށް ދިޔުމުގެ ބަދަލުގައި ޒަކްވާންގެ ދެފައިތިލި ހީވީ ހުރި ފިޔަވަޅު މަތީގައި ތަތްވިހެންނެވެ. ލިވިޔާ ހައިރާން ކަމާއި އެކުގައި ބަލައިލީ ޒަކްވާންގެ މޫނަށެވެ. ޒަކްވާންގެ ދެލޯ ހުއްޓިފައިވާ ދިމާލަށް ލިވިޔާ ކަޅި ހިންގައިލިއެވެ. (ނުނިމޭ)