އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅަށް ވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އުއްތަމު ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަން މައްސަލައާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
އިމްރާން މިއަދު މަޖިލީހަށް ހާޒިރުކުރުމުން ފުރުސަތު ހޯއްދަވައި އިމްތިޔާޒް ވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއިރިޓީގައި ބަލިކަށިކަމެއް ހުރިކަން ފުލުހުންނަށް ފާހަގަވެފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މުއްތަސިމްގެ ގެކޮޅަށް މީހަކު ވަން މައްސަަލ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ކަންތައްތައް އޮތް ގޮތުން މަސްތުވާތަކެތީގައި ޖެހިފައިތިބި މީހުންގެ ފަރާތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އަދި ރޭ އިސްލާމީ މަރުކަޒަށާއި ރައީސް އޮފީހުގެ ދޮރުމައްޗަށް ކުޑަކަމު ދިޔަ މީހާގެ މައްސަލައަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެކަންކަން ވެސް ފެންނަމުންދަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކިބައިން ކަމަށާއި އެކަމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް ޖަސްޓިސްގެ ގެކޮޅަށް ވަނީ ވެސް އެފަދަ [ މަސްތުވާތަކެތީގެ އަަވައިގައި ޖެހިފައި ހުރި] ފަރާތެއް. އެހެން ނަމަވެސް އެ މައްސަލަ ބަލަމުން އެބަދަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް ގެކޮޅަށް މިިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަނީ އެ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާފަ އެވެ. އެކަމާ ގުޅިގެން ވެރިކަން ކުރާ އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެެވެ.