ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުންގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.
ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ބިލު ބަލައިގަތުމަށް ފަހު ބިލު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި އެވެ.
ހެއްކާ ބެހޭ ބިލް ހުށަހެޅީ މިހާރު އަމަލު ކުރާ ހެއްކާބެހޭ ގާނޫނަކީ މި ޒަމާނަށް ކަމުދާ ގާނޫނަކަށް ނުވާތީ ޒަމާނީ ގާނޫނެއް ގެނައުމަށެވެ. މަޖިލީހަށް ހުށަހެޅި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ދީފައިވެ އެވެ.
މަދަނީ އަދި ޖިނާއީ މައްސަލަތަކުގަ އާއި އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ކަނޑައެޅުން ވެސް ބިލްގައި ހިމެނެ އެވެ.
އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހެކިބަސް ގަބޫލް ކުރެވޭނެ އުސޫލުތަކާއި އަންހެނުންގެ ހެކިބަސް ނެގޭނެ ހާލަތްތަކާއި ނެގޭނެ ގޮތްތައްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.
ހެއްކާ ބެހޭ ބިލަކީ 19 ބާބު ހިމެނޭ 150 މާއްދާގެ މައްޗަށް އެކުލެވޭ ބިލެކެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ފާސްކޮށްފައިވާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ. މަޖިލީހުގައި މިހާރު ބަހުސްކުރަމުންދާ ބިލް ފާސްވެ ގާނޫނަކަށް ވުމުން މިހާރު އަމަލުކުރަމުންދާ ބިލް އުވިގެންދާނެ އެވެ.