އަދާލަތު ޕާޓީގައި ޓެރަރިސްޓަކު އަދި ޓެރަރިސްޓުންނާ ގުޅުންހުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އިމްރާން މިއަދު މަޖިލީހަށް ހާޒިރުކުރީ ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެދިވަޑައިގެނެވެ. އިމްރާނާ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން ޖާބިރު ވަނީ އަދާލަތު ޕާޓީގައި ޓެރަރިސްޓުން ތިބިތޯ އާއި އެކަމަށް ހިތްވަރު ދޭ މީހުން ތިބިތޯ އާއި އަދި އެފަދަ މީހުން ތިބިނަމަ ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގައި ޓެރަރިޒަމަށް ހިތްވަރުދޭ އެއްވެސް ބަޔަކު ނުތިބޭނެ ކަަމަށާއި އަދި އެފަދަ އެއްވެސް މީހަކަށް އެ ޕާޓީން ޖާގައެއް ނޯންނާނެ ކަމަށެވެ.
"ޓެރަރިޒަމް މަނާ ކުރާ ގާނޫނޫގެ ދަށުން އެމީހަކާ މެދު ފިޔަވަޅު އަޅަން ޖެހޭ އެއްވެސް މީހަކު އަދާލަތުގައި ބަހައްޓައިހެން ނުތިބޭނަން. ޓެރަރިޒމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ މީހަކު އަދާލަތަކު ނުހުންނާނެ" އިމްރާން ވިދާޅުވިއެވެ.
ޓެރަރިސްޓުން އަދާލަތު ޕާޓީގައި ނުތިބޭނެ ކަމަށް އިމްރާން ވިދާޅުވި އިރު އެ ޕާޓީގައި ޓެރަރިސްޓުން ހިމެނޭ ކަމަށް އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ވެސް ތުހުމަތު ކުރެއްވަ އެވެ.
އެގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރަށް ބޮޑެތި ތުހުމަތުތަކެއް ކުރެ ވެއެވެ. ނަޒީރު ތަލިބާނުންނާ ގުޅުން އޮންނަ ކަމަށް ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު ވެސް ދަނީ ބަލަމުން ނެވެ. ނަޒީރަކީ ކައުންޓާ ޓެރަރިޒަމް ބޯޑުގެ މެމްބަރެއް ވެސް މެއެވެ.